ފަލަކީ އިލްމްވެރިން ކޮންމެ ގޮތަކަށް ޤަބޫލުކުރި ނަމަވެސް ދުނިޔޭގެ ނިމުން ކޮންމެ ވަގުތަކުވެސް އަތުވެދާނެ ކަމަށާއި އަދި އެކަން މެދުވެރިވާނީ ހަމަ ކުއްލިއަކަށް ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މިރޭ ބޭއްވި ޕްރޮގްރާމުގައި ރައީސް މައުމޫން ވިދާޅުވީ ދުނިޔެ ނިމި ޤިޔާމަތްވުމުގެ ވަޤުތު ހަމައެކަކަށްވެސް ނުއެނގޭނެ ކަމަށާއި އެހެންކަމާއިއެކުވެސް ސައިންސްވެރިން ކުރާ ދިރާސާތައް ކުރަމުންގެންދާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ސައިންސްވެރިން ލަފާކުރާ ގޮތުގައި ބިން 4.6 ބިލިއަން އަހަރު ދެމި އޮވެއްޖެ ކަމަށެވެ. އަދި އިރު އިތުރަށް 5 ބިލިއަން އަހަރު ދެމިހުންނާނެ ކަމަށެވެ. އަދި މީގެ 3.5 ބިލިއަން އަހަރުފަހުން އިރުގެ ހޫނުމިން 40 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ. "އެކަމުގެ ސަބަބުން ކަނޑުތަކާއި ކޯރުތައް ކެކިގަންނާނެ. އެހިސާބަށް ދިއުމުން ދިރުން ހުރި އެއްވެސް އެއްޗަކަށް ނުއުޅެވޭނެ."
ރައީސް މައުމޫން ވިދާޅުވީ ސައިންސްވެރިން ލަފާކުރާ ކަންކަން ވުމުގެ ކުރިންވެސް ބިން ފަނާވެދާފަދަ ކަމެއް މެދުވެރިވެދާނެ ކަމަށެވެ. "އެއީ ބިމުގެ ކައިރިން ދަތުރުކުރަމުންދާ އެސްޓްރޮއިޑެއް އައިސް ބިމުގައި ޖެހިއްޖެ ނަމަ ނުވަތަ ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރެވޭ ހަނގުރާމައެއްގެ ސަބަބުން ބިން ކުދިކުދިވެ ހަލާކުވެގެން ހިނގައިދާނެ" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ސައިންސްވެރިންގެ ހޯދުންތަކާއި ކީރިތި ޤްރްއާނުގެ ޢާޔަތްތަކަށް ބައްލަވައި ބައެއް މުސްލިމް ފަލަކީ ޢިލްމްވެރިން ލަފާކުރައްވާ ގޮތުގައި ބިން ހަލާކުވެގެންދާނީ އަލިދަތުރުކުރާ ބާރުމިނުގައި ބިމާ ދިމާއަށް އަންނަ ވަރަށް ބޮޑު އެއްޗެއް ބިމުގައި ޖެހުމުން ކަމަށެވެ.
"އެކަން މެދުވެރިވީމާ ބިން ފުރޮޅިގެން ހިނގައިދާނެ. އިރު ހުޅަނގަށް އަދި ހުޅަނގު ދެކުނަށް ބަދަލުވެގެން ހިނގައިދާނެ. އެއިގެ މާނައަކީ އެހެންވެއްޖެ ނަމަ ދެން އިރު ފެންނާނީ ހުޅަނގުން. އެހިނދު ހުޅަނގުން އިރުއެރުމަކީ ޤިޔާމަތްވުމުގެ އަލާމާތެއްކަމަށް ކައު އިތުރުު ރަސޫލާ (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވާ ޙަދީޘްފުޅު ހަޤީޤަތަކަށްވެގެން ހިނގައިދާނެ."
ރައީސް މައުމޫން ވަނީ ކީރިތި ޤްރްއާނުގެ އާޔަތްތަކުގެ އަލީގައި ޤިޔާމަތްވުމުގެ ގިނަ އަލާމާތްތަކެއް ހާމަކޮށް ދެއްވައިފައެވެ. އަދި ޤިޔާމަތް ވުމަކީ ކޮންމެ ވަގުތަކުވެސް މެދުވެރިވެދާނެ ކަމެއް ކަމަށް ބަލައި އަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް އިލްތިމާސްކުރައްވައިފައެވެ.
މިރޭގެ ދަރުސްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އާއި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދުނިޔޭގެ ނިމުން ކޮންމެ ވަގުތަކުވެސް އަތުވެދާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ