ރިޔާސީ އިންތިހާބު 2008: މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އިންތިހާބަށް ސައްހަވާ ގޮތަށް ހަމަޖައްސައިފި

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އާންމު އިންތިހާބުގެ ބޭނުމަށްޓަކައި ސައްހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދު ހަމަޖައްސައިފި އެވެ.
މުއްދަތު ހަމަވެފައިވާ 6،000 އައިޑީ ކާޑު އެކި ފަރާތްތަކުން ގެންގުޅެމުންދާތީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެ މީހުންނަށް ލުޔެއްދެވޭނެ ގޮތަށް އާންމު ގަވާއިދަށް ބަދަލު ގެނެސް އެކަން އާންމުކޮށް އިއުލާންކުރުމުގެ ހުއްދައަށް އެދި ހޯމް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މިއަދު ބޭއްވި ގަވާއިދު ކޮމެޓީން އެއްބަސްވެފައި ވަނީ އިންތިހާބަށްޓަކައި އެއީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އެއީ ސައްހަ އެއްޗެހިތަކެއްގެ ގޮތުގައި ބޭނުންކުރެވޭނީ ހަމައެކަނި އަންނަ އޮކްޓޫބަރު 8 ގައި ބާއްވާ ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަމަށް ވެސް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ނެޝަނަލް ރެޖިސްޓްރޭޝަނުން އެދިފައި އޮތީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އެއް އަހަރު ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ މިއަދުގެ މަޝްވަރާތަކުގައި ވަނީ އިންތިގާލީ މަރުހަލާ ކަމަށްވާ ދެ އަހަރު ދުވަހާ ހަމައަށް، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ ގޮތަށް ވެސް ވާހަކަ ދައްކައިފަ އެވެ. އެކަމަކު އެ ވިސްނުމަށް މާ ބޮޑު ތާއީދެއް ނުލިބުނެވެ.
އާންމު ގަވާއިދަށް، މަޖިލީހުގެ ގަވާއިދު ކޮމެޓީން ގެނައި އިސްލާހުގެ ދަށުން 10- 40 އަހަރާ ދެމެދު މީހުންގެ އައިޑީ ކާޑުގެ މުއްދަތު ފަސް އަހަރުގެ ތެރޭގައި ހަމަވާ ގޮތަށް އޮންނަ އޮތުން ވަނީ އުނިކޮށްފަ އެވެ. އަދި 40 އަހަރުން މަތީގެ މީހުންގެ އައިޑީ ކާޑުގެ މުއްދަތު 10 އަހަރުގެ ތެރޭގައި ހަމަވާ ގޮތަށް އޮންނަ އޮތުން ވެސް ވަނީ ގަވާއިދުން އުނިކޮށްފަ އެވެ. އެގޮތަށް އުނިކުރީ އެކި މީހުންގެ މެދުގައި ތަފާތު ކުރެވޭ ގޮތަށް އަމަލުކުރަމުންދާ އުސޫލަކަށްވާތީ އެވެ.
ނެޝަނަލް ރެޖިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން 17 އަހަރު މަތީގެ މީހުންގެ ތެރޭގައި އައިޑީ ކާޑު ނަހައްދާ 17،000 މީހުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ