ޓަޗް އައިޑީއަށް ގެންނަ ބަދަލުގެ ސަބަބުން އައިފޯން 8 އިތުރަށް ލަސްވެދާނެ

އެޕަލްގެ އައިފޯނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑު އެއް ބަދަލަކީ ފޯނުގެ ފިންގާ ޕްރިންޓް ސެންސަރު ސްކްރީންގެ ތެރެއަށް ފެއްތުމެވެ. ނަމަވެސް, މި ކަމުގައި އަދި ވެސް އެޕަލް އަށް ކާމިޔާބުވާ ގޮތެއް ނުވެއެވެ. އެހެންވެ އައިފޯނު 8ގެ ޝިޕްމެންޓްތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓަޗް އައިޑީ އަށް ހަދަންވީ ވަކި ގޮތެއް އެޕަލް އަށް އުޅެނީ ފައިނަލް ނުކުރެވިގެންނެވެ. "ސީނެޓް" އަށް ލިބިފައިވާ މެމޯ އަކާ ހަވާލާދީ "ކޮވެން އެންޑް ކޯ"ގެ އެނަލިސްޓުން ބުނަނީ މި ކަމުގެ ސަބަބުން އައިފޯނު 8ގެ ޝިޕްމެންޓްތައް ކުރިން ތާވަލް ކޮށްފައިވާ މުއްދަތައް ވުރެ އެއް މަސް ނުވަތަ ދެ މަސް ލަސްވެދާނެއެވެ.
އައިފޯނު 8 މި އަހަރުގެ ފަހު ކުއާޓާގައި ބާޒާރަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި އެ ފޯނުގެ 90 މިލިއަން ޔުުނިޓް އޭރަށް އެޕަލް އިން ފައްކާކުރާނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޓަޗް އައިޑީ އަށް ހަދާނެ ގޮތަކާމެދު އެޕަލް އިން ގިނަ މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ. އަދި ޑިސްޕްލޭ ތެރެއަށް ޓަޗްއައިޑީ ލުމަށް ތިންގޮތަކަށް އެޕަލް އިން ދަނީ ވިސްނަމުންނެވެ. އެއްގޮތަކީ އިނގިލީގެ ނިޝާން ޖަހާ ދިމާލުން ޑިސްޕްލޭގެ ބިއްލޫރިގަނޑު ތުނިކުރުމެވެ. އެ ނޫންނަމަ ބިއްލޫރީގައި ޕިންހޯލް އެއް އަޅައި "އަލްޓްރާސޮނިކް" ނުވަތަ "އޮޕްޓިކަލް" ފިންގާޕްރިންޓެވެ. ތިންވަނަ ގޮތަކީ އެޕަލް އިން މިހާރު ގެންގުޅޭ "އޯތެންޓެކް ޓަޗް އައިޑީ"ގެ ބަދަލުގައި އިނގިލީގެ ނިޝާން ދެނެގަންނާނެ ތުނި "ފިލްމެއް" ޑިސްޕްލޭއާއެކު އެޅުވުމެވެ.
އެޕަލްގެ ދިހަވަނަ އަހަރީ ދުވަހާއެކު އައިފޯނު 8 އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ވަނީ ރާވައިފައެވެ. ޑިސްޕްލޭގެ ތެރެއަށް ފިންގާޕްރިންޓް ސެންސަރު ފައްތާލެވިއްޖެނަމަ ޑިސްޕްލޭ ސައިޒް އިތުރަށް ބޮޑުވާނެއެވެ. ބުނެވޭ ގޮތުގައި އެޕަލް އައިފޯނު 8 އަންނާނީ 5.8 އިންޗީގެ ސްކްރީނަކާ އެކުއެވެ. އަދި މި ފޯނުގައި "ވަޔާލެސް ޗާޖިން" ވެސް ހިމަނާނެ ކަމަށް ވެއެވެ.
އައިފޯނު 8 އާއެކު އައިފޯނު 7 އަދި 7 އެސް އަދި 7 އެސް ޕްލަސް ވެސް ނުކުންނާނެއެވެ. އަދި މި ފޯނުތަކުގައި ވެސް "ވަޔާލެސް ޗާޖިން" ފީޗާ ހިމަނާނެކަމަށް "ނިކޭ އޭޝިއަލް ރިވިއު"ގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ