އޭޕްރީލް 6 ގައި ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރާނެގޮތް ރައްޔިތުން ނިންމާނެ: ރައީސް

މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރާނެގޮތް ރައްޔިތުން ނިންމާނެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.މީލާދީ އައު އަހަރު ފެށުމާއި ގުޅިގެން ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ މި ފެށުނު އަހަރަކީ ސިޔާސީ މުހިންމު ބަދަލަކާ ދިވެހިން ކުރިމަތިލާނެ އަހަރެއް ކަމަށާއި ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުން ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.ރައީސްގެ ޚިތާބުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައި ކަމަށާއި އެއީ ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދު ކަމަށެވެ. އަދި އެއީ ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދުގެ އިތުރުން އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދުގައި ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.ރައީސް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ފެނި ސާބިތުވެއްޖެކަމަށާއި ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ