މައިނަރ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަދައިފި

އުރީދޫ މޯލްޑިވްސް އަދި މައިނަރ ފުޑް މޯލްޑިވްސް ގުޅިގެން މައިނަރ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ތަޢާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ މިއާއެކު އެމްފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަރ ކިންގްގެ ބިލުތަކަށް އެމްފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނަރ ފުޑް އައުޓްލެޓް ތަކުންވެސް މިޚިދުމަތް ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
އުރީދޫއާއި މައިނަރ ފުޑް ގްރޫޕް ގުޅިގެން މި ތަޢާރަފްކުރި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ވަނީ މި ޚިދުމަތް ތަޢާރަފް ކުރުމާ ގުޅިގެން ޚާއްޞަ އޮފަރއެއްގެ ގޮތުގައި މައިނަރ ފުޑް އައުޓްލެޓްތަކުގެ ބިލުން އެމްފައިސާ ކަސްޓަމަރުންނަށް 15 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ގޮތަށް ހަަމަޖައްސާފައެވެ.
އުރީދޫ އެމްފައިސާ އެޕު ޑައުންލޯޑު ކުރެއްވުމަށްފަހު "ސްމާޓްޕޭ" އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކެވުމުން މި ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
މައިނަރ ފުޑް ގްރޫޕުން މާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަޤްވާމީ 5 ފުޑްޗެއިން އޮޕަރޭޓްކުރަމުންގެންދެއެވެ.
މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް، ބާގަރ ކިންގް، ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ