މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްކޮޓްލެންޑް އަތުން ބްރެޒިލް 3-0 އިން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނޭމާ އަށް މެޗު ނިމުނު ވަގުތުގައި ރޮވުނުއިރު، ލޮލުން އައީ އުފަލުގެ ކަރުނަ ކަމަށް ބުނެފި އެވެ.
ރޭގެ މެޗަކީ ފާއިތުވި ތިން އަހަރު ތެރޭ ބްރެޒިލަށް ނޭމާ ކުޅެދިން ފުރަތަމަ މެޗެވެ. މީގެ ތިން އަހަރު ކުރިން ،2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަޔަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ނޭމާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އެކި ފަހަރު މަތިން ނެގި ބްރެޒިލް ޓީމުގެ ސްކޮޑުގައި ނޭމާ ނުހިމެނިދިޔައިރު، މި އަހަރުގެ މާޗް މަހު ނެގި ބްރެޒިލްގެ ޕްރިލިމިނަރީ ސްކޮޑުގައި ނޭމާ ހިމެނި ނަމަވެސް ފައިނަލް ސްކޮޑުން ޖާގަ ނުލިބުނެވެ.
އޭގެ ފަހުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ސްކޮޑުގައި ނޭމާ ހިމަނާފައިވަނިކޮށް، މުބާރާތަށް ދެ ހަފްތާ އަށް ވެފައި އޮއްވައި އަނިޔާގެ އިތުރު މައްސަލައެއް ދިމާވި އެވެ. އަނިޔާގައި ހުރި ނޭމާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗު ގެއްލުނެވެ. އެކަމަކު، ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ރޭ ސްކޮޓްލެންޑް މެޗުގެ ދެ ވަނަ ހާފުގެ ފަހު ވިއްސަކަށް މިނިޓަށް ނޭމާ ކުޅެން އަރުވައިފަ އެވެ.
މިއީ، 981 ދުވަހަށް ފަހު، ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ނޭމާ، އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.
"އަހަރެން ޑްރެސިން ރޫމުގައި ވެސް ރުއިން. ތެދެއް. އަހަރެން ޝުކުރު ދަންނަވަން ގައުމަށް އެހީވެދޭން މި ފުރުސަތު ލިބުނީތީ. އަހަރެން ވަރަށް އުފަލުން މި ހުރީ، މި އޮހޭ ކަރުނަތަށް ވެސް އެ ބުނެދެނީ އެ ވާހަކަ،" ބްރެޒިލްގެ މީިޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.
ރޭގެ މެޗު ނިމުނު ވަގުތުގައި ބްރެޒިލްގެ ލެޖެންޑަރީ ތަރި، ރޮނާލްޑީނިއޯ ވެސް ވަނީ ނޭމާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
ނޭމާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ތަރި، ވިނީޝިއުސް ޖޫނިއާ ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފުކޮށްފަ އެެވެ.
"މި ފަހަރު ބްރެޒިލްގެ ތަރި އަކީ ވިނީޝިއުސް. އޭނަ އެ ދަނީ މެޗުތަކުން މޮޅުވުމުގެ ތަފާތު ދައްކަމުން، ވަރަށް މޮޅަށް. އެބަކުޅޭ،" ނޭމާ، 34 ބުންޏެވެ.
ތިން މެޗުން ހަތަރު ލަނޑު ޖަހައި، ތިން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިނީޝިއުސް ބުނީ، ނޭމާ ޓީމުގައި ހުރުމަކީ ވެސް އުފަލެއް ކަމަށާއި އެއީ "އައިޑަލް" ކަމަށެެވެ. އަދި، މުޅި ޓީމު އޮތީ ނޭމާ ވެސް ހިމެނޭހެން ވަރަށް އެއްބައިވަންތަކޮށް ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
ބްރެޒިލުން ގަދަ 32 ޓީމުގެ ބުރުގައި ނުކުންނާނީ، ގްރޫޕް އެފްގެ ދެ ވަނަ ޓީމާ އެވެ. މި ވަގުތު ގްރޫޕް އެފްގެ ރަނަރަޕަށް އޮތީ ޖަޕާން އެވެ. އެ ގްރޫޕްގެ ދެ ވަނަ އަށް ސްވިޑެން ނޫނީ ނެދަލެންޑްސް ދިއުމުގެ ވެސް ފުރުސަތު އެބައޮތެވެ.
ނޭމާގެ ލޮލުން އައީ އުފަލުގެ ކަރުނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ