ކޮންމެ ރަށަކުން ބުނާ އެންމެ ބޮޑު ވާހަކައަކީ ޑީއާރުޕީ އެއްބައިވަންތަ ޕާޓީއަކަށް ހަދައިދޭށޭ: މައުމޫން

ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ކޮންމެ ރަށަކުން ވެސް ބުނާ އެންމެ ބޮޑު ވާހަކައަކީ ޑީއާރްޕީ އެއްބައިވަންތަ ޕާޓީއަކަށް ހައްދަވައިދެއްވުން ކަމަށް ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 5 ގައި ބާއްވާ ކައުންސިލް އިންތިހާބަށް ވާދަކުރައްވާ ޑީއާރުޕީގެ އައްޑޫގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރޭ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޑީއާރުޕީ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާކަން މިހާރު ހުރިހާ ފަރާތްތަކަކަށް ވެސް އެނގޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޑީއާރުޕީ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހާސްކަން އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ ޑީއާރުޕީގެ އެތެރޭގެ ހަމަޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދާ ކޮންމެ ރަށަކުން ބުނާ އެންމެ ބޮޑު ވާހަކައަކީ ޑީއާރުޕީއަކީ ގުޅިގެން މަސައްކަތް ކުރާ އެއްބައިވަންތަ ޕާޓީއަކަށް ހަދައި ދޭށޭ. ރޫޅިފައިވާ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އިންތިހާބަށް ނިކުމެއްޖެ ނަމަ އެކަމެއް ކާމިޔާބެއް ނުވާނެ،" މައުމޫން ވިދާޅުވި އެވެ. "އެހެންވެ ޑީއާރްޕީގެ އެތެރޭގެ ހަމަޖެހުމަކީ ވަރަށް މުހިއްމު ކަމެއް."
ވަރުގަދަ ސެކިއުރީޓިއަކާ އެކު އަދި ޑީއާރުޕީ އަށް ތާއީދު ކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން އަދި ވިދާޅުވީ އެ ޕާޓީއަކީ އެއްބައިވަންތަ ހަރުދަނާ، ގާބިލް ޕާޓީއަކަށް ހެދޭނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ވަކި ބަޔަކަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެހެންނަމަވެސް އެ މަނިކުފާނަކީ ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ވުމާ އެކު، އެ ޕާޓީ ރަނގަޅު މަގަށް އެޅުމަށް އެންމެ ބޮޑު ޒިންމާއެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ ޑީއާރްޕީ އަށް މަޖުބޫރު ކަމެއް ކަމަށެވެ. އަދި ޑީއާރްޕީއަކީ ވަރަށް މާތް މަގުސަދެއްގައި މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އެ މަގުސަދުތައް ހާސިލް ކުރެވޭނީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫން އަދި ވިދާޅުވީ ކައުންސިލް އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުމަކީ "ގައުމީ މަސްލަހަތު އެކުލެވިފައިވާ ކަމެއް" ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި އިންތިހާބަކީ ރާއްޖޭގެ ކުރިމަގުގެ ޗާޓު އަލުން ކުރަހައި ދޭނެ އިންތިހާބެއް. ގައުމީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ ކުރިއަށް ދާނެ މަގު ކޮށައިދޭނެ އިންތިހާބެއް. އެހެންވީމާ މި އިންތިހާބު ކާމިޔާބު ކުރުމަކީ ޑީއާރްޕީން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ. "އެހެންވީމާ ހުރިހާ
ބޭފުޅުންގެ ސަމާލު ކަމަށް އަޅުގަނޑު އެދެނީ އެއްވެސް ދާއިރާއެއްގެ ވޯޓް ބައިބައިވާ ގޮތް ވެއްޖެ ނަމަ އެކަން ހައްލު ކުރެއްވުމަށް. މިކަމަކީ ގައުމަށްޓަކައި އަޅުގަނޑުމެން ވާން ޖެހޭ ގުރުބާނީ އެއް. އަދި މިކަން ކުރުމަށް ހުރިހާ ދާއިރާތަކުގެ ޑީއާރްޕީ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް."
މައުމޫން އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބަށް ޑީއާރްޕީން އައްޑޫގެ ދާއިރާ އަށް ކުރިމަތިލައްވައިފައިވާ ފަސް ކެންޑިޑޭޓުންނަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށާއި ޑިއާރްޕީ އަށް ތާއީދުކުރާ ހުރިހާ ރައްޔިތުން ވެސް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުގައި ކެމްޕޭން ކުރެއްވުމަށް މައުމޫން ވަޑައިގެން ހަރަކާތްތެރިވެ ވަޑައިގެންނެވި އިރު، މި ވަފުދުގައި އުމަރު ނަސީރުގެ ފެކްޝަންގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި ކައުންސިލް އިންތިހާބަށް ޑީއާރްޕީގެ ފަރާތުން އައްޑު އަށް ވާދަ ކުރައްވާ ފަސް ކެންޑިޑޭޓުންގެ އިތުރުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ