ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. އެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން މިސަރަހަށްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެންދުނު 8:30 އިން ހަވީރު 14:30 އަށެވެ.
ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދާނެކަމަށާ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮއްފައިވެއެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާނެކަމަށާ، ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން މިއަދު އުތުރާއި މެދު ރާއްޖެތެރޭ ކަނޑުތައް ގަދަވާނެ ކަމަށާ، ދެކުނުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
އަދި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން އިލްތިމާސްކުރެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ