ކުޅިވަރުގައި މަތީ ވަނަ ހޯދާ ދަރިވަރުންނަށް އެވޯޑެއް ދެނީ

ކުޅިވަރުގެ މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް އެވޯޑެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ނެސްލޭ މައިލޯ އާ ގުޅިގެން ދޭ، "ކަލާސް" އެވޯޑުގައި ހިމެނޭ ކުޅިވަރުތަކަކީ އެތްލެޓިކްސް އާއި ފެތުމާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިސް އާއި ފުޓުބޯޅަ އާއި ކްރިކެޓާއި ވޯލީބޯޅަ އާއި ބާސްކެޓާއި ނެޓުބޯޅަ އަދި ޓެނިހެނެވެ.
އެވޯޑް ބަހާލާފައިވަނީ 12 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިތުރުން ހާއްސަ އެވޯޑް ކެޓަގަރީ އަށެވެ.
މި އެވޯޑް، ސްކޫލު މުބާރާތްތަކާއި ގައުމީ މުބާރާތުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުން ވަނަތައް ހޯދާ ދަރިވަރުންނަށް ދިނުމަށް ވަނީ ނިންމާފަ އެވެ
އެވޯޑް ރަސްމީކޮށް ލޯންޗު ކުރުމަށް ދަރުބާރު ގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމަށް ކުޅިވަރު މުހިއްމު ރޯލެއް ކުޅޭ ކަމަށެވެ.
ކުޅިވަރަކީ އެންމެން ބައިވެރިވެގެން އަދި ލީޑާޝިޕް ނެގުމަށް ވެސް ދަސްކޮށްދޭ ކަމެއް ކަމަށާއި އެހެންކަމުން ކުޅިވަރުތަކުން ރަނގަޅު ވަނަތައް ހޯދާ ދަރިވަރުންގެ އަގު ވެސް ވަޒަން ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ކުޅިވަރުން އަލަށް ދޭން މި ފެށި އެވޯޑަކީ ވެސް އޯލެވެލް އާއި އޭލެވެލުން އެންމެ މަތީ ވަނަތައް ހޯދާ ފެންވަރުގެ އެވޯޑެއް ކަމަށާއި މި އެވޯޑް މި އަންނަ ޖޫން މަހުގެ ފަހުކޮޅު ދޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި މައިލޯގެ ރާއްޖޭގެ އެމްބެސެޑަރު އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާއި މައިލޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ