ސީލައިފަށް ދެއްކި ފައިސާ ސަރުކާރުން ހޯދަން 203 މީހަކު ކުރި ދައުވާ ބަލައިގެންފި

ހުޅުމާލޭގައި ފުލެޓްތަކެއް އަޅަންކަމަށްބުނެ ސީލައިފުން 203 މީހެއްގެ އަތުން ނެގި ފައިސާ ސަރުކާރުން އަނބުރާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
ސީލައިފް މައްސަލާގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ އިއްޔެ ސިވިލް ކޯޓުގައި އެ މައްސަލަތައް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. ސީލައިފުން ލަނޑުދިން ފަރާތްތަކުގެ ކޯޓަށް ހުށަހަޅާފައި ވަނީ އެމީހުންނަށް ގެއްލުންވީ ސަރުކާރުގެ ފަރާތުން (އެޗްޑީސީ)އިންނާއި އިކޮނޮމިކް މިނިސްޓްރީން އަމަލުކުރި ގޮތަކުން ކަމަށްވާތީ، އެމީހުން ދެއްކި ފައިސާ ސަރުކާރުން އަނބުރާ ހޯދުމަށެވެ.
"މި މައްސަލައަކީ މުޅި މައްސަލައަށް ބަލާއިރު ސަރުކާރުން ޒިންމާ ނަގަންޖެހޭ މައްސަލައެއް. ފޮރިން އިންވެސްޓްމަންޓަކަށް 200 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ހުއްދަދިންއިރު، އެޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ފައިނޭންޝަލް ކެޕޭސިޓީ ނެތްކަން އެގިތިބެ ޕްރޮޖެކްޓް ހަލާކޮށް ގެންދިޔައީ. ދެން ޓްރޭޑް މިނިސްޓްރީ އެބައޮތް ފޮރިން ޕާޓްނަރުންނަށް ރާއްޖެއިން ދާން ހުއްދަ ދީފައި. އެހެންކަމުން މި 203 މީހުންގެ ފަރާތުން އަޅުގަނޑު ވަކާލާތު ކުރަނީ ސަރުކާރުން މި ފައިސާ ހޯދަން" ޝުނާނާ ވިދާޅުވިއެވެ.
ޝުނާނާ ވިދާޅުވީ ފައިސާ ހޯދުމަށް ކުރި މަސައްކަތްވެސް ނާކަމިޔާބުވެފައިވަނީ މި ޕްރޮޖެކްޓް ހަވާލުކުރުމާއި މޮނިޓަރކުރުމާއި ފިޔަވަޅު އެޅުމުގައި އެޗް.ޑީ.ސީއާއި ދިވެހި ސަރުކާރު އިހުމާލުވެފައި ވުމުން ކަމަށްވާތީ ފްލެޓްތަކަށް ދެއްކި ފައިސާއާއި އެންމެހައި ގެއްލުމުގެ ބަދަލު އެޗް.ޑީ.ސީއާއި ދިވެހި ސަރުކާރުން ދައުވާކުރާ ފަރާތަށް ދޭންޖެހޭނެކަމަށް ކަނޑައަޅުއްވައި، އަދި އެ ބަދަލު ސީ ލައިފް ގްލޯބަލްގެ ކިބައިން އަނބުރާ ހޯދުމަށް އެޗް.ޑީ.ސީއާއި ސަރުކާރުން ބޭނުންނަމަ ސީ ލައިފް ގްލޯބަލްގެ ކިބައިން އެ ބަދަލު ހޯދުމުގެ މަސައްކަތް ކޮށް ދައުވާކުރުމަކީ އެޗް.ޑީ.ސީއާއި ދިވެހި ސަރުކާރުން ކުރަންޖެހޭކަމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވާ ކަމަށެވެ.
ސީލައިފުން 203 މީހުންގެ އަތުން ނަގާފައިވާ ބުކިން ފީއާއި އެޑްވާންސްގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ވަނީ ދައުވާކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ސީލައިފްއާއި ހަވާލުކޮށް ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި މައްސަލަ މިހާރު ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.
އެކުންފުނިން ބުނެފައިވަނީ އަމާޒަކީ މުޅި މަޝްރޫއުގެ މަސައްކަތް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ނިންމާލުން ކަމުގައެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ