2-5 ގެ ނަތީޖާއަކުން ސްވިޒަލޭންްޑްގެ މައްޗަށް ކުރި ހޯދާ ފްރާންސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
މި މޮޅާއެކު ފްރާންސް މިވަގުތު އޮތީ ގްރޫޕް އީ ގެ އެއްވަނައިގައި 6 ޕޮއިންޓާއެކީ އެވެ. ދެވަނައިގައި 3 ޕޮޮއިންޓާއެކީ އޮތީ ސްވިޒަލޭންޑް އެވެ. މިރޭ އިކުއެޑޯ އާއި ހޮންޑިއުރާސް ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމިއްޖެނަމަ ފްރާންސް މި ގްރޫޕުން ދެވަނަ ބުރަށްދާ ފުރަތަމަ ޓީމަށް ފްރާންސް ވެގެންދާނެ އެވެ.
ބްރެޒިލްގެ ސަލްވަޑޯގެ އެރީނާ ފޮންޓެ ނޯވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ފްރާންސް އިން ވަނީ މޮޅު ކުޅުމެއްދައްކާ ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓްގައި ފްރާންސް އިން ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. ވެލްބުއެނާ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ވަރަށް ރީއްޗަށް ކުރިއަށް ފޮނުވާލައިގެން މި މެޗުގައި ފްރާންސްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. ޖިރޫޑް ޖެހި މި ގޯލަކީ ވޯލްޑްކަޕްގެ ތާރީހުގައި ފްރާންސް އިން ޖެހި 100 ވަނަ ގޯލްކަން ފާހަގަކޮށްލަންޖެހެ އެވެ. މި ގޯލް ޖެހިތާ 66 ސިކުންތު ފަހުން ބެންޒެމާ ދިން ޕާހަކުން ފްރާންސްގެ މިޑްފިލްޑަރ ބްލެއިސް މަޓުއިޑީ ވަނީ ފްރާންސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ފްރާންސްގެ މި ދެ ގޯލަށްފަހު ސްވިޒަލޭންްޑް އަށް ވަނީ މެޗުގެ 30 ވަނަ މިނެޓްގައި ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ނަމަވެސް އެޓީމުގެ ޒުވާން ފޯވާޑް ޝަގީރީ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މެޗުގެ 31 ވަނަ މިނެޓްގައި ފްރާންސްގެ ބެންޒެމާއަށް ސްވިޒަލޭންޑްގެ ޑިފެންޑަރު ޖޫރޫ ކުރި ފައުލާ ގުޅިގެން ވަނީ ފްރާންސްއަށް ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ބެންޒެމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ބެނާގްލިއޯ ދިފާއުކުރުމުން ދެން ބޯޅަ ލިބުނީ ފްރާންސްގެ މިޑްފިލްޑަރ ކަބާއޭ އަށެވެ. ނަމަވެސް ކަބާއޭ ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
ފްރާންސްއަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވިތާ 9 މިނެޓްފަހުން އެޓީމުން ވަނީ މެޗުގެ ތިންވަނަ ގޯލްޖަހާފަ އެވެ. ޖިރޫޑް ދިން ޕާހަކުން މި ގޯލް މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރ މެތިއު ވެލްބުއެނާ އެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ސްވިޒަލޭންޑްއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.އެގޮތުން އެޓީމުގެ ޒެމައިލީ ކުރިއަށް ފޮނުވާލި ބޯޯަ ގޯލުގެ ދަޑިމަތިން ބޭރަށް ދިޔައިރު އެޓީމުގެ މެހްމަދީ ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލުގެ ދަޑިމަތިން ބޭރަށެވެ.
ސްވިޒަލޭންޑް ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓްގައި ފްރާންސް ޓީމުން 4 ވަނަ ގޯލް ޖެހުމެވެ. ޕޮގްބާ ދިން ރީތި ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ ބެންޒެމާ މި މުބާރާތުގައި ކާމިޔާބުކުރި 3 ވަނަ ގޯލެވެ. 4 ވަނަ ގޯލްޖެހިތާ މާގިނަ އިރުތަކެއް ނުވެ ބެންޒެމާ ދިން ޕާހަކުން ފްރާންސްގެ ފުލްބެކް ސިސޯކޯ ވަނީ އެޓީމުގެ 5 ވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ސްވިޒަލޭންޑްގެ ހަމައެކަނި ގޯލް އެޓީމަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްެލެރިމް ޒިމެއިލީ އެވެ. އަދި އެޓީމުގެ ދެވަނަ ގޯލް މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގްރެނިތް ޒާކާ އެވެ.
މި މެޗުން ބަލިވުމާއެކު ސްވިޒަލޭންޑް އަށް މި މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ގްރޫޕްގެ ފަހު މެޗުގައި ހޮންޑިއުރާސްއާ ކުޅޭ މެޗަކީ މުހިއްމު މެޗެކެވެ.
ގްރޫޕްގެ ފަހު މެޗުގައި ފްރާންސް ބައްދަލުކުރާނީ އިކުއެޑޯއާ އެވެ. ސްވިޒަލޭންޑް ބައްދަލުކުރާނީ ހޮންޑިއުރާސްއާ އެވެ. އެ މެޗު ވެސް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުގަ އެވެ.
ފަސޭކަމާއެކު ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދާ ދެވަނަ ބުރާ ގާތަށް ފްރާންސް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ