ރައީސް ހައްޔަރުކުރަން އުޅުނު މައްސަލައިގައި ކުރީގެ ޕީޖީ މުހްތާޒް އާއި މާމިގިލީ ކޯޓުގެ ގާޒީ ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަޙުޤީޤަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މުހްތާޒް މުހްސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން (30އ) ހައްޔަރުކޮށްފިއެވެ. ކުރީގެ ޕީޖީ މުހްތާޒް އަކީ ވެސް ގއ.މާމެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މުހްތާޒް ހައްޔަރުކުރީ މިރޭ ދަންވަރު 12 ޖަހަން އުޅެނިކޮށް މާލެއިންނެވެ. ނަމަވެސް މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން ހައްޔަރު ކުރީ ކޮންތަނަކުން ކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
މި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހު ފުލުހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ފުލުހުން ބެލިބެލުމުން  ފެބްރުއަރީ 07 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި މާލެއިން ބަޔަކު ރަށަކަށް ގޮސް ދަންވަރު 03:00 ހާއިރު އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވާ އެކޯޓްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރަކާއެކު މާލެއިން ދިޔަ މީހުން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކޮށްފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށެވެ.
“ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވާ އެލިޔުން ފުލުހުންގެ ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތްކޮށް، މައްސަލައަކާ ގުޅިގެން ފުލުހުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދާކަން ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވެއެވެ.” ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޟް ވިދާޅުވިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޟް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް ފުރުއްވާފައިވާ ގ. ކެނެރީގެ، މުޙައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލް ޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފައިވާކަމަށެވެ.
ރައީސް ނަޝީދު ވެސް ވަނީ މިއަދު އެކަމަށް އިއުތިރާފުވެ ވަޑައިގެން ބަޔާނެއް ނެރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ