24 ގަޑިއިރު ކަރަންޓު ލިބޭ ވާހަކަ ދެއްކެވުމުން ރޮޒައިނާގެ ފާޑުކިޔުން ރައީސް ޔާމީނަށް!

ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދެނީ މި ސަރުކާރުންކަމަށް ޕީޕީއެމްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވެ، އައްޑޫގެ ރަށްތަކަށް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް ކެނޑިގެންދާ މައްސަލަ ދިމާވަމުންދާ މިދަނޑިވަޅުގައި ރައީސް ޔާމީން 24 ގަޑިއިރު ރަށްތަކަށް ކަރަންޓު ލިބޭ ވާހަކަ ދެއްކެވުމުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވާހަކައިން ދޭހަވީ ރައީސް ޔާމީން ފިނިކޮޓަރީގައި އިންނަވާއިރު ރާއްޖޭގެ އެހެން ރައްޔިތުން އުޅޭ ދަތި ހާލު ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާކަން ކަމަށެވެ.
Raajjeyge thaareehugai raajje noon thaakah 24 gadi iru karantu foaru kohdheneetho manikfaanu? Addu midhiya 3 aharu abadhu karantu kendikendi pic.twitter.com/SBiHgTHc5B
އަދި އައްޑޫއިން މިދިޔަ 3 އަހަރު އަބަދު ކަރަންޓު ކެނޑިކެނޑި އޮތްކަން ފާހަގަކުރައްވާ ރޮޒައިނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދެނީ މި ސަރުކާރުންކަމަށް ރައީސް ޔާމީނު ވިދާޅުވުމުން އެއަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައިވަނީ ރާއްޖޭގެ ތާރީޚުގައި ރާއްޖެ ނޫންތަނަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދެނީތޯ ސުވާލު އުފައްދަވާފައެވެ.
ޖަނަރޭޓަރެއް ހަލާކުވެ، މިމަހުގެ ކުރީކޮޅު އައްޑޫގެ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. މިމައްސަލައިގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ރޮޒޭނާވަނީ ފެނަކަ ފަދަ އަސާސީ ޚިދުމަތްތައް ދޭ ކުންފުންޏެއް ސިޔާސީ ނުފޫޒުން އެއްކިބާވާން ޖެހޭނަކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ 4 އަހަރު އައްޑޫގެ ކަރަންޓުގެ ޚިދުމަތަށް ކުރިއެރުމެއް އައިސްފައިނުވާއިރު އައްޑޫއަށް ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީ ދެނެގަނެ، އެކެޕޭސިޓީއަށް ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން ނުކުޅެދިފައިވާކަން އޭރުވެސް ރޮޒޭނާ ފާހަގަކުރެއްވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ