އޭޑީކޭއިން ކާމިޔާބުކަމާއެކު 12 ދުވަހުގެ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފި

އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު 12 ދުވަހުގެ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ކުރި މި އޮޕަރޭޝަނަކީ ތުއްތުކުއްޖާގެ ހިތުގެ މައި ނާރު ފިތުމުގެ ސަބަބުން އެކުއްޖާގެ ފުރާނައަށް ނުރައްކާވެގެން އިމަޖެންސީގައި ކުރި އޮޕަރޭޝަނެއްކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއީ އޭޑީކޭ ހޮސްޕިޓަލުގައި ކުރި ކީހޯލް ކާޑިއެކް ސާޖަރީއެވެ.
12 ދުވަހުގެ މި ތުއްތު ކުއްޖާގެ ހިތުގެ އޮޕަރޭޝަންގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެކުއްޖާ އެންމެ ފުރަތަމަ ބެއްލެވި، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. އައިޝަތު އެލީނާ ވިދާޅުވީ، އެ ކުއްޖާގެ މަންމަ އެންމެ ފުރަތަމަ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ކުއްޖާގެ ހިތް ތެޅޭއިރު އިވޭ އަޑު ތަފާތު ވުމުން ކަމަށެވެ.
ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާގެ ހާލަތު އިތުރަށް ބެލުމުން ހިތުގެ މައިނާރު ފިތި ކުއްޖާގެ ހަށިގަނޑުގެ ތިރީ ބަޔަށް ލޭ ދައުރު ނުވާކަން ފާހަގަވިކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް އާންމުގޮތެއްގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ރިކޮމެންޑްކުރިނަމަވެސް، ކޯވިޑް-19ގެ ސަބަބުން ކުއްޖާއަށް އަވަސް ފަރުވާ ބޭނުންވާތީ އޭޑީކޭގެ ހިތުގެ ބަލީގެ އޮޕަރޭޝަން ޓީމާއި ގުޅިގެން އަވަސް ފަރުވާ ދިނުމަށް އަވަސްވެގަތީކަމަށްވެސް ޑރ. އެލީނާ ވިދާޅުވިއެވެ.
"މިކަމަކީ ވަރަށް ހައި ރިސްކް ކަމެއް. އާންމުގޮތެއްގައި މިވަރު ކުއްޖެއްގެ ހިތުގެ މައިނާރުގައި 8 މިލިމީޓަރާއި 10 މިލިމީޓަރުގެ ފުޅާމިން ހުންނާނެ. އެކަމު މިކުއްޖާގެ ނާރުގެ 1 މިލިމީޓަރުވެސް ނުފެނޭ. އެދުވަހު އެކުއްޖާ ނުގެނައިނަމަ ކުއްޖާގެ ފުރާނައަށްވެސް ނުރައްކާވީސް. އެހެންކަމުން އޭޑިކޭގައި މި ވަސީލަތްތައް ހުރުމުން އޭޑީކޭއަށް މި އޮޕަރޭޝަންއަށް ރިކޮމެންޑްކުރީ" ޑރ.އެލީނާ ވިދާޅުވިއެވެ.
އެ ތުއްތުކުއްޖާގެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހިތާއި ފުއްޕާމޭގެ އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު ޝާފިއުވަނީ އަޕަރޭޝަން ކުރުމުގައި ދިމާވިކަންތައްތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ތުއްތު ކުއްޖާ އޮޕަރޭޝަންކުރުމަށް ކުޑަކޮށް ތޮރުފައިގެން އޮޕަރޭޝަން ފެށުމުން ކުރިން ލަފާކުރިވަރަށްވުރެ އޮޕަރޭޝަންގައި ދަތިތަކެއް ދިމާވިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ދަތިތަކާއެކުވެސް އޭޑީކޭގައި ޤާއިމުކޮށްފައިވާ ވަސީލަތްތަކާއެކު ކާމިޔާބުކަމާއެކު ކުއްޖާގެ އޮޕަރޭޝަންކޮށް މިހާރު ކުއްޖާގެ ހިތުގެ އައިބު އެއްކޮށް ރަނގަޅުކުރެވިފައިިވާކަން ޑރ. ޝާފިއު ފާހަގަކުރެއްވިއެވެ.
" އޮޕަރޭޝަން ލަސްވި ނަމަ ކުއްޖާގެ ހަށިގަނޑުގެ ތިރީގައި އެސިޑް އުފެދި ގުނަވަންތަކަށް ގެއްލުން ވުމުގެ ބިރު އޮތް. އަޕަރޭޝަން ވަރަށް ކާމިޔާބު ކުއްޖާގެ ހަށިގަނޑުގެ ތރިރީ ގުނަވަންތަކަށް މިހާރު އޮކްސިޖަންވެސް ލިބޭ. ކުއްޖާގެ ހާލަތު ވަރަށް ގާތުން ދަނީ މޮނީޓަރ ކުރަމުން" ޑރ. ޝާފިއު ވިދާޅުވިއެވެ.
މި އޮޕަރޭޝަންކުރި ތުއްތު ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށް އޭޑިކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި މިހާރު އެ ކުއްޖާއަށް ގާތުންވެސް ދެވޭ ކަމަށާއި އޮޕަރޭޝަންކުރި ތަންތަން ރަނގަޅުވުމުން ގެޔަށް ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު 12 ދުވަހުގެ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު ހިތުގައި ލޯވަޅެއް އިން 26 އަހަރުގެ އަންހެނެއްގެ އޮޕަރޭޝަންވެސް އޭޑީކޭއިން ވަނީ ފުރަބަންދުގެ ތެރޭގައި ކާމިޔާބުކަމާއެކު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ