ރިޔާސީ އިންތިހާބު 2008/ ކޮމަންވެލްތު އޮބްޒާވަރުންގެ ވަގުތީ ރިޕޯޓް: ވަގުތު ނެތިގެން މައްސަލަތަކެއް ދިމާވިޔަސް އިންތިހާބު ދިޔައީ ވަރަށް ރަނ

މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގައި، އެކަށީގެންވާ މިންވަރަށް ވަގުތު ނެތުމުގެ ސަބަބުން މައްސަލަތަކެއް ދިމާވި ނަމަވެސް، ޖުމްލަކޮށް އެ އިންތިހާބުގެ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ބުނެފި އެވެ.
ހަ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބު އޮބްޒާވް ކުރުމަށް ފަހު ކޮމަންވެލްތު އޮބްޒާވަރުން ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައި ވަނީ އިންތިހާބުގެ ކަންތައްތައް ދިޔައީ ހުރިހާ އެންމެންނަށް ވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި މީގެ ކުރީގެ އިންތިހާބުތަކުގައި އޮބްޒާވަރުން ހުށަހަޅާފައިވާ ކަންތައްތަކަށް އަމަލީ ސިފަ ގެނެސްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އޭގެ ނަތީޖާ އަކީ މީގެ ކުރިއާ ހިލާފަށް އިންތިހާބާ ގުޅޭ ގިނަ ކަންތައްތަކެއް އިސްލާހުވެފައިވުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބާބެޑޯސްގެ ކުރީގެ ބޮޑުވަޒީރު އޯވަން އާތާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރި އޮބްޒާވަރުންގެ ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި އެކަށީގެންވާ ވަގުތު ނެތުމުން ދިމާވެފައިވާ މައްސަލަތަކަށެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައި ހުރީ މައިގަނޑު ގޮތެއްގައި ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުމަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތައް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން އިންތިހާބުގެ ހުރިހާ ކަމަކަށް އޭގެ އަސަރުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ރަޖިސްޓްރީ ސައްހަ ކުރުމާއި ކެންޑިޑޭޓުންގެ ރަސްމީ ކެމްޕެއިނަށް އެކަށީގެންވާ ވަގުތު ނެތުމާއި އިންތިހާބުގެ އޮފިޝަލުން އަވަސްއަރުވާލައިގެން ތަމްރީނުކުރުމާއި އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ ކެމްޕެއިނަށް ވަގުތު ނެތްކަން ފާހަގަކޮށްފައިވެ އެވެ.
"އިންތިހާބަށް ތައްޔާރުވުމުގެ ވަގުތު ކުޑަވުމުގެ ސަބަބުން ވޯޓުލާ މީހުންގެ ރަޖިސްޓްރީ ސައްހަ ކުރުމަށް އަސަރު ކުރި. އޭގެ އިތުރުން ވެސް އިންތިހާބުގައި ދެން ދިމާވި މައްސަލަތަކަށް ވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި، ވޯޓުލާ މީހުން އެންމެ ހިތްހަމަޖެހޭ ގޮތަކަށް ހައްލެއް ނުކުރެވުނު،" 11 އަތޮޅެއްގެ އަށް ރަށަކަށް ޒިޔާރަތްކުރި އޮބްޒާވަރުންގެ ރިޕޯޓުގައިވެ އެވެ. "މިކަހަލަ ކަންތައްތައް ވަރަށް ގިނަ ސަރަހައްދުތަކުން އަޅުގަނޑުމެންގެ އޮބްޒާވަރުން ފާހަގަކޮށްފައިވޭ. އެކަމަކު ޖުމްލަ ގޮތެއްގައި އެ މައްސަލަތައް ދިމާވެފައި ވަނީ މަދު ބަޔަކަށް. އެހެން ނަމަވެސް އެ މައްސަލަތައް ބޮޑުވެފައި ވަރަށް ސީރިއަސްކަން ފާހަގަކޮށްލަން ޖެހޭ."
އޮބްޒާވަރުންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންތިހާބީ އޮބްޒާވަރުންނަށް އެކަށީގެންވާ ތަމްރީނު ދެވިފައިވީ ނަމަ ކުރިން ދިމާވި މައްސަލަތަކެއް ދިމައެއް ނުވީހެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ދިގު ކިއޫއެއްގައި ތިބެން ޖެހުނު ނަމަވެސް ވޯޓުލީ މީހުން ވަރަށް ކެތްތެރި ކަމަށެވެ.
ވަގުތީ ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް ކަމަކީ ވޯޓުލީ ތަނެއްގައި އެ ވޯޓު ފޮއްޓެއްގެ ކަރުދާސްތައް ގުނައި ނަތީޖާ އިއުލާންކުރި ކުރުމަށެވެ. އެގޮތުން ވޯޓުތައް ގުނާފައި ވަނީ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމަށް ވެފައި، ނަތީޖާ އިއުލާން ކޮށްފައި ވަނީ އެއްވެސް ފޮރުވުމެއް ނެތި ހާމަކަންމަތީގައި ކަން ރިޕޯޓުގައި ބުނެފައިވެ އެވެ.
ވަގުތީ ރިޕޯޓުގައި މި މަހުގެ 29 ގައި ބާއްވާ ދެވަނަ ބުރުގެ އިންތިހާބުގެ އިންތިޒާމްތަކަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށާއި އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވުމަށް ގޮވާލާފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ސައްހަ ކުރުމަށާއި އައިޑީ ކާޑުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާކަން ވެސް އޮބްޒާވަރުން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ އިންތިހާބަށް ވާ އިރަށް ވޯޓުލާ މީހުންގެ ސައްހަ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މުހިންމުކަން ވެސް އޮބްޒާވަރުން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ