ކެންސަލްކުރި ފްރެންޗް ލީގު ފަށަން ލިޔޯނުން ސަރުކާރުގައި އެދިއްޖެ

ޕެރިސް (މެއި 26) - ކޮވިޑް-19 ގެ ސަަބަބުން ފްރެންޗް ލީގު ކެންސަލްކުރަން ނިންމި ނިންމުން ބަދަލުކޮށް އަލުން ލީގު ފަށަން ހުއްދަދިނުމަށް އެދި ލިޔޯނުން ފްރާންސްގެ ސަރުކާރުގައި އެދިއްޖެ އެވެ.
ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާ އެކު ފްރާންސް ލީގު ކެންސަލްކުރީ މިދިޔަ މަހު 30 ވަނަ ދުވަހު އެވެ. ލީގުގެ ބޯޑުގެ ބައްދަލުވުމަށް ފަހު މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެން ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދިންއިރު، ހަތް ވަނައިގައި އޮތް ލިޔޯނަށް ވަނީ ގިނަ އަހަރުތަކަކަށް ފަހު ޔޫރަޕްގެ ދޮރު ބަންދުވެފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި ލީގު ކެންސަލްކުރި މައްސަލަ ލިޔޯނުން ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް ބަލައި ނުގަތެވެ.
ޔޫރަޕްގެ އެހެން ގައުމުތަކުގައި ފުޓްބޯޅަ ލީގުތައް ފަށާތީ ފްރާންސްގައި ވެސް އެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ގަބޫލުކުރައްވަ އެވެ. އަދި ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައިވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އައުލަސް ވަނީ އެދިލައްވައިފަ އެވެ. ލީގު ފެށުމާ ބެހޭގޮތުން އައުލަސް ވަނީ ފްރާންސްގެ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރަށް ސިޓީއެއް ފޮނުވައިފަ އެވެ.
"ޖޫން ދެ ވަނަ ދުވަހު އަހަރެމެންނަށް ވެސް އަލުން ފުޓްބޯޅައިގެ ދޮރުތައް ހުޅުވަން ޖެހޭ. ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކީއްވެ ފްރާންސްގައި މެޗުތައް ނުކުޅެވެންވީ. ސިއްހީ މާހިރުންގެ ގައިޑްލައިންތަކާ އެއްގޮތަށް ސީޒަން އަލުން ފަށައި ޖުލައި އަދި އޮގަސްޓްގައި ކުޅެގެން ވެސް ލީގު ފުރިހަމަކުރެވޭނެ. އެކަމަށް އެދި އަަހަރެން ސަރުކާރަށް ހުށަހެޅީ،" އޭއެފްޕީ އަށް އައުލަސް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"ޖަރުމަނާއި ސްޕެއިން އަދި އިންގްލެންޑްގައި ފުޓްބޯޅައިގެ ޕްލޭންތަކެއް ކޮށްގެން ކަންތައްތައް އެ ކުރާގޮތަށް ފްރާންސްގައި ވެސް ކުރެވޭނެ. އަހަރެމެންގެ އުއްމީދަކީ އަލުން ލީގު ފެށޭނެ ގޮތްވުން. މީގެ ފުރަތަމަ ބޭނުންވަނީ ސަރުކާރުގެ ހުއްދައެއް."
ލިޔޯނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ލީގުގެ ބޯޑާއި ކޯޓުން ނިންމާފައިވާ ނިންމުމަކާ ޗެލެންޖް ކުރަނީއެއް ނޫން ކަމަށާއި ފްރާންސް ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ހައްގުތަކެއް ގެއްލިފައިވާތީ އެ ހޯދަން ކުރެވޭ މަސައްކަތެއް ކަމަށެވެ.
ފްރެންޗް ލީގު ކެންސަލްކޮށްފައިވާއިރު ފްރާންސްގެ ޕީއެސްޖީ އާއި ލިޔޯން ޗެމްޕިއަންސް ލީގުގައި ކުޅެމުންނެވެ. ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށަން މަސައްކަތްކުރާއިރު، އެ މުބާރާތުގައި ޕީއެސްޖީ އާއި ލިޔޯން ކުޅޭ މެޗުތަކަށް ހަދާނެ ގޮތެއް ނޭނގުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ