ގޭންގްތަކާއެކު މަޝްވަރާ ކުރުމަކީ ޤާނޫނީ ކުށެއް- އުމަރު

ސަރުކާރަށް ގޭންގްތަކާއިއެކު މަޝްވަރާ ނުކުރެވޭނެ ކަމަށާއި، އެއީ ޤާނޫނީ ކުށެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ނަސީރު އެފަދައިން ވިދާޅުވީ ގޭންގް، މާރާމާރީތައް ހުއްޓުވުމަށް ގޭންގްތަކާ އެއް މޭޒަކަށް ވަޑައިގެން، މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވުމާއި ގުޅިގެން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އުމަރު ވިދާޅުވީ ސަރުކާރު ފަރާތުން މިނިސްޓަރަކު ގޭންގްތަކާ ވާހަކަ ދައްކަން ބޭނުންވެގެން ކުރައްވަން އެ އުޅެނީ ޤާނޫނީ ކުށެއް ކަމަށާއި، އެކަން ވަނީ ރާއްޖޭގައި ގޭންގްތަކާ ބެހޭ ޤާނޫނުން މަނާކޮށްފައި ކަމަށެވެ. އަދި އެ ޤާނޫނަށް ބޯލަނބަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އުމަރު ވިދާޅުވީ ސަރުކާރާއެކު މަޝްވަރާ ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ގޭންގްތަކަށް ލިބިގެންނުވާކަމަށެވެ. އަދި ކުށްވެރިންތަކަކާއެކު ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވެފައި ވަނީ ގޭންގް ކުދިންނާއި ވާހަކަދައްކައިގެން އެކުދިން އިޖުތިމާއި މަސައްކަތައް ނެރުމުގެ ވިސްނުން އޭނާ ގެންގުޅުއްވާކަމަށެވެ. މަހުލޫފުގެ އެ ވިސްނުމާއި ގުޅިގެން އުމަރު ވިދާޅުވެފައި ވަނީ އެކަމުން ދޭހަވަނީ މި ސަރުކާރުން ގޭންގްތައް ކޮންޓްރޯލް ކުރާނެ ޕްލޭނެއްނެތި ފެއިލްވެފައިވާކަމަށެވެ.ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މަހުލޫފު އެފަދައިން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ދެ މުއައްސަސާއަކާ ބައްދަލުވެސް ކުރައްވާފައެވެ. އެގޮތުން ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް، ހަމްދޫން ރަޝީދާވެސް މަހުލޫފު ބައްދަލު ކުރައްވާފައިވެއެވެ. ގޭންގްތައް ހުއްޓުވުމަށް އެމީހުނާއި އެއް މޭޒަކަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަހުލޫފު ވިދާޅުވި ހިސާބުން ވަރަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން މަހުލޫފަށް ދަނީ އަމާޒު ވަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މަހުލޫފަށް ވަނީ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ސަރުކާރުން މާރާމާރީތައް ހުއްޓުވުމަށް މަސައްކަތްތަކެއް ފެށުމުން، އެކަމަށް މަހުލޫފު ފާޑު ވިދާޅުވީ ކީއްވެތޯ އާއި، ގޭންގްތަކުގައި އުޅޭ މީހުން މަހުލޫފަށް އެނގެނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދާފައެވެ.ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޒުވާނުންގެ މިނިސްޓަރަކަށްވެ ހުރެ، މަހުލޫފް އެކަން ކުރަން އުޅުމުން އޭނާއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށެވެ. އަދި ޤާނޫނު އަސާސީގައި އިސްލާމީ ރިވެތި އުސޫލުތައް ހިމެނޭއިރު، އެ އުސޫލުން ބޭރުން ސަރުކާރުން މަސައްކަތް ކުރަނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ