ރައްޔިތުން ވެރިކަން ޙަވާލުކުރި މުއްދަތު ނިމުމުން ވެރިކަން ދޫކުރަން ޖެހުމަކީ އަނބިދަރިންނަށް ޖަވާބުދާރީ ވާންޖެހޭ ކަމެއް ނޫން: ޑރ. ޙުސައިން

ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރަނީ 5 އަހަރުގެ މުއްދަތަކަށް ކަމަށާއި ވެރިކަން ކުރަން ޙަވާލުކުރި މުއްދަތު ނިމުމުން ވެރިކަން ދޫކުރަން ޖެހުމަކީ އަނބިދަރިންނަށް ޖަވާބުދާރީ ވާންޖެހޭ ކަމެއް ނޫން ކަމަށާއި އަދި އެއީ އަނބިދަރިންނަށް ޖަވާބުދާރީ ނުވެވިގެން ކަންބޮޑުވާން ޖެހޭނެ ކަމެއްވެސް ނޫން ކަމަށް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
"ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރަނީ 5 އަހަރުގެ ދައުރަކަށް. އެއީ ކުރީ ޒަމާނުގައި މީހާގެ އުމުރަށް ފަޅުރަށެއް ލިޔެދޭ އުޞޫލުން ކުރާކަމެއް ނޫން. ވެރިކަން ލިބޭ މީހާ އެގޮތަށް އެކަން އުންމީދުކޮށްގެން ވެސް ނުވާނެ."
ޑރ. ޙުސައިން މިރޭ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ލީ ވޯޓު ތަންފީޒުވެގެންދާނެ ކަމަށާއި ރައްޔިތުން ދެކެން ބޭނުންވި ހުވަފެން ޙަޤީޤަތަކަށްވެގެން ދާނެ ކަމަށެވެ. ރައްޔިތުންގެ ނިންމުމަށް ހުރަސްއެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ވޯޓުލާފައިވަނީ ހަމައެކަނި 4 ލީޑަރުން ބޭނުންފުޅުވެގެން ނޫން ކަމަށާއި އެއީ ރައްޔިތުން 5،4 ގަޑިއިރު ރައްޔިތުން ގަދަ އަވީގައި ކޮޅަށް ތިބެގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ރައްޔިތުން ވެފައިވާ ވަރަށް ބޮޑު ޤްރްބާނީއެއް ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ ރައްޔިތުންގެ ފައިސާ ފުރިހަމައަށް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވެރިކަމުގައި ހުންނަ މީހެއްގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެގޮތަށް އެކަން ކޮށްފައި ނެތުމަކީ ރައީސް ޔާމީނަށް އިތުރު ފުރުޞަތެއް ދޭން ރައްޔިތުން ބޭނުންނުވި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ