ވެރިއަކު އިހްތިޔާރު ކުރުމުގައި ރައްޔިތުން ބަލަންޖެހޭ އެއް އަސާސަކީ ދީނީ މިންގަނޑު: އިސްލާމިކް މިނިސްޓަރ

ވެރިއަކު އިހްތިޔާރު ކުރުމުގައި ރައްޔިތުން ބަލަންޖެހޭ އެއް އަސާސަކީ ދީނީ މިންގަނޑު ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.ދަރުބާރުގޭގައި ބޭއްވި ދީނީ އިލްމުވެރިންނާ މުފައްކިރުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމް ދީނަކީ ދިރިއުޅުމުގެ ނިޒާމު ކަމަށާ، އިސްލާމީ ދައުލަތެއްގެ ވެރިކަމަކީ ދީނީ ކަމެއް ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމް ބޮއްސުން ލައިފިނަމަ، ދިރިއުޅުމުގެ ހުރިހާ ކަމެއް ބޮއްސުންލައިގެންދާނެ މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަހުމަދު ޒިޔާދު ވިދާޅުވީ އިސްލާމް ދީނުގެ ހަމަތަކާ އުސޫލުތަކަށް ބީރަށްޓެހި ބޭފުޅަކު ވެރިކަމުގެ ހުރެގެން މުޖުތަމައުގައި އިސްލާމީ އުސޫލުތަކެއް ކުރިއަކަށް ނުދާނެ ކަމަށެވެ. އެހެންކަމުން ވެރިއަކު އިހްތިޔާރު ކުރުމުގައި ރައްޔިތުން ބަލަންޖެހޭ އެއް އަސާސަކީ ދީނީ މިންގަނޑު ކަމަށް ވިދާޅުވިއެވެ.އެ ރަސްމިއްޔާތުގައި އިސްލާމީ ދައުލަތުގެ ވެރިއެއްގެ މަސްއޫލިއްޔަތާ ޒިންމާގެ ވާހަކައަށް އަލިއަޅުވާލަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ފާއިތުވި ދައުރުގެ 3 އަހަރުގައި އިސްލާމީ ކަންކަން ވެގެންދިޔަ ގޮތް އެންމެހާ ރައްޔިތުންނަށްވެސް އެނގިގެން ހިނގައްޖެ ކަމަށާ، ދީން ހިމާޔަތް ކުރުމަކީ އިސްލާމީ ދައުލަތުގެ ވެރިޔާގެ އެންމެ ފުރަތަމަ ޒިންމާ ކަމަށެވެ. އެހެންކަމުން އިސްލާމީ ހަމަތަކާ އުސޫލުތައް ނުދަންނަ ވެރިއަކަށް ޤައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ހިންގި އެންމެ މުހިއްމު އެއް މަޝްރޫއަކީ ތަރިކަ މަޝްރޫއު ކަމަށެވެ.މިނިސްޓަރ އަހުމަދު ޒިޔާދު ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރެއްވުމުގެ އިތުރުން ދައުލަތް ހިމާޔަތް ކުރެއްވުމަށްވެސް ރައީސް ޔާމީން ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ދައުލަތަށް ކުރިމަތިވި ހާދިސާތަކުން އަރައިގަތުމަށް މުހިއްމު މަސައްކަތްޕުޅުތަކެއް ކުރެއްވިކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ