އުނދޯލި ހެއްލަން ތިބި 7 ކުދިން އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދު ވެއްޖެ

އިސްރާއީލުން ޣައްޒާ އަށް މިއަދު ދިން ހަމަލާއެއްގައި ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ޕާކެއްގެ ތެރޭގައި އުނދޯލި ހެއްލަން ތިބި 7 ކުއްޖަކު ޝަހީދު ވެއްޖެއެވެ.
އިސްރާއީލުން މިއަދު ޣައްޒާއަށް ފޮނުވާލި މިސައިލް ހަމަލާތަކުގެ ތެރެއިން ކުޑަކުދިންގެ ޕާކަކަށް ފޮނުވާލި ހަމަލާގައި 7 ކުދިންގެ އިތުރުން އިތުރު މީހަކު ވެސް ވަނީ ޝަހީދު ވެފައެވެ.
ޣައްޒާގެ ޕާކަކަށް ހަމަލާދީ 7 ކުދިން ޝަހީދު ކޮށްލުމަށް ފަހު އިސްރާއީލުން ވަނީ އެކަން ނުކުރާ ކަމަށް ބުނެ ދޮގު ހަދާފައެވެ.
އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ ހަމަލާ އަމާޒުވި ސަރަހައްދުގައި އިސްރާއީލް އަސްކަރިއްޔާއިން އެއްވެސް އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ.
ނަމަވެސް ހަމަލާ އަމާޒުވި ސަރަހައްދުގައި ތިބި ބައެއް މީހުންނާއި ހަވާލާދީ ހޯލީ ނިއުސް ނެޓްވޯކް އިން ބުނެފައި ވަނީ އެސަހައްދަށް ހަމާލާ ދިން މިސައިލްގެ ބައިތަކަށް ބެލުމުން އެއީ އިސްރާއީލްގެ މިސައިލެއްކަން އެނގޭ ކަމަށެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބުނެފައި ވަނީ ޕާކަށް އަމާޒުވި ހަމަލާ އަކީ ހަމާސްއިން އިސްރާއީލަށް ފޮނުވާލި ރޮކެޓެއް އަމާޒަށް ވާސިލްނުވެ ވެއްޓިގެން އަމާޒުވި ހަމަލާއެއް ކަމަށެވެ.
ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގު ކޮށްފައެވެ. ހަމާސް އިން ބުނީ ޕާކް ހިމެނޭ ސަރަހައްދާއި ކައިރީގައި ވެސް ރޮކެޓް ފޮނުވުމުގެ އެއްވެސް ހަރަކާތެއް ހަމާސް އިން ހިންގާފައި ނުވާނެ ކަމަށެވެ.
އިސްރާއީލުން މިއަދު ވަނީ ސިފާ ހޮސްޕިޓަލަށް ވެސް ހަމަލާ ދީފައެވެ. އެހަމަލާގައި 10 ކުއްޖަކު ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުން ޣައްޒާ އަށް މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 5 ކުއްޖަކު ވަނީ ޝަހީދު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ