ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޯޓުން މިރޭ ބަލައިގެންފިއެވެ.
މިއަދު މެންދުރުފަހު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިރޭގެ ވަގުތެއްގައި ބަލައިގަނެފައިވާ ކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، ގާނޫނީ ވަކީލު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް ޔާމީން އައްޔަންކުރައްވާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ހިނގާފައިވާ ކަންކަމާ މެދު ރައީސް ޔާމީންގެ ސަޕޯޓަރުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާތީ އެކަންކަން ބެލުމަށްފަހު ކަމަށެވެ.
ސަލީމް ވިދާޅުވީ އެ މައްސަލާގައި އެދިފައި ވަނީ ކޮން ކަމެއް ކަމާއި ހުށަހަޅާފައިވާ ހެކިތަކަކީ ކޮބައިކަން އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. ޕީޕީއެމްއިން ބޭއްވި ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓުން މިރޭ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ