ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ. 
މަޖިލީހުގެ މިރޭގެ ޖަލްސާގައި އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އެ މަގާމަށް އައްޔަންކުރުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވުމަށް ތާއީދުކުރައްވާ 55 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އެމަނިކުފާނާ ދެކޮޅަށް އެއްވެެސް މެންބަރަކު ވޯޓް ދެއްވާފަައެއް ނުވެ އެވެ. 
މިރޭގެ ވޯޓުގައި ބައިވެރިނުވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާތީ މިރޭގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ. 
އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން މިރޭ ރުހުން ދީފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލްއުސްތާޒް އަހްމަދު ފާއިޒު ހުސައިން މިއަދު މަގާމުން ވަކިކުރެއްވުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. 
އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމީ ކޮމިޝަންގެ ބައްދަލުވުމުގައި މިއަދު ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުންނެވެ. 
ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދަކީ އިންތިގާލީ މަރުހަލާގައި ވެސް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފުރަތަމަ ސްޕްރީމްކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.  އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ މިސްރުގެ އަޒުހަރު ޔުނިވަސިޓީންނެވެ. މާސްޓާސް ހެއްދެވީ މޯލްޓާގަ އެވެ. އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓާނީ ޖެނަރަލް ކަމުގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ލޯ އެންޑް ޝަރީއާ ފެކަލްޓީގެ ފުރަތަމަ ޑީންގެ މަގާމުވެސް ފުރުއްވާފަ އެވެ. ކިޔަވާ ވިދާޅުވެ ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވެވީ ސްޓޭޓް އެޓާނީއެއްގެ މަގާމެވެ. 
އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު އަބްދުﷲ އަރީފްއާއި އަދި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
    
    އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު އައްޔަންކުރަން ރުހުން ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ