ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ، ރައީސް މައުމޫން މަގާމުން ވަކި ކުރަނީ

ޕީޕީއެމްގެ އެތެރޭ ކޯޅުންތަކަށް ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ ގާނޫނީ ހައްލެއް ހޯދަން ޕީޕީއެމް ކައުންސިލް މެމްބަރުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ރައީސް ޔާމީން އާއިއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުންކަމަށެވެ.
ނަމަވެސް ސުލްހަވެރި ހައްލެއް ނުހޯއްދިއްޖެނަމަ ރައީސް ބޭނުން ވަނީ ގާނޫނީ ހައްލެއް ހޯދަންކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭރުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާނެކަމަށާއި، އެއީ 65 އަހަރުވެފައިވާ މީހަކަށް ޕާޓީއެއްގެ ރައީސްކަން ނުކުރެވޭ ގޮތަށް ހުށަހަޅާ އިސްލާހުކަމަށެވެ.
އެފަދަ އިސްލާހެއް ޤާނޫނަށް ގެނެސްފިނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަމުގެ މަގާމު ގެއްލިވަޑައިގަންނަވާނެއެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެފައި މިވަނީ ރައީސް މައުމޫންގެ ވިސްނުންފުޅާއި ހިލާފަށް ޓްއަރިޒަމް ޤާނޫނަށް އިސްލާހް ގެނެސް ބިޑަކާއި ނުލާ ރިސޯޓް ހަދަން ރަށްތައް ދެވޭ ގޮތައް ފާސްކުރުމާއި ގުޅިގެންނެވެ.
ރައީސް މައުމޫން މިހާރު ވަނީ ޕީޕީއެމްގެ ކޮމެޓީ ބައްދަލުވުންތައް ވެސް ސީދާ އެމަނިކުފާނުގެ ހުއްދަ ނެތި ނުބޭއްވޭނެ ކަން އަންގަވާފައެވެ. އަދި އެޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ގެ ބާރުތައް ވެސް މިހާރު ވަނީ ނަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ