ފުޓުބޯޅައަށް ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން އެކުގައި!

(ހދ.ކުޅުދުއްފުށި) ދިވެހީންގެ އެއް ނަމްބަރު ކުޅިވަރަށް ފުޓުބޯޅަ ވެގެންގޮސްފައިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއަށްވުރެ ފަސޭހައިން ދިވެހީންގެ ލޭ ކައްކުވައިލެވޭފަދަ އިތުރު ކުޅިވަރެއް ނެތްއިރު، ސިޔާސީ ގޮތުން ދެބައިވެފައިވި ހަލަބޮލި ދުވަސްވަރެއްގައި މުޅި ޤައުމު އެއްބައިވަންތަކުރުވި ކުޅިވަރަށްވެސް ވާތީއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ފުޓުބޯޅައަކީ ފަހުގެ ތާރީޚެއްގައި މުޅި ޤައުމު އެއްބައިވަންތަކުރުވި އެއްޗެކެވެ. 2008 ވަނަ އަހަރު ސަރަޙައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރެވިގެން ދިޔުމާއި ގުޅިގެން ހާމަވެގެންދިޔައީ މި މަންޒަރެވެ. އަދި 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕުގެ ދުވަސްވަރު ވެސް ފެނިގެންދިޔައީ މި މަންޒަރެވެ.
ހަމަ އެ ބީދައިން ފުޓުބޯޅަ ވެގެން ގޮސްފައިމިވަނީ ރާއްޖޭގެ ބައެއް ރަށްތައް އެއްތަން ކުރުވާ ނުވަތަ އެއްބައިވަންތަ ކުރުވާ އެއްޗަކަށެވެ. ހަމަ އެހެންމެ މަޑު މަޑުން ފަނޑުވަމުންދިޔަ ކުޅިވަރުގެ ރޫޙު އާލާކޮށްދިން އެއްޗަކަށްވެސްމެއެވެ.
މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ފޯރިގަދަ އެއް މަންޒިލަކީ ހދ.ކުޅުދުއްފުއްޓެވެ. ވާދަވެރި އަދި އެހާމެ ފޯރިގަދަ މެޗުތަކެއް ކުޅެވެމުންދާއިރު، މި މުބާރާތް މިވަނީ މުޅި ކުޅުދުއްފުށި، އެތައް އަހަރުތަކަކަށްފަހު އެއްބައިވަންތަކުރުވާފައެވެ. މި މުބާރާތްވަނީ މުޅި ކުޅުދުއްފުށި އެއް ތަނަކަށް ޖަމާ ކުރުވާފައެވެ.
މި މުބާރާތުގައި ކުޅުދުއްފުށި ބައްދަލުކުރާ މެޗުތަކުގައި، މިރަށުގެ ޓީމަށް ތަރުޙީބު ދިނުމަށްޓަކައި އެތައް ބަޔަކު ސްޓޭޑިއަމަށް ވަންނައިރު ސިފަވެގެންދަނީ ދިވެހި ޤައުމީ ޓީމު ކުޅޭ މެޗުތަކުގައި ސަޕޯޓަށް ދަނޑަށް ވަންނަ މީހުންނެވެ. ދަނޑަށްދަނީވެސް ރަތް ކުލައިން ޖަރީވެ، ބެރު ދުންމާރިއާއި އެކުގައެވެ.
މީގެއިތުރުން ކުޅުދުއްފުށީގެ ސަޕޯޓަރުން، ދަނޑުގައި ދޭ ސަޕޯޓަކީ، އެހެން ބޮޑެތި ޤައުމުތަކުގައިވެސް ސަޕޯޓު ދޭ ގޮތަށް، ވަރަށް ރޭވުންތެރިކަމާއިއެކު ދޭ ސަޕޯޓެއްކަންވެސް ފާހަގަކޮށްލެވެއެވެ. ސަޕޯޓު ކުރުމުގައި ތަފާތު އުކުޅުތައް ބޭނުންކުރަމުންދާއިރު، މިރަށުގެ ސަޕޯޓަރުން ބޭނުންކުރާ އެންމެ ތަފާތު އެއް އުކުޅަކީ މިއަހަރުގެ ޔޫރޯގައި އައިސްލެންޑުގެ ސަޕޯޓަރުން ބޭނުންކުރި އުކުޅެކެވެ.
މި މުބާރާތުގެ ސަބަބުން އެތައް އަހަރުތަކަކަށްފަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުން ވަރުގަދަ ތަރުޙީބުގެ އަޑުވެސް އިވިގެންގޮސްފިއެވެ. މިކަމުގެ ސަބަބުން ކުރިން ކުޅުނު ޒޯން މުބާރާތްތަކުގެ ހަނދާންތައް އެތައް ބަޔަކަށް އިޔާދެވެގެން ގޮސްފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިނިވަން ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީގެ ސަޕޯޓަރުން 12 ވަނަ ކުޅުންތެރިޔާގެ ރޯލު ވަރަށް ފުރިހަމައަށް އަދާކުރަމުން ގެންދާއިރު، ސަޕޯޓަރުންނަށް، ޓީމުގެ ކުޅުންތެރިންވެސް ޝުކުރުވެރިވެއެވެ.
ކުޅުދުއްފުއްޓަކީ ޒަމާނުންސު ރެވެސް އެއްބައިވަންތަ، ގުޅޭ ރައްޔިތެއް ދިރިއުޅޭ ރަށެއްގެ ގޮތަށް މަޝްހޫރުވެފައިވާ ރަށެއްގެ ގޮތުގައި ސިފަވެގެން ގޮސްފައިވާއިރު، މި ރަށަކީ އާބާދީ ބޮޑު ކަމުގައިވިޔަސް މާ ބޮޑު ސިޔާސީ ހަމަނުޖެހުމެއްވެސް އޮންނަ ރަށެއް ނޫނެވެ. މި މުބާރާތުގެ ސަބަބުން މިކަންކަން މުޅި ރާއްޖެއަށް އިތުރަށް ސާބިތުކޮށްދިނުމުގެ ފުރުޞަތު މިވަނީ ކުޅުދުއްފުއްޓަށް ލިބިގެންގޮސްފައެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކުޅުދުއްފުށިން މިހާރުވަނީ ކަށަވަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ