ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތި ލެއްވިޔަސް، މަޖިލީހުގެ ރައީސްކަމަށް ހޮވޭނީ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވާ ފަރާތެއް ކަމަށާއި، ގާސިމްއަށް ދެން އިތުރަށް ކޮށްދެވޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ އައު ބޮޑުވަޒީރުގެ މަޤާމަށް ހޮވުނު ބީޖޭޕީގެ ލީޑަރު ނަރެންދްރާ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި، ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޢާންމު އުސޫލަކީ މަޖިލީހުގެ މެޖޯރިޓީ ނަންގަވާ ޕާޓީއަކުން ސްޕީކަރުގެ މަޤާމު އަދާ ކުރުން ކަމަށެވެ. އަދި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓިތަކުން ކުރިމަތިލައްވާ ފަރާތެއް ހޮވުމަކީ އާންމު އުސޫލެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޤާސިމް އަދިވެސް އޮތީ އަޅުގަނޑުމެންގެ ޕާޓީއިން ފޮނުވި ސިޓީއަށް ޖަވާބު ނުދެއްވާ. އަދިވެސް މަޝްވަރާގެ ދޮރުތައް ވަނީ ހުޅުވިފަ. ދެން ހަމަ ޖެހޭނީ ޤާސިމްގެ ނަންފުޅު ނަންގަވަން، އަޅުގަނޑަށް ވިސްނޭ ގޮތުގައި. ދެން ޤާސިމްއަށް އިތުރަށް ކޮށްދެވޭނެ ކަމެއް އަޅުގަނޑަކަށް ނޭނގޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިދިކޮޅު ޕާޓީއަކުން މަޖިލީސް ރައީސްކަމަށް ކުރިމަތި ލައްވައިގެން މަޖިލީސް ރައީށްގެ މަޤާމު ކާމިޔާބު ކުރެއްވިޔަސް އެއީ ކޯލިޝަނާ ބެހޭ ކަމެއް ނޫން ކަމަކަށް ވިޔަސް، ކޯލިޝަނުގައި ހިމެނޭ އެހެން ޕަޓީއަކަށް އެ މަޤާމު ލިބުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށެވެ.
"އެމްޑީޕީގެ މެމްބަރަކު ސްޕީކަރުކަމަށް ކުރިމަތިލައްވައިގެން ހޮވިއްޖެ ނަމަ އެއީ ކޯލިޝަނާ ބެހޭ ކަމެއް ނޫން. އެހެން ނަމަވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ބޭފުޅަކު ކުރިމަތިލައްވައިގެން ޕީޕީއެމްގެ ބޭފުޅަކު ނޫން މެމްބަރަކު ހޮވިއްޖެ ނަމަ އެއީ މައްސަލައެއް." ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ނެރުމަށް ނިންމާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު، އަދި ނާއިބު ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުލްރަހީމް އަބްދުﷲ އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އިންޑިޔާއާ ރާއްޖެއާ މާދަމާ ރަސްމީ ވާހަކަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ސާރކްގެ ހުރިހާ ޤައުމުތަކުގެ ވެރިން ވެސް އިންޑިޔާއަށް ވަޑައިގަންނަވާތީ، އޭގެ ތެރެއިން ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޑީޔާއަށް ވަޑައިގަތުމަށް ފަހު ޖީއެމްއާރު މައްސަލައާ ބެހޭ މަަޝްވަރާތަކެއް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އެއާޕޯޓުގެ މައްސަލަ ދެފަރާތުގެ މަޝްވަރާގެ މަތިން ގެންދަން ފުރުސަތު ލިބުނު. އެކަމަކު އަޅުގަނޑުމެންނަށް ޚަބަރު ލިބިފަ އޮތީ ޖީއެމްއާރުން މިގޮތަށް ކަންތައް ގެންދަން ބޭނުން ނުވާ ކަމަށް. އަދި ލަފައެއްވެސް ނުކުރެވޭ އިންޑިޔާ ސަރުކާޜުން މި މައްސަލަ ނަގާނެ ކަމަކަށް ވެސް." ރައީސް ވިދާޅުވި އެވެ.
ގާސިމް ކުރިމަތި ލެއްވިޔަސް ރައީސްކަމަށް ހޮވޭނީ މެންބަރުން ވޯޓު ދެއްވާ ފަރާތެއް - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ