މިލިންދްގެ 60 ވަނަ އުފަންދުވަސް ރާއްޖޭގެ ކަނޑު އަޑީގައި

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި މޮޑެލް މިލިންދް ސޯމަންގެ 60 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު 60 އަހަރު ފުރުނު އިންޑިއާގެ މަޝްހޫރު މޮޑެލްގެ އުފަންދުވަސް ފާހަގަކުރުމަށް އަންހެނުން އަންކިތާ ކޮންވާރުއާ އެކު ރާއްޖެއަށް އައީ މިލިންދްގެ އުފަންދުވަސް އައުމުގެ ދެ ދުވަސްކުރިންނެވެ. އަބަދުވެސް އެކީގައި އެކި ޤައުމުތަކަށް ދަތުރުގޮސް މުޅިން އާ ކަންކަން ތަޖުރިބާކުރުމަށް ލޯބިކުރާ މި ދެމަފިރިން ވަނީ މިފަހަރުގެ ދަތުރުގައި ވެސް ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށްފައެވެ. އޭގެތެރޭގައި އެންމެ ހާއްސަ ކަމަކަށްވީ މިލިންދްގެ އުފަންދުވަސް ރާއްޖޭގެ ކަނޑު އަޑީގައި ފާހަގަ ކުރުމަށް ދެމަފިރިން އެކީގައި ކުރި ހާއްސަ ޑައިވިންގް ދަތުރެވެ. މިފަހަރުގެ ދަތުރުގެ ހާއްސަ ހަރަކާތްތަކުގެތެރޭ ސްކައިޑައިވިންގް ވެސް ހިމެނޭއިރު ބޮޑަށް ފެނުނީ ރާއްޖޭގެ ކަނޑު އަޑީގައި މިލިންދް ނަގާފައިވާ ހިތްގައިމު މަންޒަރުތަކުން ސޯޝަލް މީޑިއާ ފުރާލި މަންޒަރެވެ. މިލިންދް އާއި އަންކިތާ ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް އަންކިތާ ވެސް ބައިވެރިވި ޑައިވިންގް ހަރަކާތަކީ މިހާތަނަށް ލިމިންދްގެ ހަޔާތުގައި ކުރި އެންމެ ހިތްގައިމު އަދި ހިތްހަމަޖެހޭ ޑައިވް ކަމަށް މިލިންދް ވަނީ ބުނެފައެވެ. ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތަކާ އެކު ކުރި ޕޯސްޓުގައި މިލިންދު ބުނީ އެކީގައި ގިނަ އަދަދެއްގެ މަންތާ ރޭއާ އެކު ފަތަމުންދިޔައިރު އެއީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެއް ކަމަށާއި އެ މީހުންނާ އެކު ކަނޑު އަޑީގައި ފަތަމުންދިޔަ މަންތާ ރޭގެ އަދަދު ވެސް ބުނަން ދަތި ކަމަށެވެ. މިލިންދްގެ އުފަންދުވަހާ ގުޅުވައިގެން ކުރި މި ދަތުރުގައި މިލިންދްގެ ދެމަފިރިން ޗުއްޓީ ހޭދަކުރީ ސީދާ ކޮން ރިސޯޓެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިލިންދް އާއި އަންކިތާ ވަނީ ބ.އަތޮޅުގައި ކުރެވުނު ތަޖުރިބާތައް ދައްކުވައިދޭ ކުރެހުމެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ދަތުރުފައި އަންކިތާ ވަނީ އޭނާގެ 100 ވަނަ ޑައިވް ފުރިހަމަކޮށް ކަނޑު އަޑީގައި ފީނަންކުރި ދަތުރުގައި އެކަން ފާހަގަކޮށްފައެވެ. އެކްޓް ކުރުމުގެ އިތުރުން މިލިންދް މިފަހުން މުޅިންވެސް ހަރަކާތްތެރިވަމުން އަންނަނީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމުގައެވެ. އެގޮތުން ކަސްރަތުކޮށް ދުވުމުގެ މުހިއްމުކަން އާއްމުންނަށް ބުނެދީ ދުވުމުގެ އެކި ކަހަލަ މެރެތަން ތަކުގައި މިލިންދް އާއި އަންހެނުން އަންކިތާ އަންނަނީ ބައިވެރިވަމުންނެވެ. ފިޓްނެސް އައިކަންއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މިލިންދު ވަނީ މީގެކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ