ފޯކައިދޫގެ ރައްޔިތުންނާއި އެރަށު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ދީނީ ދަރުސްއެއް ބާއްވައިފި

ށ.ފޯކައިދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ފޯކައިދޫ ސުކޫލު ގުރޭޑް 7 ން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނާއި، ފޯކައިދޫ ޒުވާނުންނާއި އަދި ރައްޔިތުންނަށް އަމާޒުކޮށްގެން އެރަށުގައި ހާއްސަ ދިނީ ދަރުސްއެއް ބާއްވައިފިއެވެ.
ފުލުހުން ބުނީ މި ޖަނަވަރީ މަހުގެ 04 ވަނަ ދުވަހުގެ ރޭ ށ.ފޯކައިދޫ ސުކޫލުގައި ކުރިޔަށް ގެންދިޔަ ދަރުސް ދެއްވާފައިވަނީ އައްޝައިޙް އަޙްމަދު ޞަމީރު ބިން އިބްރާޙީމް ކަމަށެވެ.
މި ހާއްސަ ދަރުސްގައި އައްޝައިޙް އަޙްމަދު ޞަމީރު ބިން އިބްރާޙީމް ދެއްކެވި ވާހަކައިގައި ކިޔަމަންތެރި އަޅުންގެ ގައިގައި ހުންނަންޖެހޭ އުޅުމާއި އަޙްލާޤަކީ ކޮބައިކަމާއި ދަރިވަރުންނާއި ދަރިންގެ ކިބައިގައި ކިޔަމަންތެރިކަން އަށަގެންނެވުމުގައި ބެލެނިވެރިންނާއި މައިންބަފައިންގެ ދަޢުރަކީ ކޮބައިކަމާއި ބެހޭގޮތުން ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން ރަށުގައި އުޅޭ ޒުވާނުންގެ އުޅުމާއި އަޙްލާޤް ބަހައްޓަންޖެހޭ ގޮތާއި ބެހޭ ގޮތުންވެސް މި ދަރުސްގައި ވަނީ އަލިއަޅުއްވައިލައްވައިފައެވެ.
މާލެއާއި ރާއްޖެގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނުން ތަކުން އެރަށްރަށުގެ ސުކޫލުގެ ދަރިވަރުންނާއި ރައްޔިތުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް މިފަދަ ދަރުސްތައް ދަނީ ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ