ޕޭސްމޭކަރގެ މަސައްކަތަށް ބޭނުންވާ ކަރަންޓު ހިތުގެ ހިނގުމުން ނަގަނީ

ހިތުގެ ހިނގުމުގައި މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ހިތުގެ ހިނގުން ރަނގަޅުކޮށް ހުންނަން ޖެހޭ ވަރުގައި ހިފަހައްޓައި ކޮންޓްރޯލު ކުރަނީ "ޕޭސްމޭކަރ"ގެ އެހީގައެވެ. މި ޕޭސްމޭކަރުގެ މަސައްކަތަށް ކަރަންޓު ބޭނުންވެއެވެ. އެޔަށް ބޭނުންވާ ވަރަށް ކަރަންޓު ލިއްބައިދެނީ އޭގައި ހަރުކޮށްފައިވާ ބެޓަރީ އަކުންނެވެ. ކުޑަކުޑަ ބެޓަރީއެއްގެ ސައިޒުގައި އޮންނަ މި ޕޭސްމޭކަރު ހަށިގަނޑުގެ ތެރޭގައި އޭގެ ބެޓަރީގެ ބާރުގައި 12 ވަރަކަށް އަހަރު ބަރާބަރަށް މަސައްކަތް ކުރެއެވެ. އަދި އޭގެ ފަހުން ބެޓަރީ އާ ކުރަން ޖެހެއެވެ.
ޕޭސްމޭކަރު ހަށިގަނޑުގެ ތެރޭގައި އޮންނަ އިރު އެޔަށް މަސްއަރައި ބައެއް ފަހަރު ބެޓަރީ ބަދަލުކުރުމުގައި ކުރަން ޖެހޭ މަސައްކަތް ޑޮކްޓަރުންނަށް ތަންކޮޅެއް އުދަނގޫވެގެން ވެސް ދެއެވެ. އެހެންވެ ބައެއް ފަހަރު އެ ޕޭސްމޭކަރު ނުގަނަގައި އެހެން ޕޭސްމޭކަރެއް އަޅުވަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް ވެއެވެ. މި ކަމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ފާހަގަ ވެފައި ނެތް ކަމުގައި ވިޔަސް މިއަށް ވުރެ ފަސޭހަ ގޮތެއް ހޯދުމަށް މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން ޔުނިވާސިޓީ އޮފް ބަފަލޯގައި ޕީއެޗްޑީ އަށް ކިޔަވަމުންދާ ދަރިވަރަކު ވަނީ އެ ކަމުގައި ކުރިއެރުންތަކެއް ހޯދައިފައެވެ. އޭނާ ވަނީ އުމުރު ދުވަހަށް ޕޭސްމޭކަރ އަށް ބޭނުންވާ ކަރަންޓު ބަލިމީހާގެ ހިތުގެ ހިނގުމުން ލިބޭނެ ގޮތެއް ހޯދައިފައެވެ.
ހޫމަން އަންސާރީ އުފައްދާފައިވާ މި އާ ޑިވައިސްގެ ސަބަބުން ދެން ބެޓަރީ ބަދަލުކުރާކަށް ބަލިމީހުން އޮޕަރޭޝަން ކުރާކަށް ނުޖެހޭނެއެވެ. އޭނާ ބުނީ އެ ޑިވައިސްގެ ސަބަބުން ޕޭސްމޭކަރ ލެއްވުން އެއީ އެންމެ ފަހަރަކު ކުރަން ޖެހޭ ކަމަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި އެކަމަށް ނަގާނީ 15 ވަރަކަށް މިނިޓު ކަމަށް ވެސް ބުނެފައިވެއެވެ. އަންސާރީ ބުނީ އެމެރިކާގައި އެކަނި ވެސް ކޮންމެ އަހަރަކު 200,000 މީހުން ޕޭސްމޭކަރގެ ބެޓަރީ ބަދަލުކުރަން އޮޕަރޭޝަން ކުރާ ކަމަށެވެ. އެހެން ކަމުން މި އުފެއްދުމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އޭނާ ދެކެއެވެ.
އާންމުކޮށް މިހާރު ބޭނުންކުރަމުންދާ ޕޭސްމޭކާރ އަށް ވުރެ އަންސާރީގެ އުފެއްދުން ކުޑައެވެ. އޭގެ ދިގު މިނަކީ ގާތްގަނޑަކަށް ސެންޓިމީޓަރެއްގެ ދެބައިކުޅަ އެއްބައެވެ. މި ޑިވައިސް ހިނގުމަށް ބޭނުންވާ ކަރަންޓް ނަގާނީ ބަލިމީހާގެ ހިތުގެ ހިނގުމުގައި އުފެދޭ ވައިބްރޭޝަނުންނެވެ. އަންސާރީ މިހާރު މަސަައްކަތް ކުރަމުން ދަނީ މި ޑިވައިސްގައި "ބެކްއަޕް ޕަވާ" ހަރުކުރާނެ ގޮތެއް ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ