ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން މެމްބަރު އަބުޅޯ ވަކިވެވަޑައިގެންފި

ޕީޕިއެމްގެ ކައުންސިލް މެމްބަރުކަމުން ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަކިވެވަޑައިގެންފި އެވެ. ޖުމްހޫރީ ޕާޓ (ޖޭޕީ)ގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް ނަމަވެސް މިވަގުތު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު އަބުޅޯ އެކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "މިއަދުން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފިން" ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. Miadhun feshigen PPM ge council membarukamun alhugandu isthiufaa dheefin. — Abdulla Ahmed (@AblhoMP) July 10, 2017 އެކަމާ ގުޅޭ ގޮތުން މެމްބަރު އަބުޅޯގެ ފޯނަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުމުން އިތުރު ތަފްސީލް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ޖޭޕީ އިން ވަކިވެވަޑައިގަތް މެމްބަރު އަބުޅޯ ޕީޕީއެމްއާ ގުޅިވަޑައިގަތީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީންއާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމް އިން ސޮއިކުރި 10 މެމްބަރުންގެ ތެރޭގައި މެމްބަރު އަބުޅޯ ވަނީ ސޮއި ކުރައްވާފަ އެވެ. އަދި މަޖިލީހުގެ މުޅި ދުސްތޫރީ ނިޒާމް ފުޑުފުޑު ކޮށްލަން ޖާގައެއް ނުދެވޭނެ ކަމަށް ބުނެ މަސީހުގެ އިސްތިއުފާ އަށް ވެސް އޭނާ ވަނީ ދާދި ފަހުން ގޮވާލައްވާފަ އެވެ. ޕީޕީއެމް އިން ވަކިވި މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވަ އެވެ. އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ