21: 20
މިއަދު ކުރިއަށް ދިޔަ ރާއްޖޭގެ ރިއާސީ އިންތިޚާބުގެ ވޯޓުލުން ނިންމައި ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ. އެ ގޮތުން، މިހާތަނަށް މައުލޫމާތު ލިބުނު ގޮތުގައި، ބ. ދަރަވަންދު އާއި މ. ދިއްގަރާއި ލ. ކައްދޫ ވޯޓު ފޮށި މިހާރު ވަނީ ބަންދުކޮށްފަ އެވެ. ލ. ކައްދޫ ފޮއްޓަށް ވޯޓު ލާފައިވަނީ 159 މީހުންނެވެ. ދަރަވަންދޫ ގައި ވޯޓު ލާފައިވަނީ 400 މީހުންނެވެ.
15: 20
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވައިލުމުން ޖުމްހޫރީ ގުޅުމުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ބުނި ގޮތުގައި އެ ގުޅުމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމަށް ޝަކުވާ ހުށަހެޅީ ގާނޫނާ ޚިލާފަށް ރަޖިސްޓްރީ ކުރަން ހުޅުވާލުމުންނެވެ.
މިހާރު ކުރިއަށް ދާ ރިއާސީ އިންތިޚާބުގެ ވޯޓުލުން ފެށުމާ އެކު ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ބައެއް މީހުންގެ ނަން ނެތުމުގެ ޝަކުވާތައް ހުށަހެޅި ހަމަނުޖެހުން އުފެދުމާ ގުޅިގެން، ރިއާސީ ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށް ފަހު އެވެ.
54: 19
ވިލިމާލޭގައި އެންމެ ވޯޓު ފޮއްޓެއް ހުރުމުގެ ސަބަބުން ވޯޓު ނުލެވި ވަރަށް ގިނަ ވަގުތު ތިބެން ޖެހި ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަމުން ދާތީ، އިތުރު ވޯޓު ފޮއްޓެއް ދާދި ދެންމެ އަކު އެ އަވަށަށް ގެންގޮސްފި އެވެ.
ވިލިމާލޭގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އިރު، ވިލިމާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ އިތުރުން އެ އަވަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓުލުމަށް ވެސް ބަހައްޓާފައި ހުރީ އެންމެ ވޯޓު ފޮއްޓެކެވެ. ހެނދުނު ނުވައެއް ޖެހުމާ އެކު އެ ފޮށި ކައިރީގައި ގިނަ އަދަދެއްގެ މީހުން ކިޔޫ ހަދައިގެން ހަތަރު ގަޑިއިރު ވެސް ވޯޓުލުމަށް އިންތިޒާރުކުރަން ޖެހިފައިވެ އެވެ.
ވިލިމާލޭގެ މުހްޔިއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައި ހުރި އިރު މިހާރު ވެސް ސްކޫލްގެ ގޯތިތެރެ އޮތީ ވޯޓު ލާން ގޮސް ތިބި މީހުންތަކުން ތޮއްޖެހިފަ އެވެ. އަދި މީގެ ބައިގަޑިއެއްހާ އިރު ކުރިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
41: 19
އިންޑިއާގެ ޓްރިވެންޑްރަމްގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވެސް މިރޭ ބަންދުނުކޮށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.
އިންޑިއާގައި ވޯޓު ނެގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ބަދޫރާ ސައީދު ދެންމެ ވިދާޅުވި ގޮތުގައި ޓްރިވެންޑްރަމްގައި ހުރި ވޯޓު ފޮށި މިރޭ ބަންދުނުކޮށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސީ ވޯޓު ދިނުމަށް އަލަށް ރަޖިސްޓްރީ ކުރި މީހުންނަށް ވާވަރަށް ވޯޓު ކަރުދާސް ނެތުމުންނެވެ. މިހާރު ވެސް ވަރަށް ގިނަ މީހުން ވޯޓުލުމަށް ގޮސް އެބަ ތިއްބެވެ. ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން 900 އެއްހާ މީހުން މިހާރު ވޯޓުލާފައިވާ އިރު، ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް މިހާރު ވެސް 100 އެއްހާ މީހުން އެބަ ތިއްބެވެ.
ވޯޓުލުމުގައި ކުރިމަތިވި މައްސަލަތަކާ ގުޅިގެން، އައިޑެންޓިޓީ ކާޑު އޮތް ކޮންމެ މީހަކަށް ވެސް ވޯޓު ލެވޭ ގޮތަށް އިލެކްޝަންސް އިން ހަމަޖެއްސުމާ ގުޅިގެން މައިސޫރާއި ބެންގަލޫރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން އައިސް ވޯޓު ލުމަށް ރަޖިސްޓްރީ ކުރަމުން އެބަދެ އެވެ.
18: 19
ސުނާމީގައި ރަށް ހަލާކުވުމާ ގުޅިގެން ލ. ގަމަށް ހިޖުރަކުރި އެ އަތޮޅު މުންޑު އާއި ކަޅައިދޫގެ ގިނަ އަދަދެއްގެ ބަޔަކު، އެެ މީހުންގެ އެ ދެ ރަށަށް ގޮސް ވޯޓުލައިފި އެވެ. އެއީ އެމީހުން ސުނާމީ އަށް ފަހު ދިރިއުޅެމުންދާ މުންޑޫ ގައި ވޯޓްލުމަށް ހަދާފައިވާ ރަޖިސްޓްރީގައި އެ މީހުންގެ ނަން ނެތުމުންނެވެ.
08: 19
މެލޭޝިއާގައި ހުރި ވޯޓު ފޮށި ބަންދުނުކޮށް، ވޯޓުލުން މާދަމާ އަލުން ކުރިއަށް ގެންދިއުމަށް ނިންމުމުން ބައެއް މީހުން ހޫނުވަމުން އެބަދެ އެވެ.
ވޯޓުލުމަށް އައިސް ތިބި މީހުންނާއި ލިސްޓުގައި ނެތިގެން ވޯޓު ނުލެވުނު މީހުންނާއި ވޯޓުލުމަށް ފަހު މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ފަންސާހަކަށް މީހުން މިހާރު އަޑުހަރުކޮށް ގޮވަމުން ދަނީ މިރޭ ވޯޓުލުން ހުއްޓާލާއިރު ހުރި ވޯޓުގެ ނަތީޖާ އިއުލާންކުރެވެންޖެހޭނެ ކަމަށެވެ.
ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މީހުން ހަމަޔަކަށް އެޅުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މަސައްކަތްކުރަމުން އެބަދެ އެވެ.
މިހާރު ވެސް 100 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް އެބަ ތިއްބެ އެވެ.
29: 18
މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބަންދުކުރި ވޯޓު ފޮއްޓެއްގެ ގޮތުގައި ސިންގަޕޫރުގައި ހުރި ވޯޓު ފޮށި ބަންދުކޮށްފި އެވެ.
ނަމަވެސް މެލޭޝިއާގައި ވޯޓު ފޮށި ބަންދު ނުކޮށް، މާދަމާ އަލުން ވޯޓުލުން ކުރިއަށް ގެންދިއުމަށް މިހާރު ނިންމައިފި އެވެ. މި ގޮތަށް ނިންމީ މެލޭޝިއާގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރި ގިނަ އަދަދެއްގެ ބައެއްގެ ނަން ލިސްޓުގައި ނެތުމުން އެ މީހުންނަށް ވޯޓު ލެވޭ ގޮތް ނުވުމުންނެވެ.
ސިންގަޕޫރުގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލް އަބްދުއްރަޝީދު އަލީ ދެންމެ ވިދާޅުވީ ވޯޓުލުމަށް ހާޒިރުވެ ތިބި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދުކުރީ ސިންގަޕޫރުގެ ގަޑިން މިރޭ 30: 8 ގައި (ރާއްޖޭގެ ގަޑިން ހަވީރު 30: 5) ކަމަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް މިރޭ 30: 9 ގައި ފަށައި އިއުލާންކުރާނެ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ.
ހަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުގައި ފުރަތަމަ ނަތީޖާ އިއުލާންކުރެވޭނީ ވެސް ސިންގަޕޫރުގަ އެވެ.
39: 17
ހއ. ދިއްދޫ އެއް ނަންބަރު ވޯޓު ފޮށި ބަހައްޓާފައި ހުރި ސަރައްހަދުން ވޯޓު ކަރުދާސް ހުސްވެގެން ވޯޓުލުން ހުއްޓާލައިފި އެވެ. ދިއްދޫގައި ހުރި ހަވީރުގެ ރިޕޯޓަރު ބުނީ މިހާރު ކަރުދާސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
14: 17
ނ. މިލަދޫގައި ވޯޓުލާން ފަށައިފި އެވެ.
ވޯޓު ފޮއްޓާ އިލެކްޝަންސްގެ ފަރާތުން ހަވާލުވެ ހުންނެވި އަބޫބަކުރު މުހައްމަދު ވިދާޅުވީ ވޯޓުލާން މިހާރު ފެށިފައިވީ ނަމަވެސް އަދިވެސް ރައްޔިތުން ކޮންމެ ވެސް ވަރަކަށް މައްސަލަޖައްސަމުންދާ ކަމަށެވެ.
02: 17
ނ. މިލަދޫގައި އަދިވެސް ވޯޓްލުން ނުފެށޭ ކަމަށް އެ ރަށުން ބުނެފި އެވެ. އެ ރަށުގައި ވޯޓުލުން ނުފެށި ލަސްވެފައިވަނީ، އެ ރަށަށް ގެންދިޔަ ވޯޓު ފޮށި، ވޯޓުލާ މަރުކަޒަށް ގެންދިޔުމަށް އާންމުންގެ ބަޔަކު ހުރަސް އެޅުމުންނެވެ.
އެ މީހުން މި ކަމަށް ހުރަސް އަޅާފައިވަނީ، އެ ރަށުގެ ގިނަ އަދަދެއްގެ ބައެއްގެ އައިޑީ ކާޑު އެމީހުންނަށް ނުލިބިގެންނާއި ވޯޓުލާ މީހުންގެ ލިސްޓްގައި މައްސަލަތަކެއް ހުރުމުންނެވެ. ނަމަވެސް ވޯޓު ފޮށި ވޯޓުލާ މަރުކަޒަށް ވައްދަން ރައްޔިތުން އެއްބަސްވުމުން ވޯޓުފޮށި މިހާރު ވަނީ ވޯޓުލާ މަރުކަޒަށް ގެންގޮސްފަ އެވެ.
ވޯޓު ފޮއްޓާ އިލެކްޝަންސްގެ ފަރާތުން ހަވާލުވެ ހުންނެވި އަބޫބަކުރު މުހައްމަދު ވިދާޅުވީ މިހާރު ވޯޓުލާން ތައްޔާރުވަމުންދާ ކަމަށެވެ. އެކަމަކު އަދި ވެސް ރައްޔިތުން ބުނަމުން ދަނީ ވޯޓުލާ ނިންމަން ކަނޑައަޅާފައިވާ ގަޑިއަށް މިހާރު ފަށައިގެން ނުނިމޭނެތީ ދެން ހަދާ ގޮތެއް އިއުލާންކުރުމުން ނުނީ ވޯޓުލާން ނުފަށާނެ ކަމަށެވެ.
މިލަދޫ ރައްޔިތުން ވޯޓުލާން އެއްބަސްވީ އައިޑީ ކާޑު ނުލިބޭ 70 ވަރަކަށް މީހުންނަށް ވޯޓު ނުލެވުނަސް އައިޑީ ކާޑު ހުރި މީހުންނަށް ވޯޓުލާން ފުރުސަތު ދޭން ކަމަށް އަބޫބަކުރު ބުންޏެވެ.
43: 16
މިހާރު ކުރިއަށްދާ ރިއާސީ އިންތިޚާބުގައި ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަންތައް ރަޖިސްޓްރީގައި ނެތުމުގެ ސަބަބުން ކުރިމަތިވި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، އައިޑީކާޑު އޮތް ކޮންމެ މީހަކު ވެސް އައިޑީކާޑު ހިފައިގެން ދިއުމުން، ވޯޓު ނަގާ މަރުކަޒެއްގައި ވަގުތުން ރަޖިސްޓްރީކޮށް ވޯޓުލުމުގެ ފުރުސަތު ދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
39: 16
ގދ. ތިނަދޫގައި ވޯޓުލުން ދެ ގަޑިއަށް ވުރެ ގިނަ އިރު މެދުކެނޑިފައި އޮތުމަށް ފަހު އަލުން ވޯޓު ލާން ފަށައިފި އެވެ. ވޯޓު ލާން އައި ބައެއް މީހުންގެ ނަން ރަޖިސްޓްރީ ލިސްޓުގައި ނެތުމުންނާއި އައިޑީކާޑުގައި މައްސަލަތަކެއް ހުރުމުން އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެން އާންމުން ހުރަސްއަޅައި ތިނަދޫގައި ހުރި ހަތަރު ފޮށީގެ ވޯޓުލުން ވެސް ވަނީ ހުއްޓުވައިފަ އެވެ.
ނަމަވެސް އަލުން ވޯޓުލާން މި ފެށީ އައިޑީ ކާޑު ހިފައިގެން އައުމުން ވަގުތުން ރަޖިސްޓްރީކޮށްދީ، ވޯޓު ލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ނިންމުމާ ގުޅިގެންނެވެ.
ތިނަދޫގައި ހިނގި ހަމަނުޖެހުމުގައި ވޯޓު ފޮއްޓެއް އެއްލާލުމުގެ ސަބަބުން އެ ފޮއްޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ރަށުގައި ހުރި ހަވީރުގެ ނޫސްވެރިޔާ މުހައްމަދު ޝަހީބު މައުލޫމާތު ދެއްވަ އެވެ. މި އަމަލު ހިންގި މީހާ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.
40: 14
މިހާރު ކުރިއަށް ދާ ރިއާސީ އިންތިޚާބުގެ ވޯޓުލުން ވަގުތު އިތުރުކޮށްގެން ވެސް ފުރިހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން މި ގޮތަށް ނިންމީ ވޯޓުލުމުގެ ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން، އިންތިޚާބާ މެދު ގޮތެއް ނިންމުމަށް ކޮމިޝަންގެ ފަރާތުން ރިއާސީ ކެންޑިޑޭޓުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު އެވެ.
ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ ކޮމިޝަންގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ނަސަންދުރާގައި ތިބި ނޫސްވެރިންނާ އެކު އެ މައުލޫމާތު ހިއްސާކުރުމުގެ ބަދަލުގައި އޭނާ އެ ވާހަކަ ވިދާޅުވީ ނަސަންދުރަ ކައިރި އަށް އެއްވެ ތިބި އާންމުންގެ ބަޔެއްގެ ގާތުގަ އެވެ.
30: 14
މިހާރު ކުރިއަށް ދާ ރިއާސީ އިންތިޚާބުގެ ވޯޓުލުމުގައި ގދ. ތިނަދޫގައި ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން، އާންމުގެ ބަޔަކު ނުކުމެ އެ ރަށުގައި ވޯޓުލުން ހުއްޓުވައިފި އެވެ.
އެ ރަށުން މައުލޫމާތު ލިބުނު ގޮތުގައި މީގެ ހައެއްކަ މިނެޓް ކުރިން ވޯޓުލުން ހުއްޓުވައިލީ ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަންތައް ލިސްޓުގައި ނެތުމާއި އައިޑީކާޑު ނެތުން ފަދަ މައްސަލަތައް ދިމާވުމުން އާންމުން އެކަމާ ހިތްހަމަނުޖެހި ވޯޓުލުމަށް ހުރަސްއަޅަން ފެށުމުންނެވެ. ތިނަދޫގައި ވޯޓުލުމަށް ބަހައްޓާފައި ހުރީ ހަތަރު ފޮށި ކަމަށްވާ އިރު އެ ހަތަރު ފޮށީގެ ވޯޓުލުން ވަނީ ހުއްޓުވައިފަ އެވެ.
21: 14
ލ. ފޮނަދޫން : އާދަމް ހަލީމް
ވޯޓުލުމުގައި ދިމާވި ހިތްހަމަ ނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ވޯޓުލުމަށް ހުރަސް އަޅަމުން ދާތީ، ލ. އަތޮޅު ހިތަދޫގައި ވޯޓުލުން ހުއްޓާލައިފި އެވެ. އިލެކްޝަން ކޮމިޝަނުން މި އަތޮޅަށް ހާއްސަކޮށްފައިވާ ކޯޑިނޭޓިން ކޮމެޓީގެ ޗެއާޕާސަން ހަސަން މަނިކު ވަނީ މިއަދު މެންދުރު އެކަން ކަށަވަރު ކޮށްދެއްވައި އެ މައްސަލަ ހައްލުކުރެއްވޭތޯ މަސައްކަތްކުރައްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ހަސަން މަނިކު ވިދާޅުވީ ހިތަދޫގައި ވޯޓުލުން ހުއްޓައިލީ ހެނދުނު 10 ޖަހާ އެހާކަށްހާއިރު ކަމަށާއި ވޯޓުލުން ހުއްޓާލީ ވޯޓުލުން ކުރިޔަށް ގެންދިއުމަށް އެ ރަށުގެ 82 މީހަކު ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
17: 14
ތ. އަތޮޅު ގުރައިދޫގައި ވޯޓްލާން ގޮސް ތިބި އުމުރުން 60 އަހަރުން މަތީގެ ހަ މީހަކު އެހީތެރިއަކަށް އެދުމުން އެކަމަށް ފޮށި ކައިރީގައި ތިބި އިލެކްޝަންސް ކޮމިޝަންގެ މީހުން އިންކާރުކޮށްފި ކަމަށް ގުރައިދޫ ކޮމްޕްލެއިން ބިއުރޯ އިން ބުނެފި އެވެ.
އެ ރަށު ކޮމްޕްލެއިން ބިއުރޯ އިން ވާހަކަ ދެއްކި ތޯރިގް އަލީ ވިދާޅުވީ ހަ މުސްކުޅިއެއްގެ މައްސަލަ އެ ބިއުރޯ އަށް ހުށަހާޅާފައިވާ ކަމަށެވެ.
ވޯޓް ފޮށި ކައިރީ ތިބި މީހުން ބުނެފައިފަވަނީ ވޯޓްލާތަނަށް އެހީތެރިއެއް ނުވެއްދޭނެ ކަމަށާއި ރަށު އޮފީހުން އެއީ ނުކުޅެދޭ ބައެއް ކަމަށް ލިއުމެއް ގެނައުމުން ނުނީ އެހީތެރިއެއް ނުވެއްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ތުރުތުރު އަޅާ މީހުންނާއި ލޯފަން މީހުން ވެސް ހިމެނޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ގުރައިދޫ ކޮމްޕްލެއިން ބިއުރޯ އިން ރަށު އޮފީހާ ހަވާލާދީ ބުނީ ކަތީބު އެފަދަ ލިއުމެއް ދޭން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ކަންތައް އޮންނަ ގޮތުން ރަށު އޮފީހާ މިކަމާ ނުބެހެވޭނެ ކަމަށާއި އިލެކްޝަނުން އެފަދަ ލިއުމެއް ދޭން ކުރިން އަންގާފައިވާ ނުވާ ކަމަށް ކަތިބު ވިދާޅުވި ކަމަށެވެ.
ތ. އަތޮޅުގައި ވެސް އައިޑީ ކާޑު ނުލިބުމުގެ މައްސަލަ ވެސް އެބައުޅެއެވެ. އެ ގޮތުން މަޑިފުށީ ގައި 10 މީހުންގެ އައިޑީ ކާޑު އަދިވެސް ނުލިބޭ ކަމަށް މަޑިފުށީ އޮފީހުން ބުންޏެވެ. ތ. އަތޮޅުގައި ވެސް ނަން ލިސްޓްގައި ނަންނެތުމުގެ މައްސަލަ ވެސް ކޮންމެ ވެސް ވަރަކަށް އެބަ އުޅެ އެވެ.
04: 14
މިހާރު ކުރިއަށްދާ ރާއްޖޭގެ ރިއާސީ އިންތިޚާބުގެ ވޯޓުލުމުގައި، މައްސަލަތަކެއް ދިމާވެފައި ހުރި ނަމަވެސް، އިންތިޚާނު ފަސްނުކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް މި އިންތިޚާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ.
ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަންތައް ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ނެތުމުންނާއި އައިޑީކާޑުގެ މައްސަލަތައް ހުރުމުގެ ސަބަބުން ބައެއް މީހުން ނުރުހުން ފާޅުކުރުމުގެ ގޮތުން، ވޯޓާ ބެހޭ މައި މަރުކަޒު ކައިރިއަށް އާންމުން އެއްވުމާ ގުޅިގެން، ރިއާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ބޭއްވި ބައްދަލުވުން މިހާރު ނިމިއްޖެ އެވެ.
މި ބައްދަލުވުމަށް ފަހު ޑީއާރްޕީ އާއި އެމްޑީޕީ އަދި މިނިވަން ކެންޑިޑޭޓް ޑރ. ހަސަން ސައީދުގެ ފަރާތުން ވެސް ބުނެފައިވަނީ، އިންތިޚާބު ފަސްކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އައިޑީޕީގެ ރިއާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވަނީ، މިހާރުން މިހާރުން އިންތިޚާބު ފަސްކޮށް މައްސަލަތައް ހައްލުކުރުމަށް ފަހު އަލުން އިންތިޚާބު ބޭއްވުމަށެވެ. އުމަރު ވިދާޅުވީ ލިބަރަލް ޕާޓީގެ ފަރާތުން ވެސް ގެންގުޅެނީ އޭނާއާ ދާދި އެއްގޮތް ޚިޔާލެއް ކަމަށެވެ.
މި ބައްދަލުވުމުގެ ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ބައިވެރިވަޑައިނުގަނެވުމުގެ ސަބަބުން އިލެކްޝަންްސް ކޮމިޝަންގެ ފަރާތުން ދެންމެ ގާސިމާ ބައްދަލުކުރައްވައިފި އެވެ. ގާސިމްގެ ފަރާތުން ވާހަކަ ދެއްކެވި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ވެސް އިންތިޚާބު ފަސްކުރަން ބޭނުންނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ފާއިޒު ވިދާޅުވީ، ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނިންމި ގޮތެއް ނޫސްތަކަށް އިރުކޮޅެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
35: 13
އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ގިނަ ކެންޑިޑޭޓުން ވިދާޅުވީ މައްސަލަތައް ހައްލުކޮށްގެން ވޯޓްލުން ކުރިއަށް ގެންދިއުމަށް. ޑީއާރުޕީން ވެސް ބޭނުން ވަނީ ވޯޓްލުން ކުރިއަށް ގެންދަން ކަމަށް ޕާޓީގެ އޮފިޝަލަކު ވިދާޅުވި.
30: 13
ވޯޓްލާންދާ ބައެއް މީހުންގެ ނަންތައް ލިސްޓްގައި ނެުމުގެ ސަބަބަބުން ދިމާވާ މައްސަލަތަކާ ގުޅިގެން އެކަމާ ބެގޭގޮތުން ރިޔާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާ ބައްދަލުވުމެއް ބާއްވައިފި.
03: 13
ހުޅުމާލޭގައި ބަހައްޓާފައިހުރި ވޯޓުފޮއްޓައް ވޯޓުލުމަށް ދިޔަ ގިނައަދަދެއްގެ މީހުންގެ ނަން ދިމާނުވެގެން ވޯޓުނުލެވި ވަނީ ގޮސްފައި. ހުޅުމާލޭގައި ރަށްވެހިވެފައިވާ 2000 ވުރެ ގިނަ މީހުންގެ އިތުރުން ރަށްރަށުން ހިޖުރަކޮށްފައިވާ މީހުން ގެވެސް މައުލޫމާތު ދިމާނުވެގެން ވަނީ ވޯޓުނުލެވިފައި. ހުޅުމާލޭގައި ވޯޓުލާން ފެށި 15: 9 ހާއިރު ހިނގި ހަމަނުޖެހުމެއްގައި ފުލުހުންވަނީ އެކަކު ހައްޔަރުކޮސްފައި. އަދި ކެމްޕެއިން ކުރުމަށް އުޅުނު މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައި.
56: 12
ނަސަންދުރާ ކައިރިއަށް އެއްވެފައިތިބި މީހުން ދުރުކުރުމަށް ފުލުހުންގެ ޝިލްޑާއި މުގުރުހިފައިގެން ތިބި ފުލުހުން ސަފުހަދައިގެން ތައްޔާރުވެގެން އެބަތިބި.
54: 12
ރ. އަތޮޅުގެ މިދޫއަށް ސުނާމީއާ ގުޅިގެން ބަދަލުވި ކަނދޮޅުދޫ ރައްޔިތުންގެ ވޯޓްކަރުދާސް އަދި ވެސް ނުލިބޭ ކަމަށް މީދޫ އޮފީހުން ބުނެފި އެވެ.
މީދޫ ކަތީބު އަބްދުﷲ ސައިދޫ ވިދާޅުވީ އެރަށުގައި އުޅޭ ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން 124 މީހަކަށް ވޯޓްލާ ކަރުދާސް ނުލިބިގެން ވޯޓް އަދި ނުލެވޭ ކަމަށެވެ.
ރ. އަތޮޅަށް ބަލާލާއިރު ވެސް ވަރަށް ގިނަ ރަށްރަށުން އައީޑީ ކާޑުގެ ނުލިބުމުގެ މައްސަލަ އާއި ވޯޓްލާ ލިސްޓްގައި ނަންނެތުގެ މައްސަލަ ވެސް އެބައުޅެ އެވެ. އެގޮތުން ރ. އަތޮޅު އިންނަމާދޫ އާ ކުރަން ފޮނުވި 50 މީހެއްގެ އައިޑީ ކާޑު އަދި ނުލިބޭ ކަމަށް އެރަށު ރަށުއޮފީހުން ބުނެފި އެވެ. އަދި ރ. އަތޮޅު މާކުރަތުގައި ވެސް 57 މީހެއްގެ އައިޑީ ކާޑު ނުލިބޭ ކަމަށް އެރަށު އޮފީހުން މައުލޫމާތުދެ އެވެ.
48: 12
ވިލިމާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ޓަކައި އެއް ފޮށި ބަހައްޓާފައިހުރުމުގެ ސަބަބުން ގިނައަދަދެއްގެ ބަޔަކު ވޯޓުނުލެވި އެސަރަހައްދުގައި ވަނީ ތޮއްޖެހިފައި. ވިލިމާލޭގެ އާބާދީގައި އުޅޭ 5000 ހާހައްވުރެ ގިނަ މީހުން ވޯޓުލުމަށް ބަހައްޓާފައިހުރި ފޮށީގެ ކައިރީގައި ހުރި ލިސްޓާއި ބޭރުގައި ހުރި ލިސްޓާ ދިމާނުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވޯޓުނުލެވި މައްސަލަ ހޫނުވެ، ވޯޓުލުން ހުއްޓުވުމަށް ބަޔެއް މީހުން މަސައްކަްތ ކުރަމުން ދާއިރު ފުލުހުންދަނީ މީހުން މައިތިރިކުރުމުގެ ކުރުމުގެ މަސައްކުރަމުން.
47: 12
އިލެކްޝަން ކޮމިޝަންގެ އިސްވެރިން އިމްޖެންސީ މީޓިންއެއް ބަޔެއް ކެނޑިޑޭޓުންނާއެކު މިހާރު ނަސަންދުރާގައި ކުރިއަށް އެބެދޭ.
29: 12
މާލޭގައި ހުންނަ ވޯޓުގެ މައިމަރުކަޒު ކަމަށްވާ ނަސަންދުރާއަށް ގިނައަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރުމަށް ގޮސްފައިވާކަމަށް އެތަނުގައި ހުރި ހަވީރުގެ ނޫސްވެރިޔާ ދެންމެބުނެފި. އަދި ރިޔާސި ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވެސް އިލެކްޝަން ކޮމިޝަނާރ ބައްދަލުކުރެއްވުމަށް ނަސަންދުރާގައި އެބަހުންނެވި ކަމަށާއި އައިޑީ ކާޑުގެ މައްސަލައާއި މައުލޫމާތު މައްސަލާގައި ބައެއް މީހުން އެތަނުގައި ޝަކުވާ ކުރަމުން ދާއިރު ފުލުހުންގެ ސްޓާފޯސް ނަސަންދުރާ ދޮރުމަތީގައި އެތުރިގެން އެބަތިބިކަމަށް އެތަނުގައި ހުރި ހަވީރުގެ ނޫސްވެރިޔާބުނި.
19: 12
ޅ. އަތޮޅު ހުރިހާ ރަށެއްގައި ވެސް ލިސްޓްގައި ނަން ނެތިގެން ބައެއް ފަރާތްތަކުން ވޯޓް ނުލާ ގެއަށްދަމުން އެބަދޭ ކަމަށް އެ އަތޮޅުގެ ރަށްރަށުން ބުނެފި. އެގޮތުން އެ އަތޮޅު ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުށިގައި ވެސް މި މައްސަލަދިމާވެފައިވާ ކަމަށް ރަށުއޮފީސްތަކުން ބުންޏެވެ.
ކުރެންދޫ އޮފީހުން ބުނީކުރީގެ އައިޑީ ކާޑު ހިފައިން އައިސް ވޯޓް ނުލެވިގެން ވެސް ބައެއް ފަރާތްތަކުން އެބަދާ ކަމަށެވެ.
12: 12
މައްސަލަ ޖެހިގެން ހުއްޓާލާފައިވާ މަރަދޫ ސްކޫލް ގައި ބަހައްޓާފައިހުރި ފޮއްޓަށް ވޯޓުލުން ދާދިދެންމެއަކު ފަށައިފި.
47: 11
ޑަބްލިޔު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް ރިސޯޓުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އަދިވެސް އެރިސޯޓުގެ ވޯޓުފޮށި ނުހުޅުވާކަމަށާއި ވޯޓުލުމަށް 200 އަށް ވުރެގިނަމީހުން ރަޖިސްޓްރީ ކޮށްފައި ވީނަމަވެސް އެރިސޯޓަށް ގެންދިޔަ ލިސްޓުގައި ވަނީ 30 މީހުންގެ ނަންކަމަށެވެ. އަދި ބާކީހުރި މީހުންގެ ނަންތައް ގެންނާނެކަމަށް އިލެކްޝަން އޮފިޝަލުން ބުނެފައިވާކަމަށެވެ
33: 11
ސ.މަރަދޫ ސްކޫލް ގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގައި ކަރުދާސް ހުސްވެގެން ގިނައަދަދެއްގެ ބަޔަކަށް ވޯޓު ނުލެވުމުގެ ސަބަބުން ބަޔެއް މީހުން ނުރުހުން ފާޅުކޮށް އެސަރަހައްދުގައި އަޑުގަދަ ކުރަމުންދާ ކަމަށް އެސަރަހައްދުގައި ހުރި ހަވީރު ނޫސްވެރިޔާ ދެންމެބުނެފި. އަދި އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭތީ ވެސް ގިނަ އަދަދެއްގެ މީހުން ދަނީ ނުރުހުން ފާޅުކުރަމުން. އެފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައި ވަނީ 880 މީހުން ކަމަށާއި ނަމަވެސް ވޯޓުލުމަށް ގެނެސްފައި ވަނީ 600 ކަރުދާސް.
02: 11
ގިނަ އަދަދެއްގެ ބަޔަކަށް އައިޑީ ކާޑު ނުލިބޭތީ ހދ.ނޭކުރެންދޫ ގައި ވޯޓުލުން ހުއްޓުވައިފި. ހދ. ނޭކުރެންދޫގައި ވޯޓުލުމަށް ހައްގު ލިބިގެންވާ 663 މީހުންގެ ތެރެއިން 120 މީހުނަށް އައިޑީކާޑު ނުލިބޭތީ އެރަށުގެ ބަޔަކު ނިކުމެ ވޯޓުލުން ވަނީ ހުއްޓުވާފައި. އެރަށުގެ އޮފިޝަލަކު ވިދާޅުވީ ރަށުގެ މީހުން ބޭނުންވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެނަށް ވެސް ވޯޓުލެވޭ ގޮތަށް ކުރިއަށް ގެންދިއުމަށްކަމަށެވެ. ނޭކުރެންދޫ މީހަކު ބުނިގޮތުގައި ވޯޓްލުން ހުއްޓުވާފައި ވަނީ ހެދުނު 10 ޖަހަން 10 ގައި. އެއިރު ވޯޓްލާފައި ވަނީ 100 އަށް ވުރެ މަދު.
33: 10
ވޯޓުލާން ފެށުމުގެ ކުރިން ފެށިގެން މާލެއަށާއި ރާއްޖޭގެ ބައެއް ރަށްރަށަށް ވާރޭވެހެމުން ވާރޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވޯޓުލުމަށް ގޮސްތިބީ ތެމިގެން. ކުރިޔަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރޭގެ އާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައި.
އެ ސެންޓަރުން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގެ މައިގަނޑު ސަބަބަކީ ރޭ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޓްރަފެއްގެ ސަބަބުންނެވެ.
14: 10
ވިލިމާލޭގައި ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓު ލާން އެންމެ ފުރަތަމަ ދިޔަ ދެ މީހުންގެ ރަޖިސްޓްރީ މައްސަލައެއް ޖެހުމާ ގުޅިގެން، އެ އަވަށުގައި ވޯޓުލުން ފެށުނީ 10 ވެސް ޖެހި ފަހުން ކަމަށް ވިލިމާލޭ ވޯޓު ފޮށި ކައިރީ ހުރި މީހަކު ދެންމެ މައުލޫމާތު ދިނެވެ.
08: 10
ކ. މާފުށީ ޖަލުގައި ތިބި ކުށްވެރިންގެ އައިޑީ ކާޑުތައް ނުލިބޭތީ އާއި ވޯޓިން ބޫތު ނެހެދޭތީ ޖަލުގައި ތިބި ކުށްވެރިން އަދިވެސް ވޯޓުލާކަށް ނުފަށަ އެވެ.
ޖަލުން ވާހަކަ ދެއްކެވި އިސްވެރިއަކު ދެންމެ ވިދާޅުވީ މިހާތަނަށް ލިބިފައި ވަނީ 232 މީހުންގެ އައިޑީ ކާޑު ކަމަށާއި ބާކީ ތިބި މީހުންގެ އައިޑީ ކާޑުތައް އިރުކޮޅެއްގެ ތެރޭގައި ލިބޭނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. މާފުށީ ޖަލުގައި ބަންދުގައި ތިބި 702 މީހުންގެ އައިޑީ ކާޑު ހަދަން ޖެހެ އެވެ.
"ވޯޓު ފޮށި އެބަހުރި. އެކަމަކު ވޯޓިން ބޫތު ނެހެދިގެން ވޯޓުލާން ނުށެގިން މި އުޅެނީ. މިހާރު ވެސް އައިޑީ ކާޑު ލިބިފައި ތިބި މީހުންނަށް ވޯޓުލާން ފެށުނީސް ބޫތު ހުރި ނަމަ،" މާފުށީ ޖަލުގެ އޮފިޝަލް ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް ވޯޓުލެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
21: 09
ނ. މިލަދޫ ވޯޓު ފޮށި ވޯޓުލާ ސަރަހަދަށް ގެންދިޔަ ނުދީ ރައްޔިތުން ހިފަހައްޓައިފި އެވެ.
މިލަދޫ ކަތީބު މުހައްމަދު ހަސަން ވިދާޅުވީ ރައްޔިތުން ވޯޓު ފޮށި ގެންދިޔަނުދީ ހިފެހެއްޓީ އައިޑީކާޑު ސެންޓަރުން އެ ރަށުގެ 70 ވަރަކަށް މީހުންގެ އައީޑީކާޑު ހައްދަން ގެންގޮސް ވޯޓުލާ ގަޑިޖެހުނު އިރު ވެސް ކާޑުތައް ނުލިބޭތީ ކަމަށެވެ.
10: 09
ރާއްޖޭގައި މިއަދު ބާއްވާ ރިއާސީ އިންތިޚާބުގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި މިއަދު ހެނދުނު 9 ޖެހުމާއެކު ފެށިއްޖެ އެވެ. މާލޭގައި ވޯޓްލުން މިހާރު ކުރިއަށް ދާއިރު ވިއްސާރާގައި ވޯޓްލުމަށް ގިނަބަޔަކު ވޯޓްލާ ސަރަހައްދުތަކަށް އެބަ ދެއެވެ.
ގިނަ ޕާޓީތަކެއް ވާދަކުރާ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބުގެ ވޯޓުލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ފެށިފައިވާ އިރު، މެލޭޝިޔާގައި މީގެ ތިން ގަޑިއިރު ކުރިން (މާލޭ ގަޑިން ހެނދުނު 00: 6 ގައި އަދި ލަންކާ އާއި އިންޑިއާގައި މިއަދު ހެނދުނު 30: 8 ގައި) ވަނީ ވޯޓު ލުން ފަށައިފި އެވެ.
ހދ. ކުޅުދުއްފުށީގައި ހުރި ހަވީރުގެ ނޫސްވެރިޔާ، މޫސާ ލަތީފް މައުލޫމާތު ދެއްވި ގޮތުގައި އެ ރަށުގައި ވޯޓު ލުމަށް އެކި ރަށްރަށުގެ 279 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ބީރައްޓެހިން ވޯޓުލުމަށް އެ ރަށަށް ފޮނުވާފައި އޮތީ އެންމެ ހަތް ވޯޓު ކަރުދާސްކޮޅެވެ. އެ ރަށުގައި ހުރި އިލެކްޝަންސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މާލެ އިން ލޯންޗެއްގައި އެ ރަށަށް ވޯޓު ކަރުދާސް އަލުން ގެނެސްގެން ބީރައްޓެހިންނަށް ވޯޓުލާން ފެށޭވަރު ވާނީ މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރެވެ.
02: 09
ރާއްޖޭގައި މިއަދު ބާއްވާ ރިއާސީ އިންތިޚާބުގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި މީގެ ކުޑައިރުކޮޅެއް ކުރިން ފެށިއްޖެ އެވެ.
(އިތުރު ތަފްސީލު އަންނަނީ..)
ރިއާސީ އިންތިޚާބު 2008: ރިޔާސީ އިންތިހާބުގެ ފުރަތަމަ ވޯޓު ފޮށި ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ