ފަނޑިޔާރުންގެ މަހާސިންތާ: "ޝަރުއީ ދާއިރާގެ މުސާރަ ބޮޑުކުރަން ޖެހޭ"

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދޭ މުސާރަ އާއި އެހެނިހެން އިނާޔަތްތައް އެހެން ދާއިރާތަކަށްވުރެ އިތުރުކޮށް ބޮޑުކުރުމަށް ފަނޑިޔާރުންގެ ގައުމީ މަހާސިންތާގެ ގްރޫޕު މަޝްވަރާތަކުން ނިންމަވައި ބުދަ ދުވަހު ހުށަހަޅުއްވައިފި އެވެ.
މަހާސިންތާގައި ބުދަ ދުވަހު ޝަރުއީ ދާއިރާގެ ހިމާޔަތާއި ރައްކާތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ޝައުރީ ދާއިރާގައި ހިފަހައްޓަން ޖެހޭ ސްލޫކީ މިންގަނޑާ ބެހޭ ގޮތުން ބުދަ ދުވަހު ބޭއްވެވި ގްރޫޕު މަޝްވަރާތަކުގައި ބައިވެރިން އެގޮތަށް ނިންމެވީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެހެނިހެން މީހުންގެ ބާރު އެ މުވައްޒަފުންގެ މައްޗަށް ނުހިންގޭ ފަދަ ގޮތެއްގައި މަސައްކަތްކުރަން ޖެހޭ ބަޔަކަށް ވާތީ، މުސާރަ އާއި އިނާޔަތްތައް މަތިކޮށް އިތުރުކުމަކީ މުހިއްމު ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާތީ އެވެ.
މި މައްސަލައަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާއެއްގައި ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވެސް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައިވާ ކަމެކެވެ.
އަދި ރަށްރަށުން މާލެ ވަޑައިގަންނަވާ ފަނޑިޔާރުންނަށް ރައްކާތެރިކަމާއެކު ތިބެވޭނެ އެކޮމޮޑޭޝަން ހަމަޖެހިފައިވުމާއި ފަނޑިޔާރުން މައްސަލަތައް ބެލުމަށް ދަތުރުކުރައްވާ ނަމަ ރައްކާތެރި ގޮތުގައި ދަތުރުކުރެއްވޭނެ ގޮތް ހަމަޖެއްސެވުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަން ވަނީ ހުށަހަޅުއްވާފަ އެވެ.
ކޯޓުގެ މުވައްޒަފުންނާ މެދު ބައެއް ފަރާތްތަކުން ވަރަށް އިހާނެތިކޮށް ކަންތައް ކުރާކަން ވެސް މަހާސިންތާގެ ބައެއް ބައިވެރިން ވަނީ ފާހަގަ ކުރައްވައިފަ އެވެ އެގޮތުން ކޯޓުތަކުގެ މުވައްޒަފުންނާ މެދު އިހާނާތްތެރި އަމަލުތައް ހިންގާ މީހުންނާ ދޭރެތެރޭގައި އަޅާނެ ފިޔަވަޅުތަކާ މެދު އަމަލުކުރެވޭ ގޮތުގެ ގަވާއިދާއި ގާނޫނު ހެދި އެ ކަންތައްތަކަށް އަމަލުކުރަން ފެށުމާއެކު، އާންމު އެކަމާ ހޭލުންތެރި ކުރުވުމަށް ވެސް މަހާސިންތާގެ ބައިވެރިން ވަނީ ހުށަހަޅައިފަ އެވެ.
ބުދަ ދުވަހުގެ މަޝްވަރާތަކުގައި ކޯޓު އިމާރާތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ވެސް ބައިވެރިން ގޮތްތަކެއް ނިންމަވައި ހުށަހެޅުއްވި އެވެ. އެގޮތުން އިމާރާތުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސެވުމާއި ކޯޓުތަކުގެ އެތެރެ އާއި ބޭރުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ގާއިމް ކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އަދި ކޯޓަށް ވަންނަ މީހުން ސްކްރީން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށާއި އަލިފާން ނިންވާނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް ބައެއް ގްރޫޕުތަކުން ހުށަހަޅުއްވާފައިވެ އެވެ. އަދި ކޯޓުގެ ސަލާމަތީ ކަންތައްތައް ފުލުހުން ބެލެހެއްޓުމަށް ވެސް ބައެއް ހުށަހެޅުއްވުމުގައި ވެ އެވެ.
ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ސްލޫކީ މިންގަނޑާ ބެހޭ ގޮތުން ވެސް ބުދަ ދުވަހު މަޝްވަރާ ކުރައްވައި، ހުލާސާ ހުށަހެޅުއްވުންތަކެއް ހުށަހެޅުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ