ހަތަރު ސަތޭކަ ޔުނިޓާ ހަމަޔަށް ސްޓެލްކޯގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖުގެ އިތުރުން މި މަހުން ފެށިގެން ފަސް މަސް ދުވަސް ވަންދެން ސަބްސިޑީ ވެސް ދޭ ގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހަމަޖައްސައިފި އެވެ.
ކަރަންޓުގެ އަގު ބޮޑުވެގެން އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާއެއް މިރޭ ފެށުމަށް ރާވާފައިވަނިކޮށް، އެންސްޕާއިން ކުއްލިއަކަށް މިއަދު މެންދުރު ޓީވީ މޯލްޑިވްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހާ ހަމައަށް (ނޮވެމްބަރު ،11 2008 އާ ހަމައަށް) 100 ޔުނިޓާ ހަމައަށް ޔުނިޓަކަށް 1.60ރ. ދައްކަމުން ގެންދިޔަ ފަރާތްތަކުން އަންނަ މަހުން ފެށިގެން ދައްކަން ޖެހޭނީ (ސަބްސިޑީ ދެއްކުމުން) ޔުނިޓަކަށް 1.50ރ. ކަމަށެވެ. އެންސްޕާއިން ބުނީ 300 ޔުނިޓުން ފެށިގެން ދަށުން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ނޮވެމްބަރު ،11 2008 އަށް ވުރެ ސްޓެލްކޯގެ ކަރަންޓް އަގުހެޔޮވާނެ އެވެ.
ކަރަންޓް ސަބްސިޑީގެ މިންގަނޑު އިއުލާންކުރައްވަމުން ވަހީދު ވިދާޅުވީ ސްޓެލްކޯ އިން މިހާރު އެއް ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ޗާޖުކުރަމުން އަންނަ 2.25ރ. އަށް ސަރުކާރުން 0.75ރ. ދައްކައިދޭނެ ކަމަށެވެ. އޭރުން ޔުނިޓެއްގެ އަގު 1.50ރ. އަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ޔުނިޓަކަށް ޗާޖުކުރަމުން އަންނަ 2.50ރ. އަށް ސަބްސިޑީގެ ގޮތުގައި 0.80ރ. ދައްކައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރުން ކަރަންޓް ޔުނިޓެއްގެ އަގު 1.70ރ. ދަށްވެގެންދާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އެންސްޕާއިން ކަނޑައަޅާފައި ވަނީ 201 ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް ޗާޖުކުރަމުން އަންނަ 2.50ރ. އަށް ވެސް 0.35ރ. ދައްކައި ދިނުމަށް ހަމަޖައްސައިފަ އެވެ. އަދި 301 ޔުނިޓުން ފެށިގެން 400 ޔުނިޓާ ހަމަޔަށް ޔުނިޓަކަށް ޗާޖުކުރަމުން އަންނަ 2.95ރ. އަށް ވެސް 0.45ރ. ސަބްސިޑީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޗެއާމަން ވަހީދު ވިދާޅުވި އެވެ. އޭރުން ޔުނިޓެއްގެ އަގު 2.50ރ. އަށް ހެޔޮވެގެންދާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އެންސްޕާއިން ބުނީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެއް ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗާޖުކުރި މިންވަރަށް ވުރެ ދަށްވާނެ ކަމަށެވެ. އަދި މިދިޔަ މަހުން ފެށިގެން ހަ މަސް ދުވަސް ވަންދެން ޑޮމެސްޓިކް ނުވަތަ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖު ވެސް ދައްކައިދޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ. އޭގެ ތެރޭގައި 400 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ގެތައް ވެސް ހިމެނޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރު ކުރީކޮޅު ސަރުކާރުން 15،704 ފަރާތަކަށް ސަބްސިޑީ ދޭން ފެށި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ސަބްސިޑީ ބޭނުން ކަމަށް އެދިފައި ނުވާ 8،805 ފަރާތަށް ވެސް މާޗާއި އެޕްރީލް މަހުގެ ސަބްސިޑީ ދޭން ނިންމާފައިވާ ކަމަށެވެ. އެބައި މި މަހާއި މިދިޔަ މަހުގެ ކަރަންޓު ބިލުން އުނިކުރާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
ވަހީދު އަދި ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލާ އެއްގޮތަށް ކަރަންޓް ބިލު ހެދުން ލަސްކުރުމަށް ސްޓެލްކޯ އަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މިހާރު ސަބްސިޑީ ދިނުމަށް ހަމަޖައްސާފައިވާ މުއްދަތަށް ފަހު ސަބްސިޑީ ދެން ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން ވެސް ސަބްސިޑީ ދިނުމުގައި ބަލަމުން ގެންދިޔަ މިންގަނޑަކަށް އަދި ބަދަލެއް ނާދޭ. އެ މިންގަނޑަށް ބަދަލު އައުމުން އެކަން އަޅުގަނޑުމެން އިއުލާންކުރާނަން. ކުރިޔަށް އޮތްތަނުގައި ވެސް ސަބްސިޑީ ދޭނީ އެ މިންގަނޑަށް ބަލައިގެން،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މާލޭގައި ކަރަންޓް ބޭނުންކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ފަރާތްތަކަށް ސަބްސިޑީ ލިބިގެންދާނެ ކަމަށެވެ. ވަހީދު ވިދާޅުވީ މާލޭގެ ގޭބިސީތަކުގެ 50 ޕަސެންޓަކީ 400 ޔުނިޓާ ހަމައަށް ކަރަންޓް ބޭނުން ނުކުރާ ގޭބިސީތަކެއް ކަމަށެވެ.
ހަތަރު ސަތޭކަ ޔުނިޓާ ހަމައަށް ކަރަންޓް ބޭނުން ކުރާ ފަރާތްތަކުގެ ކަރަންޓް ބިލަށް މިހާރު އެވްރެޖްކޮށް އަރަނީ ހާހެއްހާ ރުފިޔާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަލަށް އަމަލު ކުރާ އުސޫލުން އެ ބިލް (ސަބްސިޑީ ހިމަނައިގެން) ގާތްގަނޑަކަށް 780ރ. އަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވަހީދު ވިދާޅުވި ގޮތުގައި ސަބްސިޑީ ދިން ނަމަވެސް މިދިޔަ ނޮވެމްބަރުގައި ކަރަންޓުގެ އަގު ބޮޑުކުރި އިރަށް ވުރެ 400 ޔުނިޓާ ހަމައަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް މިހާރުގެ ބިލުން 20ރ. ބޮޑުވާނެ އެވެ.
އެންސްޕާ އިން ބުނީ ޕްރޮވިންސްތަކުގެ ޔުޓިލިޓީސް ކުންފުނިތަކުން ދޫކުރާ ކަރަންޓަށް ސަބްސިޑީ ދިނުމުގެ އުސޫލާ ބެހޭ ގޮތުން އެ ޔުޓިލިޓީސް ކުންފުނިތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓަށެވެ.
400 ޔުނިޓާ ހަމައަށް ކަރަންޓް ބޭނުންކުރާ އެންމެންނަށް ފަސް މަހުގެ ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ