އަޅުގަނޑު ހުށަހެޅި މައްސަލައިގެ ކޭސް ނަމްބަރު ނުބުނުމުން މައްސަލަ ކުރިއަކަށް ނުދޭ: އުމަރު

ރައީސް މުހަންމަދު ނަޝީދާ ބެހޭ ގޮތުން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ ކޭސް ނަމްބަރު ފުލުހުންނަށް ބުނެ ނުދެވުން ކަމަށާއި އެހެންކަމުން އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ ކުރިއަށް ނުދިޔަ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 00: 9 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި އޭނާއާ ފުލުހުން ސުވާލުކުރީ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ މުޒާހަރާ، ހަރަކާތަކަށް ބަދަލުކޮށްލައި އެ ހަރަކާތުގެ ތެރެއިން 2،000 ވޮލަންޓިއަރުން ނަގައި، ހަރުގަނޑެއް ބޭނުންކޮށްގެން އުމަރު އަންގާ ތަނަކަށް ފޭބުމާ ބެހޭ ގޮތުން މިދިޔަ ހޯމަދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑު މިހިރީ ވަރަށް ތި މައްސަލާގައި ޖަވާބުދޭ ހިތުންނޭ. އެކަމަކު ނެތޭ މިއަދު ޖަވާބު ދެވޭކަށް ތި ބޭފުޅުން [ފުލުހުން] އަޅުގަނޑަށް ދޭންޖެހޭ ޖަވާބެއް ނުދީގެން. އަޅުގަނޑު އޮންނާނެ މިތަނަށް މީގެ ތިން އަހަރު ކުރިން، އިންޑިއާގެ ނޫހެއްގައި، ސޫލާ ޝިރާޒް އަންނި [ރައީސް ނަޝީދު] ބުއިކަމަށް ބުނާ މައްސަލައެއް. އެ މައްސަލައިގެ ޖަވާބެއް ނުދިން އަޅުގަނޑު ތިން ފަހަރަށް ހަނދާންކޮށްދޭން ސިޓީ ފޮނުވީމަ ވެސް. އެހެންވީމަ މިއަދު އަޅުގަނޑަށް ބުނެދެއްވާށޭ އެ މައްސަލައިގެ ކޭސް ނަމްބަރު. މިތާ އޮންނާނެތާއޭ ލޮގް ކުރެވިފައި އެ މައްސަލަ. އަދިވެސް ދެވަނަ މައްސަލައެއް ވެސް އޮންނާނޭ. އެއީ މަސްތުވާތަކެއްޗަށް ހިތްވަރު ދިނުމަށްޓަކައި މުހަންމަދު ނަޝީދު ދައްކަވާފައ ހުންނާނެއޭ، ބޮވޭނެއޭ، ބޮވެންޖެހޭނެއޭ ބުނާ މައްސަލައެއް. އެ މައްސަލައިގެ ކޭސް ނަމްބަރު ވިދާޅުވާށޭ. ކޭސް ނަމްބަރު ބުނެދިނުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އޭނާ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ދެ މައްސަލައިގެ ކޭސް ނަމްބަރު ފުލުހުންނަށް ބުނެ ނުދެވުނު ހިސާބުން، އުމަރު ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލައިގެ ވާހަކަތައް ކުރިއަށް ނުދާ ކަމަށެވެ.
"ދެން [ފުލުހުން] ވިދާޅުވި ތިމަންނަމެން އިތުރަށް ސުވާލެއް ކުރަން ބޭނުމިއްޔާ ގެންނާނަމޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގީ، މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ބުނެ އެވެ.
ފުލުސް އޮފީހަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ސަރުކާރު ނިމުމުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އަދި ސިޔާސީ މީހުން ހައްޔަރުނުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަށް ފަހު އެއާ އިދިކޮޅަށް އެ މަނިކުފާނު ކަންތައް ކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ސީރިއާ ކަހަލަ ގައުމުތަކުގައި، އިޖިޕްޓް ކަހަލަ ގައުމުތަކުގައި، ޓިއުނީޝިއާ ފަދަ ގައުމުތަކުގައި ވެރިކަން ވެއްޓުނުއިރު، އޭގެ އެންމެ ފަހު ފޭސް ހިނގަމުންދިޔަ ގޮތަށް މިހާރު [ރާއްޖޭގައި] ހިނގަމުން ދަނީ،" އުމަރު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، އިދިކޮޅު އެކި ލީޑަރުން ދައްކަވާފައިވާ ވާހަކަތަކާ ގުޅުވައިގެން އެކި ލީޑަރުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ބައެއް ބޭފުޅުން ހައްޔަރު ވެސް ކޮށްފަ އެވެ. އެ ގޮތުން އުމަރުގެ އިތުރުން ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ސަންދާނު އަހަންމައިދީ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަބްދުﷲ ޔާމީނު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. މީގެ އިތުރުން ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު މިއަދު މެންދުރުފަހު 30: 1 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ވަނީ ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ