މުޒާހަރާކުރަނީ ކީއްކުރަން؟

މުޒާހަރާ އަކީ ކޮބައިތޯއެވެ ؟ މުޒާހަރާ ކުރަނީ ކީއްވެގެން ، ކީއްކުރަންތޯއެވެ ؟  ދެކޮޅުވެރި ކޮންމެ އެއްވުމަކަށް މުޒާހަރާއެކޭ ކިޔިދާނެތޯއެވެ ؟ ނުވަތަ އެއީ ،  ހަމަނުޖެހުމެއް އުފެއްދެނީ ކަމަށް ބެލިދާނެތޯއެވެ ؟
މިހާރަކަށް އައިސް ، ކޯވިޑްގެ ނުރައްކަލަށްވެސް ބެލުމެއްނެތި ، ޤާނޫނީގޮތުން ލިބިފައިވާ ޙައްޤެއްކަމަށް ނިންމައި ، ސަރުކާރުން ، ނުކުރަން ނުވަތަ ނުއެއްވަން އަންގާފައި އޮންނައިރުވެސް މުޒާހަރާއެކޭ ކިޔާފަ ބަޔަކުމީހުން އެއްވާތަން އެބަ ފެނެއެވެ. ޤާނޫނު ހިންގަންތިބޭ ބަޔަކު ، ނުކުރަން އެންގީމަވެސް ، އެއަމުރާޚިލާފަށް ، މަގުމައްޗަށް ނުކުމެ އެއްވާ އެއްވުން އެއީ މުޒާހަރާއެއް ކަމަށް ބެލިދާނެތޯއެވެ ؟ މިހާރަކަށް އައިސް ، މާލޭގެ މަގުމައްޗަށް އެއްވެ މުޒާހަރާއެއްގެ ނަމުގައި އެއްވާ މީހުން އެގޮވަނީ ކޮންފަތިވަރެއްތޯއެވެ ؟ އެގޮވަނީ ކޮން ޙައްޤެއްގެ ވާހަކައެއް ތޯއެވެ ؟ ޝަރުޢީ ޙުކުމެއްގެ ދަށުން ބަންދުގައިހުރި މީހަކު ދޫކޮށްލަން ގޮވައި ، އެލަވަނީ ކޮން ހަޅޭކެއްތޯއެވެ ؟ އެހަޅޭކެއްލަވަން މަގުމައްޗަށް އެއްވާ އެއްވުން އެއީ މުޒާހަރާއެއްތޯއެވެ ؟ ނުވަތަ ހިންގާ ހަމަނުޖެހުމެއްތޯއެވެ ؟ ޤާނޫނީ ހަމަތަކުންނާއި ޝަރުޢީ އިޖްރާޢަތްތައް ފުރިހަމަވެގެން ، މީހެއްގެ މައްޗަށް ފަނޑިޔާރުން ކުރާ ޙުކުމަކާ އެއްގޮތަށް އެމީހަކު ބަންދު ކުރެވޭހިނދު ، އެޙުކުމާ ދެކޮޅު ހަދައި ، އެމީހަކު ދޫކޮށްލަން ގޮވައި އަޑު އުފުލުމަށް މަގުމައްޗަށް ނުކުމެ ، އެކުރެވެނީ މުޒާހަރާއެއްތޯއެވެ ؟ ނުވަތަ އެއީ ، ޤާނޫނީ ބާރުތަކާދެކޮޅަށް ހިންގޭ ހަމަނުޖެހުމެއްތޯއެވެ ؟ މިޤައުމުގެ އެންމެހައި ކަންކަން ސިޔާސީވެގެންގޮސް ، މުޒާހަރާވެސް ސިޔާސީ ވަނީތޯއެވެ ؟ ދައުލަތުގެ އަމުރު މަޢުރޫފު ސިޔާސީވެ ، ޝަރުޢީ ޙުކުމްތައް ސިޔާސީވެ ، ސިޔާސީ ޙަރަކާތްތައްވެސް ސިޔާސީވީމަ ދެން ސިޔާސީ ނުވާނީ ކޮން އެއްޗޯއެވެ ؟ ހުރިހާ ގޮތަކުންވެސް  ޙުރުމަތްތެރިކަން ލިބިގެންވާ އަމިއްލަ ގެދޮރުވެސް އޮންނާނީ ސިޔާސީ ވެފައެވެ. އެހެންކަމުން ، ހިތްހަމަނުޖެހިގެން މަގުމައްޗަށް އެއްވެ އުފުލޭ އަޑުވެސް މުޒާހަރާގެ މާނައިގެ ތެރެއަށް ފައްތަން އުނދަގޫވާ ފަހަރު އަންނާނެއެވެ. މުޒާހަރާގެ މާނަ އެހިސާބުން އޮޅޭނެއެވެ.
ދިވެހިބަހުގެ  ރަދީފުގައި ، މުޒާހަރާ މާނަކޮށްފައިވަނީ " ކަމަކާމެދު ބަޔަކުމީހުން ތިބިގޮތް ފާޅުކުރުމުގެ ގޮތުން އެއްވެގެން ހިންގާ ޙާރަކާތެއް " ގެ ގޮތުގައެވެ. މުޒާހަރާގެ އެހެން ގޮތްގޮތްވެސް ހުރެއެވެ. މިސާލަކަށް ، މަލިކަކީ ދިވެހިބަހުން ވާހަކަދައްކާ ބަޔަކު ދިރިއުޅޭ ރަށެކެވެ. މަލިކުގައި މަލިކު ބަހުން " ދަރުނަ " މިބަސް ބޭނުންކުރެވެނީ ، " އިށީނދެތިބެގެން ކުރާ މުޒާހަރާ " އަށެވެ. އަދި މުޒާހަރާއަށް މަލިކުބަހުން ބޭނުންކުރާ ބަހަކީ " ޖާދަ " އެވެ. މިހާރަކަށް އައިސް ، ރާއްޖޭގައި " މުޒާހަރާ " މިބަސް އޮޅުވައިލައިގެން ، " މުޒާހިރާ " ގެ ނަމުގައިވެސް އެބަ ބޭނުން ކުރެވެއެވެ. މުޒާހިރާ އެއީ ދިވެހިބަހުގައި އޮންނަ ބަހެއްނޫނެވެ. ރަނގަޅުގޮތަކީ މުޒާހަރާ އެވެ.  ހަޅުތާލަކީ ، މުޒާހަރާއެއް ނޫނެވެ. ހަޅުތާލަކީ ، މަސައްކަތްކުރާ ބަޔަކު ، ސަކުވާއެއް ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅުހެދުމުގެ ގޮތުން ، މަސައްކަތް ހުއްޓައިލުމެވެ. އެހެންކަމުން ، ރާއްޖޭގައި މުޒާހަރާގެ ނަމުގައި މިހާރު މިހިންގޭ ސިޔާސީ ޙަރަކާތަކީ ، އަދި ، ހަޅުތާލެއްކަމަކަށް ނުބެލެވޭނެއެވެ. މުޒާހަރާއަކަށް ނުމެވެ ، ހަޅުތާލަކަށްވެސް ނުވެ ، ދެން ބަލަންވީ ، ހަމަނުޖެހުމެއްނޫން އެހެން ކޮންކަމަކަށްތޯއެވެ ؟ މުޒާހަރާކޮށް ، އަޑުއުފުލުން ރާއްޖޭގައި ތަޢާރުފް ވީއްސުރެފެށިގެން ، ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ޕާޓީއެއްއޮތަސް ، އަޑުއުފުލުމަށް ، މާލޭގެ މަގުތަކުގައި ހިންގޭ ޙަރަކާތަށް އެނޫން މަޤާމެއް ދެވޭކަށް ނެތެވެ. ރާއްޖޭގައި ބޭއްވޭ މުޒާހަރާއަކީ ، އެއިރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް ހިންގޭ ސިޔާސީ ޙަރަކާތަކަށް ވާންޖެހޭ ޙާލަތު ބަދަލުވެގެން މެނުވީ ، މުޒާހަރާގެ ޙަޤީޤީ މާނަ ލިބި އޭގެ ފޮނިނަތީޖާއެއް ނުނެރެވޭނެއެވެ.
އިންޑިއާގެ ދަނޑުވެރިންގެ އެތައްމިލިއަން ބަޔަކު ، ހަޅުތާލަކަށް އެއްވެ އިށީނދެގެންދުނިޔޭގެ ތާރީޚަށް ބަލާއިރު ، އެންމެފުރަތަމަ ފަހަރަށް ، މުޒާހަރާއެއް ކުރެވިފައިވަނީ މީގެ 869 އަހަރުކުރިން ،  1152   ވަނަ އަހަރުގެ  ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މިމުޒާހަރާ ކުރެވިފައިވަނީ ، 3 ވަނަ ރެމެސީސް ފިރުޢައުނުގެ ވެރިކަމުގައި ޤަދީމީ މިޞްރުގެ މަދީނާގައެވެ. މިމުޒާހަރާ ރާވާފައިވަނީ ، ރޯޔަލް  ނެކްރޮޕޮލިސް ގެ އާރޓިޝަނުންނެވެ.  އެއީ އާރޓިސްޓިކް ހުނަރު ލިބިގެންވާ ބަޔެކެވެ. އެބައިމީހުންނަކީ ރަސްމީގޮތުން ، ޓޮމްބް ނުވަތަ ކުނިނުވާގޮތަށް ، އިންސާނާގެ ހަށިގަނޑު ގިނަދުވަހަށް ބޭއްވުމުގެ މަސައްކަތް ކުރާ މީހުންނެވެ. މި މުޒާހަރާގައި  ބައިވެރިވީ އޭގެ ތެރެއިން މަދު ބަޔެކެވެ. އެންމެންނެއް ބައިވެރިއެއް ނުވެއެވެ. އެމުޒާހަރާގެ މަޢުލޫމާތު ރިކޯޑްކުރެވިފައިހުރީ ، އޮމާންހިލައިގެ ފިލާތަކެއްގައެވެ. އެމީހުން އެދުވަސްވަރު ދިރިއުޅެމުންއައިސްފައިވަނީ ، މިހާރުގެ މިޞްރުގެ އަވަށެއްކަމުގައިވާ ، ދާރުލްމަދީނާ ކިޔާ އަވަށުގައެވެ. އެމީހުންނަކީ ސަރުކާރުގެ މުއައްޒަފުންނެވެ. އެމީހުންގެ މަސައްކަތަކީ ، ރަސްރަސް ކަލުންނާއި ރަނިރަނި ކަނބަލުންގެ ޤަބުރު ކުނިނުވާގޮތަށް ގިނަދުވަހު ބޭއްވުމުގެ މަސައްކަތެވެ.
ޢާރޓިސްޓުން މުޒާހަރާ ކުރަންފެށީ ، އެމީހުންނަށް ލިބެންވާ އުޖޫރަ ލަސްވުމާގުޅިގެންނެވެ. ސަރުކާރު މުއައްޒަފުންކަމަށް ވާތީ ، އެމީހުންނަށް އުޖޫރަދެނީ ސަރުކާރުންނެވެ. އެދުވަސްވަރު  ފައިސާ ނުވަތަ ނޫޓު ނުގެންގުޅޭތީ ، އުޖޫރައިގެގޮތުގައި އާރޓިސްޓުންނަށް ލިބެމުންއައީ ، ކާބޯތަކެއްޗެވެ. ބައެއްފަހަރު މުދަލާއި ފޭރާމާއި ތަކެތި ލިބެއެވެ. އެމީހުން މުޒާހަރާއަށް ނުކުތީ ، މިތަކެތި އެތައްމަހެއްވަންދެން ނުލިބުނީމައެވެ. އެހެންކަމުން މިއީ ، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވުނު ، މަސައްކަތުމީހުންގެ މުޒާހަރާއޭވެސް ބުނެވިދާނެއެވެ.
ނޮވެމްބަރމަހުގެ 14 ވަނަދުވަހު ، އާރޓިޝަނުންގެ ދެގްރޫޕެއް ، އެމީހުންގެ މަސައްކަތް ހުއްޓާލައި ، މަސައްކަތްކުރުމަށް ދެކޮޅު ހަދައި ، މަސައްކަތްކުރާ ސަރަޙައްދުން ބޭރަށް ނުކުތެވެ. އެމީހުން ދިޔަތަނެއް ، އެމީހުންގެ ސަރުދާރުންނަކަށްވެސް ނޭނގުނެވެ. ހޯދަމުންދަނިކޮށް އެމީހުން ފެނުނީ ، ޢިއްޒަތްތެރި ބިނާއެއްގެ ތަޅުންމަތީ އިށީނދެގެން ތިއްބައެވެ. އެމީހުން ފެނުމާއެކު ، މަސައްކަތަށް އެނބުރިދާން އެމީހުންނަށް އަމުރު ކުރެވުނެވެ. އެހެންނަމަވެސް ، މަސައްކަތަށް ދާން ދެކޮޅުހަދައި ، އެމީހުން ބަނޑުހައިވެފައިތިބި ކަމަށް ބުނެ ހަރުއަޑުން އަޑުއުފުލިއެވެ. އެމީހުންނަށް ، އުޖޫރައިގެ ގޮތުގައި ކާއެއްޗެއް ނުލިބޭތާ އޭރު 18 ދުވަސް ވެއްޖެއެވެ. ރޭވެ އަނދިރިވުމުން ، އޭގެތެރެއިން އިސްކޮށްތިބި މީހުން ގެޔަށް ދިޔައެވެ. އަދި ދެންތިބި މީހުންވެސް އިރުކޮޅަކުން ފެނުނީ ގެޔަށް ދިޔަ ތަނެވެ.
އާރޓިޝަނުން ކުރަމުންގެންދިޔަ މުޒާހަރާ ، ދެމަހެއްހާ ދުވަހަށް ދެމިގެންދިޔައެވެ. އަދި ދެފަހަރެއްގެމަތިން ދެތަނަކަށް މުޒާހަރާގެ ބައިވެރިން އެއްވިއެވެ. އެހެންނަމަވެސް ، އެއްބަޔަކު އަނެއްބަޔަކަށް އެކިކަހަލަ ތުހުމަތުތައް އެޅުވުމުގައި ، މުޒާހަރާގެ ބައިވެރިން ބޭނުންވިގޮތަށް ، އެމީހުންގެ އުޖޫރަ ލިބެން ފަށައިފިއެވެ.
ދުނިޔޭގައި ބޭއްވުނު އެންމެ ފުރަތަމަ މުޒާހަރާ ވެގެންދިޔައީ ، މަސައްކަތުމީހުންގެ އުޖޫރަނުލިބިގެން ބޭއްވުނު ހަޅުތާލަކަށެވެ. މުޒާހަރާއަކަށްނޫނެވެ. މިހާރަކަށް އައިސް ، މުޒާހަރާއާއި ހަޅުތާލު އޮންނަނީ އޮޅިފައެވެ. މުޒާހަރާގެ ތެރެޔަށްވެސް އަދި ހަޅުތާލުގެ ތެރެޔަށްވެސް ސިޔާސީ އޮއިވަރު ވަދެފައިވާތީއެވެ.
ޝަރުޢީ ޙުކުމްތަކާގުޅިގެން ، ހިތްހަމަނުޖެހުން ފާޅުކުރުމަށް މުޒާހަރާ ބޭއްވުމަކީ ، އެތަނެއްގެ ޝަރުޢީ ނިޒާމަށް ރައްޔިތުން ބަރޯސާނުވާކަމުގެ ހެއްކެކެވެ. އަދި ޝަރުޢީ ނިޒާމާ ވެރިކަމުގެ ނިޒާމުގެ ބާރުތައް އެއްވެ ، މަސްހުނިވެފައި އޮތްކަން ހާމަކޮށްދޭ ކަމެކެވެ. އެހެންނަމަވެސް ، ހިތްހަމަނުޖެހުން ފާޅުކުރުމަށް މަގުމައްޗަށް ނުކުމެ ، ސިޔާސީ ޙަރަކާތަކަށް ބަދަލުވާގޮތަށް މުޒާހަރާކޮށް ، ޝަރުޢީ ނިޒާމް ބަލިކަށިކަމަށް ދެއްކުމަށް ، ސިޔާސީ ފަރާތްތަކުން މަސައްކަތްކުރުމަކީ ، އެބައިމީހުންގެ ނުކުޅެދުންތެރިކަން ދައްކައިދޭ ކަމެކެވެ. ޝަރުޢީ ނިޒާމުގައި އިސްތިޢުނާފުގެ ތަފާތު މަރުޙަލާތައް އެބަހުއްޓެވެ. އެމަރުޙަލާތަކުގައި ހުންނަ މައްސަލަތަކަށް ފާޑުކިޔައި ، އަޑުއުފުލައި މަގުމައްޗަށް ނުކުތުމަކީ ، ނިޒާމަށް ފެތޭ ހަރުދަނާ ސިޔާސީ ޕާޓީއަކުން ފެނިގެންވާނެ ކަމެއްނޫނެވެ.
ސިޔާސީ ޕާޓީތައް ހިންގަން ، ރައްޔިތުންގެ ފައިސާއިން ދައުލަތުން ޚަރަދުކުރަނީ ، ރައްޔިތުންނަށް ލާބައާއި މަންފާހުރިގޮތުގައި ، ސަރުކާރުހިންގުމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައެވެ. ސިޔާސީ ޕާޓީތަކުގެ ރޫޙަކީވެސް ރައްޔިތުންނަށް ލާބައާއި މަންފާ ހުރިގޮތަށް ވެރިކަމުގެ ނިޒާމް ހިންގުމުގައި އެހީތެރިވުމެވެ. ހަމަ ކޮންމެ ކަމެއް ބޮއިކޮޓްކޮށް ، ކޮންމެ ކަމެއްގައި ދެކޮޅުވެރިވުމެއްނޫނެވެ. އަދި ދެކޮޅުވެރިކަން ފާޅުކުރުމަށްޓަކައި ، އަތްނުލެވޭ ކަންކަން ނަގައި ޕާޓީގެ އެކްޓިވިސްޓުންނާއި މެމްބަރުންނަށް ވިއްކައި ، މަޝްރަޙު ހޫނުކޮށް ، ކުށުގެ ވެށްޓަށް ރައްޔިތުން ވެއްދުމެއްނޫނެވެ. އަދި ވެރިކަމާމެދު ދެކޮޅުވެރި ޝުޢޫރުތައް އުފައްދައިގެން ވެރިކަމާ ތޮޅުމެއްވެސް ނޫނެވެ. ކުށުގެ ވެށި އުފައްދައިގެން ، ކުށްކޮށްގެންތިބެ ، ކުށްވެރިން ސަލާމަތް ކުރުމަށް ، ޕާޓީގެ މެންބަރުން ލައްވައި މަޝްރަޙު ހޫނުކޮށް ، ތިމާމެންގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ، މެންބަރުންގެ ނާޖާއިޒް ފައިދާ ނެގުމަކީ ، ޕާޓީއެއް ޕާޓީއެއްގެ ގޮތުގައި އުފެދި  އޮތުމުގެ ޙައްޤާއި މަޤްޞަދު ގެއްލި ، އޮޅިގެންދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ