ރައީސް ނަޝީދުގެ މައްސަލާގައި ސްޕްރީމް ކޯޓު ހުކުމް ރަނގަޅު: މެމްބަރު ނަޝީދު

ރައީސް ނަޝީދުގެ މައްޗަށް ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް ތާއީދު ކުރައްވައި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި މެމްބަރު ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުން ގޯސް ކަމަށާއި، ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުއްލާފައިވާ ދައުވާ އަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ.
"ޓެރަރިޒަމް އަކީ ދައުލަތާއި ދެކޮޅަށް ބަޔަކު ހިންގާ ބޮޑު އުދުވާނެއް. ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަވައިގެން އެކަމެއް ނުކުރެވޭނެ" ރައީސް ނަޝީދު ޓެރަރިސްޓަކަށް ނެހޭދެ ކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ފުރަތަމަ އުފުއްލެވީ ރަނގަޅު ދައުވާއެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ ދެ އަހަރު ފަހުން ކުއްލިއަކަށް ރައީސް ނަޝީދު ޓެރަރިސްޓަކަށް ވުން ގަބޫލު ނުކުރެއްވޭނެ ކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.
"އެކަމެއް ހިނގި ފަހުން ނަޝީދު ވެރިކަމަށް ކުރިމަތިލައްވައިގެން ޔާމީނާއިވެސް ވާދަ ކުރެއްވި. ދެން ކުއްލިއަކަށް މި ކަމެއް ހިނގިތާއް ދެ އަހަރު ފަހުން ބޮޑު ޓެރަރިސްޓަކަށްވެ، ދަމާކޫއްތާފަ ކޯޓަށް ގެންގޮސް ޖަލު ބަންދުކޮށް، މިގޮތަށް ކުރި ހުކުމް ބަލައި ނުގަނެވޭނެ" މެމްބަރު ނަޝީދު ވިދާޅުވިއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ނަޝީދުގެ މައްޗަށް އޭރުގެ ގާނޫނުލް އުގޫބާތުގެ ދަށުން ކުރެވޭނެ ދައުވާއަކީ ގާނޫނާއި ހިލާފަށް މީހަކު ހައްޔަރު ކުރުމުގެ ދައުވާ ކަމަށެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ބަދަލުވުމާއި ގުޅިގެން ކުއްލިއަކަށް ކުރެވުނު ދައުވާއާއި އެކު މުޅި ނިޒާމުން ނުއަތު ބުރެއް ޖެހި ކަމަށް ނަޝީދު ސިފަ ކުރެއްވިއެވެ. ނަޝީދު ވިދާޅުވީ މީހަކު ކުރާ ކުށާއި ދެވޭ އަދަބު ސާފުވާން ޖެހޭ ކަމަށެވެ.
"މީހަކު ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލަން އިހްތިޔާރު އޮވެމެ، ދޫކޮށްނުލައި ހުރުމަކީ ޓެރަރިޒަމް ކަމަށް ޖަސްޓިފައި ނުކުރެވޭނެ" މެމްބަރު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މިއަދު ސްޕްރީމް ކޯޓުން ހުކުމް އިއްވުމާއި ގުޅިގެން ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ މަޖިލިސް މެމްބަރުން އެކަމާއި ހަނު ތިއްބަވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ސްޕްރީމް ކޯޓުން މިއަދު ނިންމީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގަތީ ޤާނޫނާއި ޝަރުއީ ހަމަތަކުގެ މަތިން ކަމަށް ނުވާތީ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. ރައީސް ނަޝީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށެވެ. އަދި އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރިން، ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ރަހީނު ކުރުމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ