މައުމޫން އަލުން ވެރިކަމަށް ވަޑައިގަތުމާ ދެކޮޅު ހައްދަވާ ކަމަށް ޑރ. ހަސަން ވިދާޅުވެއްޖެ

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަކީ "ވަރަށް ދެކޮޅު ހަދާ ކަމެއް" ކަމަށާއި އެއީ އެ މަނިކުފާނުގެ މަސްލަހަތު ވެސް އަދި ގައުމުގެ މަސްލަހަތު ވެސް އޮތް ކަމެއް ނޫން ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި މައުމޫން ސަރުކާރުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ދިއެފްއެމްގެ "ވަން ޓު ވަން" ޕްރޮގްރާމްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑރ. ހަސަން ވިދާޅުވީ މައުމޫނަށް ފުދޭވަރެއްގެ ގިނަ ދުވަސް ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވިއްޖެ ކަމަށެވެ.
"ހިދުމަތްތަކެއް ވެސް ކުރައްވާފައި ހުރި ބޭފުޅެއް. އެހެންވީމަ އެ ޝަރަފުގައި ދެމިހުންނަވައިގެން ގައުމަށް ކޮށްދެއްވެން ހުރި މަސައްކަތްތަކެއް، ހިދުމަތްތަކެއް ކޮށްދެއްވަންވީ. އެމަނިކުފާނުގެ ބޮޑު އަމާޒަކަށް އޮތީ އިދިކޮޅު ފަރާތްތައް މެދުވެރިކޮށް ކަންތައް ކުރަން ވެއްޖިއްޔާ އިދިކޮޅު ފަރާތްތައް ގުޅުވައިގެން އެއްގަލަކަށް އަރުވައިގެން މަސައްކަތްކުރުމަށް ހިތްވަރު ދެއްވަންވީ،" މައުމޫންގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޑރ. ހަސަން ވިދާޅުވި އެވެ. "އެނބުރި އެ އުމުރުގައި ވަޑައިގަތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެމަނިކުފާނަށް އދި ގައުމަށް ވެސް ލާބަ އާއި މަންފާ ހުރި ކަމެއް ނޫން. އަޅުގަނޑު ހަމަ ޔަގީނުން ވެސް ތާއީދު ކުރާ ކަމެއް ނޫން."
މައުމޫން އަލުން ވެރިކަމަށް ވަޑައިގަތުމާ ދެކޮޅު ކަމަށް ޑރ. ހަސަން ވިދާޅުވިއިރު މައުމޫންގެ ވަރަށް އަރިސް ބޭފުޅުން ގެންދަވަނީ އެއް ފަހަރު ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް މައުމޫނަށް ގޮވާލައްވަމުންނެވެ. އެހެން ނަމަވެސް އެކަމާ މެދު މިހާތަނަށް މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ އެތެރޭގެ ކޯޅުންތަކާ ގުޅޭ ގޮތުން ޑރ. ހަސަން ވިދާޅުވީ އެހާ ހާމަކަނ ބޮޑުކޮށް އެ ކަންތައްތައް ހިނގަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ވެސް ހީނަރުވުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުރަންވާ ކަންތައްތަކަކީ ސަރުކާރު ޒިންމާދާރު ކުރުވުން. ކޮންމެ ބޭފުޅަކު ވެސް ބުރަހެލިކޮށް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ކޮށްދޭން. އެ މަސައްކަތް ކުރަމުން ގެންދާއިރުގައި ޕާޓީއެއްގެ ތެރޭގައި ވެސް ލީޑަރުންތައް ފެނިގެންދާނެ. ގައުމީ ފެންވަރުގައި ވެސް އާ ލީޑަރުންތައް ފެނިގެންދާނެ. ރައްޔިތުން ބަލައިގަންނާނެ ރަނގަޅު ކަންތައް ކުރާ މީހުންނާއި ރަނގަޅު ކަންތައް ނުކުރާ މީހުން. އަޅުގަނޑުމެންގެ ވަރަށް ގިނަ ބޭބޭފުޅުންގެ ވިސްނުން ހުންނަނީ ލީޑަރަކަށް ހުރި މީހާ ދަމާ ހަލާ ވައްޓާލާފައި ތިމާ ހުރި ތާ ހުންނަންވީއޭ. ތިމާ އަމިއްލައަށް ކުރިއަރާކަށް، ކުރިއެރުންތަކެއް ހޯދާކަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އަނެއް މީހާ ދަމާ ހަލައި ވައްޓާލެވޭތޯ މި އުޅެނީ،" ޑރ. ހަސަން ވިދާޅުވި އެވެ.
ގައުމީ ޕާޓީ އަކީ އިދިކޮޅު ފަރާތެއްގެ ގޮތުގައި ނުދެކޭ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ބައެއް އިސް ވެރިން ވިދާޅުވަމުންދާތީ އެކަމާ ގުޅޭ ގޮތުން ޑރ. ހަސަން ވިދާޅުވީ މިއަދު ވެސް ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް ގައުމީ ޕާޓީން ދަތުރުކުރިޔަސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ޑރ. ހަސަން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވީ "ހަމައެކަނި ބޮޑު މީހުންގެ ވާހަކަ އަހާކަށް ނޫން" ކަމަށާއި ކިތަންމެ ނިކަމެތި މީހަކަސް އަދި ކުޑަ މީހަކަސް ހުރިހާ އެންމެންގެ ވާހަކަތައް އެމަނިކުފާނު ކަނުލައި އަޑުއައްސަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އެމަނިކުފާނަކީ އަޅުގަނޑުމެން ދީފައި ހުރި ވަޒީފާއެއްގައި ހުރި ބޭފުޅެކޭ. އަޅުގަނޑުމެން އެމަނިކުފާނާ ވަޒީފާ ހަވާލުކޮށްފައި ވަނީ އަޅުގަނޑުމެންގެ ވާހަކަ އަޑު އަހަންށޭ. އަޅުގަނޑުމެންގެ ކަންތައްތައް ހައްލު ކުރަންށޭ. އެހެންވީމަ ގައުމީ ޕާޓީ އަކީ ކުޑަ ޕާޓީއަކަށް ވިޔަސް އަޅުގަނޑުމެން ދައްކާ ވާހަކަ ]ރައީސް ނަޝީދު[ އަޑު އަހަން ޖެހޭނެ. އެއީ އަޅުގަނޑުމެން ހަވާލުކޮށްފައިވާ ވަޒީފާއަކަށް ވާތީ. މުސާރަ ދީފައި ބަހައްޓާފައިވާތީ،" ރައީސް ނަޝީދުގެ ސިޔާސީ މުޝީރަކަށް ވެސް ދުވަސްތަކެއް ވަންދެން ހުންނެވި ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ އޭނާ އަކީ ސިޔާސީ މުސްތަގުބަލު އޮތް މީހެއްކަން ނިންމާނީ ރައްޔިތުން ކަމަށެވެ.
"އަޅުގަނޑު މިކުރާ މަސައްކަތަކީ އަޅުގަނޑު އަމިއްލަ އަށް މެޑެލް ޖެހުމެއް ނޫން. އަޅުގަނޑު މި އުޅެނީ ފުދިގެން. އެހެން ނަމަވެސް އަޅުގަނޑު މިފުދޭ ގޮތަށް ދިވެހި އެހެން ރައްޔިތުން ވެސް ފުދެން ޖެހޭ. އަޅުގަނޑަށް ވުރެ މާ ބޮޑަށް އަޅުގަނޑު ބޭނުންވޭ އެހެން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދޭން. އަޅުގަނޑުމެންނަށް ލިބިފައި ހުރި ތައުލީމަކާއި ހިޔާލަކާއި ގުޅުންތަކެއް ބޭނުންކޮށްގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރުމޭ. އަޅުގަނޑު މެޑަލް ޖަހާކަށެއް ނޫނޭ. އެކަން ދިވެހި ރައްޔިތުންނަށް ބަލައިގަނެވެންޏާ ހަސަން ސައީދުގެ މުސްތަގުބަލް އޮންނާނެ. ޑރ. ޖަމީލްގެ މުސްތަގުބަލް ވަރަށް އުޖާލާ ވާނެ. ދިވެހި ގައުމީ ޕާޓީގެ ސިޔާސީ ހަޔާތް ވަރަށް ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީއާ ގުޅޭ ގޮތުން ޑރ. ހަސަން ވިދާޅުވީ މިހާރުގެ ސަރުކާރުން އައްޑޫ އަކީ ސިޓީއެއް ކަމަށް ހަދަން ބޭނުން ނަމަ ލާމަރުކަޒީ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު މާލެ އަކީ ސިޓީއެއް ކަމަށް ހަދަން ލިޔުނު ގޮތަށް އެ ގާނޫނުގައި ލިޔުނީސް ކަމަށެވެ.
"އެކަމެއް ނުކުރޭ. އެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހަށް ދިވެހި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ގޮތަށް ފޮނުއްވައިގެން އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ފާސްކުރައްވާފައިވާ ގާނޫނެއް. އޭގައި އެ ގޮތަށް ނުލިޔުނީމަ އޭގެ މާނަ އަކީ މި ސަރުކާރުން އެ ގޮތަކަށް ބޭނުމެއް ނޫނޭ،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ވެސް މައްސަލައަކަށް ވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އައްޑޫ ސިޓީ އުފެއްދުން ކަމަށެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ޖީއެމްއާރާ ހަވާލުކުރުމާ ދެކޮޅަށް ޑީއާރުޕީ އާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީއޭ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަށް މަސައްކަތް ނުކުރެވޭ ކަމަށް ޕީއޭއިން ކުރާ ތުހުމަތަށް ރައްދު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ މިހާތަނަށް ކުރި ކަމެއް ކޮށްފައި ވަނީ ގައުމީ ޕާޓީން ކަމަށެވެ.
"ގުޅިގެން ބަޔާންތައް ނެރުނިން. ކޯޓުތަކަށް މައްސަލަތައް ވެއްދީ އަޅުގަނޑުމެން. ދުނިޔޭގެ ޖަމާއަތްތަކަށް، މާލީ އިދާރާތަކަށް ޖީއެމްއާރުން މި ހިންގަނީ ބޮޑު ޖަރީމާއެއް ކަމާއި ކޮރަޕްޝަނާއި ފަސާދައިން ފުރިގެންވާ އަމަލެއްކަން، މި މީހުންނަށް ފައިނޭންސް ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކަށް ރިޕޯޓްތައް ތަޔާރުކޮށްފައި ފޮނުވީ އަޅުގަނޑުމެން. ކޯޓުތަކަށް ދިޔަ ވަކީލުންނަށް ފީ ދެއްކީ އަޅުގަނޑުމެން،" ޑރ. ހަސަން ވިދާޅުވި އެވެ. "މިހާތަނަށް ކުރި ކަމެއް ވެއްޖިއްޔާ ކޮށްފައި އޮތީ އަޅުގަނޑުމެން. ގައުމީ ޕާޓީގެ ]އެންމެ[ މެމްބަރެއް މަޖިލީހުގައި ހުންނަވަނީ. ތިޔަ ވިދާޅުވާ ޕާޓީގެ ކިތައް މެމްބަރުން ]މަޖިލީހުގައި[ އެބަ ތިއްބެވިތޯ؟ އެ ބޭފުޅުން ކޮން ކަމެއްތޯ ކުރެއްވީ؟ މަޖިލީހަށް ކީއްވެތޯ ޖީއެމްއާރުގެ ބޭފުޅުން ހާޒިރު ކުރައްވައި ސުވާލު ނުކުރެއްވީ؟ މާލީ ވަޒީރު ހާޒިރު ކުރައްވައި ސުވާލު ނުކުރައްވަނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ ޝަރުއީ ކޯޓަށް މައްސަލައެއް ހުށަނޭޅުއްވީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ