އެއާ ޓެކްސީ ކްރޫންގެ ހަޅުތާލު: ކޮއްތު ފައިސާ ބޮޑުނުކޮށްގެން ކްރޫން ހަޅުތާލު ފެށުމުން، ޓީއެމްއޭގެ މުވައްޒަފުން ބޭނުންކޮށްގެން އެއާ ޓެކް

ކޮއްތު ފައިސާ ބޮޑުނުކޮށްގެން މޯލްޑިވިއަން އެއާ ޓެކްސީގެ ކެބިން ކްރޫން މިއަދު ހެނދުނުން ފެށިގެން ހަޅުތާލުކުރަން ފެށުމުން ވާދަވެރި ޓްރާންސް މޯލްޑިވިއަން އެއާ ވޭސް )ޓީއެމްއޭ( ގެ ކްރޫންގެ އެހީގައި އެއާ ޓެކްސީން ހިދުމަތް ދޭން ފަށައިފި އެވެ.
މިއަދު ހެނދުނު 00: 6 އިން ފެށިގެން އެއާ ޓެކްސީގެ 34 ކްރޫން އެ މީހުންގެ މަސައްކަތް ހުއްޓާލީ، ކޮއްތު ފައިސާ ބޮޑުކޮށްދިނުމަށް އެދި ކުންފުނީގެ މެނޭޖްމަންޓަށް ހުށަހެޅި ޕްރޮޕޯޒަލާއި ޕެޓިޝަނަށް އަމަލީ ސިފައެއް ނައުމުން ކަމަށް ކްރޫންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މިހާރު އަޅުގަނޑުމެންނަށް ފުޑް އެލަވަންސަށް މި ލިބެނީ 20ރ. އަޅުގަނޑުމެން ބޭނުންވާ ގޮތަކީ އެ 20ރ. ގެ ބަދަލުގައި ފުޑް އެލަވަންސަށް 50ރ. ދިނުން. އެގޮތަށް އެދި ކްރޫން ވަނީ މީގެ ހަފުތާއެއް ކުރިން ޕްރޮޕޯޒަލަކާއި ޕެޓިޝަނެއް އެއާ ޓެކްސީއަށް ހުށަހަޅާފައި. އެގޮތަށް ހުށަހެޅުމުން މެނޭޖްމަންޓުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޖަވާބެއް ދޭނަމޭ. ބުރާސްފަތި ދުވަހު އެއްވެސް ޖަވާބެއް ނުދީ، ދެން ބުނީ އިއްޔެ ޖަވާބެއް ދޭނަމޭ. ޖަވާބު ދިނުން ލަސްވަމުންދާތީ ކްރޫން ނިންމީ މަސައްކަތް ހުއްޓާލައި އެމީހުންގެ ޝުއޫރު ފާޅުކުރުމަށް،" ކްރޫންގެ ފަރާތުން ވާހަކަ ދެއްކި މުވައްޒަފު، ނަން ހާމަނުކުރުމަށް އެދެމުން ބުންޏެވެ.
ކޮއްތު ފައިސާ ބޮޑުނުކޮށްގެން އެއާ ޓެކްސީގެ ކްރޫން މިއަދު މަސައްކަތް ހުއްޓާލުމާ ގުޅިގެން އެތަނުގެ ސީ ޕްލޭންގެ ދަތުރުތަކަށް ހީނަރު ކަމެއް ވަނީ އައިސްފަ އެވެ. އެތަނުގައި 19 ސީ ޕްލޭންގެ ހިދުމަތް ދެމުންގެންދާއިރު، މިއަދު މެންދުރާ ހަމައަށް އުދުހެމުން ދިޔައީ ގާތްގަނޑަކަށް އަށް ސީ ޕްލޭން ކަމަށް ވެ އެވެ. އަދި އެއާ ޓެކްސީގެ ކަނޑަށް ޖައްސާ ބޯޓުތަކުގެ ތެރެއިން ބައެއް ބޯޓުތައް އުދުހެމުން ދަނީ ޓީއެމްއޭގެ ކްރޫން ބޭނުންކޮށްގެން ކަމަށް ވެ އެވެ.
ޓީއެމްއޭ އިން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ އެއާ ޓެކްސީގެ ކްރޫން އެ މީހުންގެ މަސައްކަތް ހުއްޓާލުމާ ގުޅިގެން، ޓީއެމްއޭ އިން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެއާ ޓެކްސީއަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެން ނަމަވެސް ޓީއެމްއޭ އިން އެއާ ޓެކްސީއަށް ފޯރުކޮށްދެނީ ކޮން އެހީތެރިކަމެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
" 200- 300 ޓޫރިސްޓުން ރިސޯޓްތަކަށް ދާން ތިބިއިރު، ސީ ޕްލޭންގެ ދަތުރުތައް ހަމަނުޖެހިގެން އެ ހުރިހާ އެންމެން މާލެއަށް ބަދަލުކުރުމަކީ އަޅުގަނޑުމެންގެ މި އިންޑަސްޓްރީ އަށް ވެސް ލިބޭނެ ގެއްލުމެއް. އެހެންވެ އިންޑަސްޓްރީ އަށް ޓަކައި ވެސް އަޅުގަނޑުމެން މި ދަނީ އެއާ ޓެކްސީއަށް ވީ އެންމެ ރަނގަޅަކަށް އެހީތެރިވަމުން،" އެއާ ޓެކްސީގެ އޮފިޝަލް ވިދާޅުވި އެވެ.
އެއާ ޓެކްސީގެ ކްރޫން މަސައްކަތް ހުއްޓާލުމާ ގުޅިގެން، އެ ކުންފުނީގެ ސީ ޕްލޭންތަކުން ދަތުރުކުރަން ހަމަޖައްސާފައިވާ ބައެއް ޓޫރިސްޓުން ރިސޯޓްތަކަށް ގެންގޮސްފައި ވަނީ ކަނޑުމަގުންނެވެ.
އެއާ ޓެކްސީގެ ކެބިން ކްރޫން، އެ މީހުންގެ ކޮއްތު ފައިސާ ބޮޑުނުކޮށްގެން މަސައްކަތް ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެތަނުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި ނޫސްބަޔާނެއް ނެރޭނެ ކަމަށެވެ. އެކަމަކު ނޫސްޗާޕަށް ދިޔައިރު އެ ނޫސްބަޔާން ނުނެރެ އެވެ.
އެއާ ޓެކްސީގެ ކްރޫންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އަލުން އެނބުރި މަސައްކަތަށް ނުކުންނާނީ ކުންފުނީގެ މެނޭޖްމަންޓުން ޖަވާބެއް ދިން އިރަކުން ކަމަށެވެ.
"ކުންފުނީގެ ބަހަކަށް މި އިންތިޒާރު ކުރަނީ. ހަގީގަތުގައި އަޅުގަނޑުމެންނާއި ތަނުގެ އެހެން މުވައްޒަފުންނާ ދެމެދު އެއާ ޓެކްސީން އަމަލު ކުރަނީ އެއްވަރަކަށް. )އެކަމަކު( އަޅުގަނޑުމެންނަކީ ވަރަށް ބޮޑު ރިސްކެއް ނަގައިގެން ދަތުރުކުރާ ބައެއް. ދުވަހުން ދުވަހަށް އަޅުގަނޑުމެންނަށް ލިބޭ ގެއްލުން މި ދަނީ ބޮޑުވަމުން. އެންމެ ކުޑަމިނުން ކްރޫންނަށް އަލަށް ވަންނަ ކުދިންނަށް ކޮއްތު ފައިސާ ނުވެސް ލިބޭ މިހާރު. އަޅުގަނޑުމެން މި އެދެނީ މުސާރަ ބޮޑުކުރާކަށް ވެސް ނޫން. ހަމައެކަނި ފުޑް އެލަވަންސް ބޮޑުކޮށްދިނުމަށް. އެކަމަކު އެކަން ކުންފުންޏަށް ނުކޮށްދެވުމަކީ މައްސަލައެއް،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ