ޅޮހީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ފޯރުކޮށްދީފި

ނ. ޅޮހީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހު މިހާރު ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޅޮހީގައި އެ ކުންފުނީގެ ފަރާތުން ބޭނުންކުރަމުންދިޔަ 80 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ސެޓާއި 112 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓުގެ ތެރެއިން 112 ކިލޯވޯޓުގެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މި މަހުގެ ހަތްވަނަ ދުވަހު ޅޮއްސަށް ގެންދިޔަ 160 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް ކަރަންޓް ފޯރުކޮށްދެވުނު ކަމަށެވެ.
ނަމަވެސް ކަރަންޓުގެ ހިދުމަތާ ގުޅިގެން ބައެއް ރައްޔިތުންގެ ޝަކުވާ ހުރުމާއެކު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ގަވާއިދާއި ހިލާފަށް އެ ރަށުގެ އިންޖީނުގެއަށް ވަދެ 160 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓު ނިއްވާލައި މުޅި ރަށުން ކަރަންޓުގެ ހިދުމަތް އިއްޔެ ހަވީރުގެ ވަގުތެއްގައި މެދުކަނޑާލާފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަށް ބަލައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހު ރޭ 20:45 ގައި ޅޮއްސަށް ދާއިމީ ކަރަންޓު ދޫކޮށްފައިވާ ކަމަށް ފެނަކައިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ