މިއީ ސުޕްރީމް ކޯޓުން އެންމެ ގިނަ މައްސަލަ ތާވަލްކޮށް، ނިންމި އަހަރު: އުއްތަމަ ފަނޑިޔާރު

މިއީ ސުޕްރީމް ކޯޓުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މައްސަލަ ތާވަލްކޮށް އަދި މައްސަލަތުގައި އެންމެ ގިނަ ހުކުމް ކުރި އަހަރު ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާ އާއި އެއްބާރުލުމާ އެކު އަލަށް ފަށައިގަތް މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ.
މިދިޔަ 12 އަހަރުގެ ތަފާސް ހިސާބަށް އިޝާރާތްކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރަކީ ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަތައް ތާވަލްކޮށް އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރު ކަމަށެވެ. އަދި އެންމެ ގިނަ މައްސަލަތައް ނިންމީ ވެސް މި އަހަރު ކަމަށް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިދިޔަ 11 އަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކުގެ އެވްރެޖަކީ 24 އެވެ. އެކަމަކު މި ނިމުނު 12 ވަނަ އަހަރު 49 މައްސަލައެއްގައި ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މުއްދަތުގައި 13 މައްސަލައެއް ކޯޓަށް ބަލައިގަތުމާ މެދު ގޮތް ނިންމައި އިޖުރާއީ ގޮތުން ފަސް މައްސަލައެއް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 އިން މި އަހަރުގެ ސެޕްޓެމްބަރު 18 އަށް 251 އަޑުއެހުން ސުޕްރީމް ކޯޓުގައި ބާއްވާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
"މިއީ ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކުރަން،" މިއީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ލިބިފައިވާ މަދު ވަސީލަތްތަކާ އެކު ވެސް އެންމެ ފުރިހަމަ ގޮތުގައި މި މަސައްކަތްކުރުން މަތީ ދެމިތިބުން. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުން،"
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ސުޕްރީމް ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ ހިތާބުން ނަގާފައިވާ ސްކްރީޝޮޓެއް
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް 12 އަހަރު ފުރުން ފާހަގަކުރަނީ ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހެޔޮ ތަޖުރިބާއާ އެކުގައި ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ހާމަކުރަން ފެށުމާއި ޖޫން މަހުގެ ދެ ވަނަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ވަގުތުން ދައްކަން ފެށުމަށެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ޝަރީއަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ލައިވްކޮށްގެން ކަމަށް ވާއިރު ކުރިއަށް އޮތް ތަނުގައި ޝަރީއަތުގެ މާލަމުގައި ހިންގާ ޝަރީއަތްތައް ވެސް އެގޮތަށް ލައިވްކޮށް ކުރިއަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި މުއުތަސިމް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް ފަސޭހަކޮށްދިނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
"އަޅުގަނޑުގެމެންގެ އަމާޒަކީ ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓަކީ ފަސޭހަކާ އެކު އަދުލުއިންސާފަށް ވާސިލްވެވޭނޭ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިބުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިހާރު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. ކުރިން ތިއްބެވި ފަނޑިޔާރުންނަށް ކުރެވުނު ސީރިއަސް ތުހުމަތުތަކާ އެކު މަގާމުން ވަކިކޮށް މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނަކީ ވެސް މި ސަރުކާރުން އައްޔަންކުރެއްވި ބޭފުޅުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަންކުރީ މި މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ