ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ގާނޫނާ ހިލާފަށް އަމަލު ކޮށްގެން ނުވާނެ: މައުމޫން

ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ރަސްމީ އިދާރާއެއްގެ މީހަކު ގާނޫނާ ހިލާފަށް އަމަލެއް ކޮށްގެން ނުވާނެ ކަަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ރަސްމީ އިދާރާއެއްގެ މީހަކު ގާނޫނާ ހިލާފަށް އަމަލެއް ކޮށްގެން ނުވާނެ ކަަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް އެމަނިކުފާނު އިޝާރާތް ކުރައްވާ ކަމެއްގެ އެއްވެސް އިތުރު ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް މައުމޫން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ އެމަނިކުފާނުގެ ދޮށީފިރިހެން ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހިމެނޭ ގޮތަށް ހަތަރު މެންބަރަކު ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވަމުންދާ ވަގުތެއްގަ އެވެ.
ސޯޝަލް މީޑިއާގައި މިވާހަކަތައް ދައުރުވާން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް ފާރިސް މައުމޫން މަސައްކަތް ކުރައްވާފައިވާ ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން އިއްޔެ ހާމަކުރުމާ ގުޅިގެންނެވެ.
ފުލުހުންގެ އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ މެންބަރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަތަކެއް ހުށަހެޅި ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި ފާރިސް މައުމޫން ވަނީ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ލިބިފައިވާ ހެއްކާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ. އަދި ނޫސްވެރިންނަށް ސުވާލުކުރަން ވެސް ފުރުސަތު ދީފައެއް ނުވެ އެވެ.
ފުލުހުންގެ މިވާހަކަތަކަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ރޭ ރައްދުދެއްވާފަ އެވެ. ކުނޫޒުގައި ގުޅިފައިވާ ޕާޓީ ތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ފާރިސް މެންބަރަކަށް ރިޝްވަތު ދީން ކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ އަތުގައި ނުހުންނާނެ ކަމަށެވެ. އަދި ފުލުހުންގެ ތުހުމަތުތައް ފާރިސް ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ