ރައްޔިތުންގެ މަޖިލީހުގައި މިހާރުތިބި މެންބަރުންނާއި އެކު މަޖިލިސް ކުރިއަށް ގެންދަން ބޭނުންވޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށް ގައުމީ ހަރަކާތުން މިއަދު ބުނެފި އެވެ.
ނަލަހިޔާ ހޮޓެލްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ހަރަކާތުގެ ހިންގާ ކޮމެޓީގެ މެމްބަރު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މިރޭ ބާއްވާ ގައުމީ ހަރަކާތުގެ ޖަލްސާގައި އެކަން ކުރިއަށް ގެންދާނެ ގޮތްތަކެއް ނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ޚަރަދު ކުޑަ އެންމެ ނަމޫނާ އަދި އެންމެ ބޮޑު އިންތިޚާބަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދި ކެމްޕެއިންވެސް ކުރާނަން. ދާއިރާތަކުގައިވެސް އިންތިޚާބީ ކޮމެޓީތަށް ހަދާނަން. ރަށްރަށުގައިވެސް ހަދާނަން. އެތަންތަނުގައި އަޅުގަނޑުމެންގެ މަންދޫބުން ހަރަކާތްތެރި ވާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ހަރަކާތުން ހިންގާ ހަރަކާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އަޑީގައި ހުންނަވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށް މަދު ބަޔަކު ތުހުމަތު ކުރާ ކަމަށާއި، ނަމަވެސް ރައީސް ވަހީދާއި އެ ހަރަކާތްތަކާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އަދި ވިދާޅުވީ ގައުމީ ހަރަކާތުން ހިންގާ އެއްވެސް ކަމަކީ ރައީސް އަށް އެނގިގެން ނުވަތަ މަޝްވަރާ ކޮށްގެން ހިންގޭ ކަމެއްވެސް ނޫންކަމަށެވެ.
ގައުމީ ހަރަކަތުގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ހަރަކާތް ހިންގާ ކޮމެޓީގެ މެމްބަރު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ބޮޑެތި ޖިނާއީ ކުށްތައް ކޮށްގެން ތިބި މީހުން އެބަތިބި ކަމަށާއި އެ މީހުން ނެރެ ރައްޔިތުންގެ މަޖިލީސް ތޯހިރު ކުރުމުގެ މަސައްކަތް ގައުމީ ހަރަކާތުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
މަޖިލީހާ މެދު ރައްޔިތުން ރުހޭތޯ ބެލުމަށް މުޅި ރާއްޖޭގައި ވޯޓެއް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ