ލީގު ކަށަވަރުކުރަން ޓީސީން މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަން ކަށަވަރުކޮށް ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ތަށި ހޯދަން ޓީސީ ސްޕޯޓްސް ކްލަބަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާގެ އޮތީ 34 ޕޮއިންޓެވެ. މިއަދުގެ މެޗުން މާޒިޔާއާ އެއްވަރުކޮށްލައިގެން ވެސް ބާކީ އެއް މެޗު އޮއްވައި ޓީސީ އަށް ލީގު ލިބޭނެ އެވެ. މި މެޗުން ބަލިވިޔަސް ފަހު މެޗުން އީގަލްސް އަތުން މޮޅުވެގެން ޓީސީ އަށް ލީގު ހޯދޭނެ އެވެ.
މާޒިޔާ އަށް ލީގު ލިބެން އޮތީ މިއަދު ޓީސީ ބަލިކުރުމުގެ އިތުރުން ފަހު މެޗުން ނިއު އަތުން މޮޅުވެ، ޓީސީ ފަހު މެޗުން އީގަލްސް އަތުން ވެސް ބަލިވެގެންނެވެ. ފަހު މެޗުން ޓީސީ އާއި އީގަލްސް އެއްވަރުވެއްޖެނަމަ މި ވަގުތަށް ބަލާއިރު ގޯލު ތަފާތުން ވެސް މާޒިޔާއާ ވާދަކޮށް ކުރިލިބޭނީ ޓީސީ އަށެވެ. ޓީސީގެ ފައިދާ 43 ލަނޑު އޮތްއިރު، މާޒިޔާގެ އޮތީ 32 ލަނޑެވެ.
އެންމެ ފަހުން ޓީސީ އަތުން މާޒިޔާ އަށް މޮޅެއް ހޯދުނީ މިދިޔަ އަހަރުގެ މާލޭ ލީގުގަ އެވެ. އޭގެ ފަހުން މި ދެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ޓީސީ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ލީގުގެ އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ލީގު ހޯދަން މާޒިޔާ އިން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ފ. ނިލަންދޫ އަތުން މޮޅުވި މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުރިއަށް އޮތް ދެ މެޗުގެ އަމާޒަކީ ވެސް މޮޅުވެގެން ނިންމާލުން ކަމަށެވެ.
ޓީސީ އަށް މި ކާމިޔާބީ ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އުމުރުން 33 އަހަރުގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މި އަހަރުގެ މާލޭ ލީގު ނިއު ރޭޑިއަންޓަށް ކާމިޔާބު ކޮށްދިނުމަށް ފަހު ދަގަނޑޭ އެ ޓީމު ދޫކޮށްލީ މުސާރަ ނުދޭތީ އެފްއޭއެމަށް މައްސަލަ ހުށަހެޅުމަށް ފަހު އެއްބަސްވުން ބާތިލްކޮށްގެންނެވެ. ޓީސީ އަށް ބަދަލުވުމަށް ފަހު ދަގަނޑޭ ވަނީ މިހާތަނަށް އެ ޓީމަށް 20 ލަނޑު ޖަހައިދީފަ އެވެ. މުޅި ސީޒަނުގައި އެއްކޮށް ދަގަނޑޭ ވަނީ 40 ގޯލު ހަމަކޮށްފަ އެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ކޮލިފިކޭޝަން ވެސް ކާމިޔާބުކޮށް 2015 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީ އަށް މިހާތަނަށް ލިބުނު ކާމިޔާބީ އަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަމެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ތިން މުބާރާތެއްގެ ފިޔަވައި ދެން ހުރިހާ މުބާރާތެއް އެ ޓީމުން ނިންމާލީ ދެ ވަނައިގަ އެވެ. އެ ޓީމަށް ދެ ވަނަ ނުލިބި ދިޔައީ މިދިޔަ އަހަރާއި މި އަހަރުގެ މާލޭ ލީގުގެ އިތުރުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ