ޕާޓީގެ ޕްރައިމަރީގެ ނިންމުންތަކަކީ ޕާޓީގެ އަމިއްލަ ކަމެއް ކަމަށާއި، އެއީ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ފޭދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގެންނެވި މުހައްމަދު ނިހާދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް އައްޑޫ ސިޓީގެ ފޭދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނާކާމިޔާބުވި އަލްހާން ފަހުމީ ޕްރައިމަރީގެ މައްސަލައިގައި ކޯޓަށް ދިޔަ މައްސަލައާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ އަލްހާން ކޯޓަށް ގޮސް ކުރައްވާ މަސައްކަތުގެ ސަބަބުން މަޖިލީސް އިންތިޚާބަށް އަސަރު ކޮށްފާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަލްހާން ޕްރައިމަރީގައި ނާކާބިޔާބުވުމަށް ފަހު، އަމިއްލަ ގޮތުން އެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އަލްހާންގެ ކެމްޕޭންގައި އެމްޑީޕީގެ ނިޝާން ބޭނުންކުރުމަކީ ވެސް ގޯހެއް ކަމަށާއި، އަލްހާން އެހެން ހައްދަވައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައިގައި، އެ ދާއިރާގެ ހުރިހާ ގެޔަކަށް ޒިޔާރަތް ކޮށް، އެމްޑީޕީގެ ކެންޑިޑޭޓަކީ ނިހާދު ކަން އެންގުމަކީ ކުރެވޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް، ފޭދޫގެ ރައްޔިތުންނަށް ހެޔޮ ވިސްނޭނެ ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓަކީ ކޮން ފަރާތެއް ކަން ވެސް އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް އަލްހާން ވަކި ކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރުވެސް ލިބިގެން ވާނެ ކަމަށެވެ.
"ދެން އަލްހާންގެ މައްސަލާގައި އަޅުގަނޑުމެން އަޅާ ފިޔަވަޅަކީ ބުނާނީ އެއީ ޕާޓީގެ މެމްބަރެއް ނޫނޭ. އެހެން ނޫންތޯ؟ އެއީ އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅަކީ." އެމްޑީޕީގެ ލޯގޯ ބޭނުން ކޮށްގެން އަލްހާން ކެމްޕޭން ކުރައްވާ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީގެ މައްސަލައިގައި، އަލްހާން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީޢަތް މިއަދު ވަނީ ފަށައިގެން ކުރިޔަށް ގެންގޮސްފައެވެ.
ޕާޓީ ޕްރައިމަރީގެ ނިންމުމަކީ ކޯޓުން ބެލޭނެ ކަމެއް ނޫން - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ