ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ރިޔާޒް އެދިވަޑައިގެންފި

ރައްޔިތުން ފުލުހުންނާމެދު އުންމީދުކުރާފަދަ ހިތްވަރާއި ކެރުން ފުލުހުންގެ ފަރާތުން ދެއްކުމަށާއި ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ދިވެހި ހުރިހާ ފުލުހުންނަށް ރޭ އިލްތިމާސްކުރައްވައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ކުރިއަށް ގެންދިޔަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންރިޔާޒް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިއްމު އެއް ސިފައަކީ ހިތްވަރާއި ކެރުން ކަމަށެވެ.
އެގޮތުން ފުލުހުންގެ ޚިދުމަތުގައި ވަރަށް އާދަޔަ ޚިލާފު ކެރުމާއި ސާބިތުކަން ދެއްކެވުމުގެ ތެރޭގައި ދުނިޔެ ދޫކުރެއްވި އަދި ޝަހީދުވެވަޑައިގެންނެވި ފުލުހުންގެ ޒިކުރާތައް އާކޮށް އެފުލުހުން ދެއްކެވި ނަމޫނާއިން ޢިބުރަތް ހާސިލުކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ގޮވާލެއްވިއެވެ.
އަލަށް ޚިދުމަތަށް ނުކުންނެވި ފުލުހުންނާ މުޚާތަބުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ނުކުންނެވުމުން އެނުކެންނެވުނީ މަގުތަކަށް އަވައްޓެރިންގެ ގާތަށް އަދި މުޖުތަމައެއްގެ ތެރެއަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ފުލުހުންނާމެދު އުންމީދުކުރާފަދަ ހިތްވަރާއި ކެރުން ފުލުހުންގެ ފަރާތުން ދެއްކުމަށާއި ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު ކޮމިޝަނަރގެ ވާހަކާގައި ފުލުހުންގެ އަޚުލާޤާއި ސުލޫކު ހިފަހައްޓައިގެން ސްކޫލް ކުދިންނަށާއި މުޖުތަމަޢުގެ އެހެންމީހުންނަށްވެސް އަބަދުވެސް ހެޔޮ ނަމޫނާ ދައްކާ އަދި މަތިވެރި އަޚުލާޤުގެ ވެރި ބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރެއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެލެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑރ. މުޙައްމަދު ޖަމީލް އަޙުމަދުވެސް ފުލުހުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ތަޢުލީމާއި ފަންނު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަކީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ ވަރަށް ތަޢުލީމީ މުއައްސަސާއެއް ކަމަށެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯސް ފުރިހަމަކޮށް ދަސްވެނިވި ފުލުހުންނަށާއި ވަނަތަކަށް ހޮވުނު ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރަ އޮފް ހޯމްއެފެއާރޒް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އެވެ.
މިދިޔަ އަހަރުގެ މެއި 27 އިން ފެށިގެން 4 މަސްދުވަހުގެ މުއްދަތަށް މާލެއާއި ޅ. މަޑިވަރުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުގައި 80 ފުލުހަކު ބައިވެރިވެފައިވާއިރު އޭގެތެރެއިން 64 ފުލުހުން ވަނީ ކޯސްފުރިހަމަކޮށް ދަސްވެނިވެފައެވެ.
ރޭގެ ރަސްމިއްޔާތުގައި މި ކޯހުން އެކިވަނަތަކަށް ހޮވުނު ފުލުހުންނަށް ތައްޓާއި ހަނދާނީ ލިޔުން ދީފައިވެއެވެ. އެގޮތުން މުޅި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ފުލުހަކަށް ހޮވިފައިވަނީ ބީފާނު ސްކޮޑުގެ އެންމެ މޮޅުދަރިވަރަކަށްވެސް ހޮވުނު ޕޮލިސް ކޮންސްޓަބަލް އަބްދުލް ޙަމީދު އަޙުމަދުއެވެ. އޭނާއަށް މިމަޤާމު ހާސިލުވުމާއި ގުޅިގެން ރޭގެ ރަސްމިއްޔާތުގައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ އެކްސެލެންސް އެވޯޑްވެސް ހަވާލުކޮށްފައެވެ. މިއެވޯރޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
ދެ ސްކޮޑަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިކޯހުގައި އައިނެއްލަ ސްކޮޑުން އެންމެ މޮޅު ފުލުހަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަަލް މުޙައްމަދު އަފްރާޙުއެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނައަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ނިހާދު އެވެ. މީގެ އިތުރުން މުޅި ކޯހުން އައުޓްޑޯ މާއްދާތަކުން އެއްވަނަ ހާސިލުކޮށްފައިވަނީ ޕޮލިސް ކޮންސްޓަަބަލް ޒައިދު ޝަރީފުއެވެ.
މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން އޮތޯރިޓީގައި ސެޓްފިކެޓް ލެވެލް 04 ގައި އެކްރެޑިޓް ކުރެވިގެން ހިންގާ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުން ދަސްވެނިވި ހުރިހާ ފުލުހުންނަކީވެސް 4 މަސްދުވަހުގެ ތަމްރީނަށްފަހު 6 މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި ފުލުހުންގެ ފުރޮންޓްލައިންގައި މަސައްކަތްކޮށް ކޮލިފައިޑް ޕޮލިސް އޮފިސަރެއްގެ ޝަރަފު ހޯދާފައިވާ ފުލުހުންނެވެ. މިކޯހުން ދަސްވެނިވި ފުލުހުންގެ ތެރޭގައި ފުރަތަމަ ޑިގްރީ ފެންވަރުގެ 02 ފުލުހަކާއި ޑިޕްލޮމާ ފެންވަރުގެ 05 ފުލުހަކާއި އޭލެވެލް ފެންވަރުގެ 30 ފުލުހެއްގެ އިތުރުން އޯލެވެލް ފެންވަރުގެ 43 ފުލުހަކު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ