ޖެނުއަރީ ،28 2011 ގައި ގދ. ކާޑެއްދު އަށް، ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަތުމުން އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން އިސްވެ ތިއްބަވައިގެން ހިންގި އިދިކޮޅު ހަރަކާތްތައް އެ މަނިކުފާނު ހަރުކަށި އިބާރާތުން އިއްޔެ ކުށްވެރިކުރައްވައިފި އެވެ.
މައުމޫން ސޮއިކުރައްވައި އިއްޔެ ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ދުވަހު އެމްޑީޕީން ހިންގި ހަރަކާތްތަކާ މެދު ވަރަށް ހިތާމަކުރައްވާ ކަމަށާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް މީހަކު ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.
"... އަޅުގަނޑު 28 ޖެނުއަރީ 2011 ވީ ހުކުރު ދުވަހު ގދ. ކާޑެއްދޫ ވައިގެ ބަނދަރަށް ދިއުމުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ހަމަލާ ދިނުމަށްޓަކައި ގދ. ތިނަދޫ އެމްޑީޕީ ބަޔަކު ކާޑެއްދު އަށް ގޮސް މާރާމާރީ ހިންގާފައިވާތީ އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަމެވެ. މި މާރާމާރީގައި، އަޅުގަނޑާ އެކު ދަތުރުކުރެއްވި ބައެއް ބޭފުޅުންނަށް ވަނީ ހާނީއްކަ ވެސް ވެފަ އެވެ. މި މާރާމާރީ ހިންގެވުމުގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ދެ މެމްބަރުން ކަމަށް ވާތީ މިކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް އަބަދު ވެސް ބަހައްޓަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށާއި ޑިމޮކްރެސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އިންތިހާބެއްގައި ޕާޓީގެ ޓިކެޓްގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގަވާއިދާއި ގާނޫނާ އެއްގޮތަށް ކުރާ މަސައްކަތަށް އަނެއް ޕާޓީއަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ވަކި ޕާޓީއެއްގެ ބަޔަކަށް އަނެއް ޕާޓީއެއްގެ ބަޔަކަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
ކާޑެއްދޫގައި ހިނގައި ދިޔަ ހަމަނުޖެހުމަށް ފަހު، އޭގެ އަނެއް ދުވަހު އެ މަނިކުފާނު ފުރާވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ހިމާޔަތަށްޓަކައި ގއ. އަދި ގދ. އަތޮޅުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކާޑެއްދު އަށް ގޮސް ތިއްބެވެ. އެ ކަމަށްޓަކައި އެ މީހުންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެކަމުން ދައްކައިދެނީ އެ މީހުންގެ ހިތްވަރުގަދަ ކަމާއި އަޒުމްގެ ވަރުގަދަކަން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން ކާޑެއްދު އަށް ވަޑައިގަތުމުން، މަޖިލީހުގެ ތިނަދޫ މެންބަރު މުހައްމަދު ގަސަމާއި މަޑަވެލީ މެމްބަރު މުހައްމަދު ނާޒިމާ އެކު ތިނަދޫގެ އެމްޑީޕީ އެކްޓިވިސްޓުންތަކެއް ހިންގި ހަމަނުޖެހުމުގައި ދެ ޕާޓީގެ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ކާޑެއްދޫގައި އެމްޑީޕީން ހިންގި އިދިކޮޅު ހަރަކާތްތައް ހަރުކަށި އިބާރާތުން މައުމޫން ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ