ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފް ވެސް ޕާޓީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮމްޕަންޓް އެލަޔަންސް (އެމްޑީއޭ) ގެ މެމްބަރުކަމުން ވަކިވެވަޑައިގެންފިއެވެ.
އެމްޑީއޭއިން ވަކިވެވަޑައިގެން ހުސައިން އަރީފް ވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދަށް މިއަދު އެކަން އަންގަވާފައެވެ.
ޝިޔާމަށް އަރީފް ފޮނުއްވި ސިޓީގައި ވިދާޅުވީ މިހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑިއަށް ރައްޔިތުން އޭނަ އިންތިޚާބުކުރީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބޭނުންވާ އެންމެހާ ގާނޫނުތައް ހަދައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ތަރައްގީގެ މަގަށް ވާސިލުވުމަށްޓަކައި ކުރެވެން ހުރި އެންމެހާ މަސައްކަތް ކުރުމުގެ އުންމީދާއި އަޒުމުގައި ކަމަށެވެ. ޕީޕީއެމް އެމްޑީއޭ ކޯލިޝަނާ ގުޅިގެން އެކަންކަން ސަރުކާރުތެރެއިން ރައްޔިތުންނަށް ހާސިލްކޮށްދިނުމުގެ އުންމީދުގައި އެމްޑީއޭއާ ގުޅިގެން ކަންކަން ކުރެވޭތޯ ވަރަށް މަސައްކަތް ކުރައްވާފައިވާ ކަމަށް އަރީފް ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑަށް ތަޖުރިބާކުރެވި އަދި ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭ ތަމްސީލުކުރާ މެމްބަރުންނަށް ސަރުކާރާ ގުޅިވަޑައިގެންތިބެ ރައްޔިތުންގެ ހައްގުގައި ކުރެވިދާނެ މާބޮޑު މަސައްކަތެއް ނެތެވެ" ހުސައިން އަރީފްގެ ސިޓީގައި ވެއެވެ.
އެހެންކަމުން ނޮޅިވަރަމް ދާއިރާއާއި ހދ.އަތޮޅާއި އަދި ބޮޑުތިލަދުންމަތީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި އޭނަ ކުރައްވަމުން ގެންދަވާ ގައުމީ މަސައްކަތުގައި ދެމިހުންނެވުމަށްޓަކައި އެމްޑީއޭގެ މެމްބަރުކަމުން މިއަދުން ފެށިގެން ވަކިވެވަޑައިގެންފައިވާ ކަމަށް އަރީފް ވަނީ ވިދާޅުވެފައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެމްޑީއޭއިން ވަކިވެވެވަޑައިގެން އެޕާޓީގެ ލީޑަރަށް އެކަން މިއަދު އަންގަވާފައިމިވަނީ މީގެ ހަތަރުމަސް ކުރިން އެމްޑީއޭގެ ފިޔަވަޅު އަޅާ ކޮމިޓީން އޭނަ ޕާޓީން ވަކިކޮށްފައިވާ ކަމަށް ނިންމާފައި ވަނިކޮށެވެ. އެގޮތަށް ނިންމީ އެމްޑީއޭގެ އުސޫލްތަކާއި ނިންމުންތަކާއި ޚިލާފަށް އޭނާ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާތީ ކަމަށް ބުނެއެވެ. ޕީޕީއެމް ދެބައިވުމަށްފަހު އަރީފް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް މައުމޫނަށް ވަފާތެރި ބޭފުޅުންނާއެކުގައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރުކަމަށް ހުސައިން އަރީފް މަޖިލީހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް އޭނާ އެމްޑީއޭއާ ގުޅިވަޑައިގަތީ ޖޭޕީން ވަކިވެވަޑައިގަތުމަށްފަހު ދުވަސްކޮޅަކު ޕީޕީއެމްގައިވެސް އުޅުއްވުމަށްފަހުއެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއިން ވަކިވެވަޑައިގެންފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް އެޕާޓީން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ. މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ރައީސް ޔާމީން ފަޅީގެ 10 މެމްބަރަކު ސޮއިކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންނާއި، މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މުގައްރިރު ކަމުންވެސް އިސްތިއުފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ