މޫސުން ގޯސްވެއްޖެ، ކަނޑު ދަތުރުތަކަށް ސަމާލުވޭ!

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަވެ ވިއްސާރަ ކުރަމުންދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެންއެންޑީއެފުން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ދަތުރުކުރައްވާނަމަ މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެެވެ. "އަދި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެކެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށްވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. "ކަނޑުތައް މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ، އެހެންހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ