ދުމޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްއާ ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރުގެ ހައިސިއްޔަތުން އުމަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަދު ހެނދުނު ކަސްޓަމްސް އޮފީސް ކުރިމަތީގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުމަރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކަސްޓަމްސްއާއި އިމިގްރޭޝަން އެއް މުއައްސަސާއެއްގެ ގޮތުގައި ހިންގަމުންދާ ކަމަށެވެ.
"އޭގެ މަގުސަދަކީ މިދެ މުއައްސަސާ އެއްކޮށްލުމުން ދައުލަތަށް ހަރަދު ކުޑަވެގެންދާނެ. މި ދެ މުއައްސަސާއަކީ ގާތްގަނޑަކަށް އެއްކަހަލަ ދެތަން. އެހެންކަމުން ކަމުން މިދެ މުއައްސަސާ އެއްކޮށްލުމުގެ ސަބަބުން ހަލުވި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް އަޅުގަނޑު ދެކެން،" އުމަރު ވިދާޅުވި އެވެ.
ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި އުމަރުގެ ވާހަކަފުޅުގައި ކަސްޓަމްސްގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވެ އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ ކަސްޓަމްސް މިހާރު މިވަނީ ރިސްކް ބޭސްޑް މެނޭޖްމަންޓް ފްރޭމްވޯކް އަކަށް ބަދަލުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކަސްޓަމްސްއިން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި ރާއްޖޭގައި ތަރައްގީ ކުރަމުންދާ 24 ރިސޯޓަށް ގެނެވޭ މުދަލާއި އަދިވެސް ބައިނަލްއަގްވާމީ ވިޔަފާރި ފުޅާވަމުންދާ ސްޕީޑާ އެއްވަރަށް ކަސްޓަމްސްގެ ހިދުމަތްތައް ތަރައްގީކޮށް މިކަންކަމަށް ސާބިތުކަމާއެކު ކުރިމަތިލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ އެވެ.
މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ހާއްސަ ދުޢާއެއް ކޮށްފައިވެ އެވެެ. އިސްވެ މިދުޢާ ކޮށްދެއްވީ އައްޝައިޚް އަޒްމަތު ޖަމީލް އެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސް ތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންދެވިފައިވާ ކަސްޓަމްސް އިން ބުނެ އެވެ.
އިމިގްރޭޝަނާއި ކަސްޓަމްސް އެއްކޮށްލުމަށް ވިސްނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ