ސަރުކާރަށް ކިޔާ ފާޑުކިޔުންތަކަށް ޖަވާބުދެނީ އަމަލުން – އަހުމަދު ޝިޔާމް

ސަރުކާރަށް ކިޔާ ފާޑުކިޔުންތަކަށް ސަރުކާރުން ޖަވާބު ދެނީ ޢަމަލުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޗެނެލް 13 ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ 2018 ވަނަ އަހަރަށް ލަފާ ކުރި ބަޖެޓްގައިވެސް ރައްޔިތުންނަށް ފައިދާ ހުރި އެތައް ކަމެއް ހިމަނުއްވާ ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ފުއްދައިދިނުމުގައި ރައީސް ޔާމީން ދައްކަވަމުން ދަނީ ނަމޫނާ އެއް ކަމަށާއި ރަށް ރަށުގައި ހުރި ތަފާތު މައްސަލަތައް މިހާ ހިސާބަށް އައި އިރު ޙައްލު ވެފައި ހުރިކަމީ އެމަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންގެ އާދޭސް ތައް އެމަނިކުފާނު ކަނުލާ އަޑު އެއްސެވި ކަމުގެ އެންމެ ބޮޑު އެއް ހެކި ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައިސް ޔާމީންގެ ވިސްނުންފުޅު ހުންނެވީ އެއްވެސް ޙާލެއްގައި، ތިމަންނާ މެންނަކީ އިދިކޮޅު ފަރާތްތަކޭ ކިޔާ ގޮވަމުންދާ ބަޔަކާ ވާދަ ކޮށް ކުރި ހޯދުން ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ހުރި މައްސަލަތަކާއި ވާދަކޮށް ކުރި ހޯދުމަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދަނީ ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ފާޑު ކިޔުންތަކަށް އަމަލުން ޖަވާބު ދެއްވަމުން ކަމަށެވެ.
މިވީހާ ތަނަށް ރާއްޖޭގެ އެއްވެސް ވެރިޔަކު ރާއްޖޭގެ ތަރައްޤީ އަށް މަސައްކަތްކޮށް ނުދެއްވާ ވަރަށް ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީ އަށް މަސައްކަތް ކޮށްދެއްވައިފި ކަމަށް ވިދާޅުވަމުން ޝިޔާމް އިތުރަށް ވިދާޅުވީ މީގެ އެއް ހެއްކަކީ ތޮށްޖެހި ފުރި ބާރުވެފައި އޮތް މާލެއަށް އަތޮޅުތަކުން އެކި އެކި ބޭނުމުގައި އަންނަ މީހުންގެ ޢަދަދު މަދުވުން ކަމަށާއި އެހެން އެކަން މިހިގަނީ އަތޮޅުތަކުގައި ތިބެގެން އެބޭފުޅުންނަށް ބޭނުންތައް ފުދިގެން ދާތީ ކަމެވެ.
ރައީސް ޔާމީން އަތޮޅުތެރޭގެ ތަރައްޤީ އަށް ކުރަމުން އަންނަ މަސައްކަތަށް އަލި އަޅުވާލަމުން ޝިޔާމް ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ކުރަންވާ ބޭނުންތައް ފުދިގެން ދިޔުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ޝިޔާމް ވަނީ އިދިކޮޅު ފަރަތްތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ އިދިކޮޅުގައި އޮތީ " ކޮކްޓެއިލެއް" ކަމަށާއި މިހާރު އޭގެ "ފްލޭވަރ" ތައް ކުނިވުމާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓިކަމަށް ބުނަމުން އަންނަ އެމްޑީޕީ އަކީ އެއްވެސް ވަރަކަށް ޑިމޮކްރެޓިކް ސިފައެއް ޖެހިފައި އޮތް ޕާޓީ އެއް ނޫންކަންވެސް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ