މީޑިއާ ކައުންސިލްގެ ރައީސް ކަމުން ނަޒީފް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މިދިޔަ އަހަރުގެ މެއި މަހު އިންތިހާބުވި ނަޒީފް މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ގިނަ މެމްބަރުން އެކަމަށް ބޭނުންވާތީ އެވެ.
"އަޅުގަނޑު އިންތިހާބު ކުރީ މެމްބަރުން. މެމްބަރުންގެ ނިންމުމަކީ އަޅުގަނޑުގެ ވެސް ނިންމުން. [އޮޑިޓަ ޖެނެރަލްގެ ރިޕޯޓާ ގުޅިގެން] ކައުންސިލް މެމްބަރުންގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އެބަހުރި. ތަފާތު މައްސަލަތަކެއް ވެސް ހުންނާނެ،" ނަޒީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި، މީޑިއާ ކައުންސިލް އެކަށީގެންވާ ގޮތުގައި ނުހިންގޭ ކަމުގެ ތުހުމަތުގެ އިތުރަށް މެމްބަރުން ގަވާއިދާ ހިލާފަށް ލިވިން އެލަވަންސް ނަންގަވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެހެންކަމުން އެ ތުހުމަތުތައް ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް އޭނާ ހުށަހަޅުއްވާފައިވުމާ އެކު މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ވެސް އިސްތިއުފާ ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ނަޒީފް ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލްގެ ގާނޫނު އިސްލާހްކުރަން ޖެހެ އެވެ. އެހެންކަމުން އިދާރީ މަގާމެއްގައި ހުރުމަށް ވުރެ، މެމްބަރެއްގެ ގޮތުގައި ހުރެގެން ޓެކްނިކަލް މަސައްކަތްތަކަށް މާ ރަނގަޅަށް އެހީތެރިވެދެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އިސްލާހުކުރަން ޖެހޭ. އެ މަރުހަލާ ކުރިއަށްދާ އިރު ރީ އިލެކްޝަންތަކެއް ވެސް އަންނާނެ. އެހެންވީމަ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ވެސް އަޅުގަނޑު [މަގާމުން] ދުރަށް ދިއުން،" ނަޒީފް ވިދާޅުވި އެވެ.
ނަޒީފްގެ އިތުރުން މީޑިއާ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އަބްދުﷲ ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެކަމަކު އޭނާ މިއަދު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އުފައްދާފައި ވަނީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދަމަހައްޓައި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށެވެ. އެ ކައުންސިލްގައި 15 މެމްބަރުންގެ ތެރޭގައި މީޑިއާގެ އަށް މެމްބަރުންނާއި އާއްމުންގެ ހަތް މެމްބަރުން ހިމެނެ އެވެ.
މީޑިއާ ކައުންސިލްގެ އޮޑިޓެއް ކުރުމަށް ފަހު، އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ވަނީ މި އަހަރު ޖެނުއަރީން ފެށިގެން މީޑިއާ ކައުންސިލްގެ މެމްބަރުން ގާނޫނާ ހިލާފަށް، ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 7،500ރ. ނަގާ ކަމަށެވެ. މީގެ އިތުރުން ވެސް އެ ކައުންސިލް ގާނޫނާ ހިލާފަށް ހިންގާފައިވާއިރު އެ ކައުންސިލަށް ހުށަހެޅި މައްސަލައެއް ވެސް ބަލާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ